ހަބަރު

ސަފާރީ ޔޮޓެއް ފަރަށް އަރައިފި

ޅ. ދިއްފުއްޓާ ދިމާލުން ސަފާރީ ޔޮޓެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި، ދިއްފުށީގެ އިރުމަތީ ފަރަށް "މުނާ ޔޮޓް" ނަމަކަށް ކިޔާ ސަފާރީ އެއް އެރި ކަމަށް މިއަދު ހެނދުނު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ފަރަށް ސަފާރީ ޔޮޓުގައި ހަތަރު ދިވެހިންނާއި ބިދޭސީ އެއް ހުރި ކަމަށް މައުލޫމާތު ދިނެވެ.

އަދި، ހާދިސާގެ ރިޕޯޓް ލިބުމުން ސެންޓްރަލް އޭރިއާގެ ކޯސްޓު ގާޑޫން ބޯޓަށް އެހީ ފޯރުކޮށް ދެމުން އަންނަ ކަމަށްވެސް ބުންޏެވެ.

މި އާދިއްތަ ދުވަހުވެސް ފަރަށް އެރި ސަފާރީއަކަށް ސިފައިންވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި، ހޮނިހިރު ދުވަހުވެސް ޔޮޓެއް ފަރަށް އަރައިގެން ރިޕޯޓުކޮށްފައި ވެ އެވެ.

އީދު ބަންދު ތެރޭގައި ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ. އެކަމާގުޅިގެން ކަނޑުމައްޗަށް ނުކުންނަ އުޅަނދު ފަހަރުތައް އިތުރަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.