ވިޔަފާރި

ބިޔަ ތެޔޮ ތާނގީތައް ނިންމައި ޓެސްޓް ކުރަން ފަށައިފި

ރާއްޖޭގެ މައި އެއާޕޯޓުގެ ހިދުމަތަށް އިންގިލާބީ ބަދަލެއް އަންނާނެ، "ފިއުލް ފާމް" ގެ ބިޔަ ތެޔޮ ތާނގީތައް ނިންމައި، ޓެސްޓް ކުރަން ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އަލަށް ހަދާ ތިން ތާނގީގެ ފުރަތަމަ ތާނގީ ޓެސްޓްތަކާއި އިންސްޕެކްޝަން ވެސް ނިންމާލާފައިވާ ކަމަށެވެ. އަދި ދެވަނަ ތާނގީ އާއި ތިންވަނަ ތާނގީ ޓެސްޓްތައް ހަދަމުންދާ ކަމަށެވެ. ފިއުލް ފާމްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ.

މި މަޝްރޫއުގެ ދަށުން ހަދާ ފިއުލް ފާމްގެ ފުރަތަމަ ބައިގައި ތިން ތާނގީ ހުރެ އެވެ. މި ފާމް ތައްޔާރު ކުރަނީ ތެޔޮ ތާނގީތައް އިތުރު ވެސް ކުރެވޭ ގޮތަށެވެ. މި ފާމްގައި ބަނދެ ބަހައްޓާ ކޮންމެ ތާނގީއެއްގައި 15،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ. މިހާރު މުޅި އެއާޕޯޓަށް ލިބެނީ ވެސް 15،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރުމުގެ ގާބިލް ކަމެވެ. މި ތާނގީތަކުގެ އުސް މިނުގައި 44 ފޫޓު ހުރެ އެވެ. އަދި އެތެރޭގެ ވަށަމިނުގައި 121.391 ފޫޓު ހުރެ އެވެ. މި ތާނގީތައް ނިމުމުން މުޅި އެއާޕޯޓުގައި ތެޔޮ ރައްކާ ކުރުމުގެ ގާބިލްކަން 45،000 މެޓްރިކް ޓަނަށް އިތުރު ވެގެންދާނެ އެވެ.

މި މަސައްކަތް ކުރަނީ ވީއައިއޭގެ ގިނަ މަސައްކަތް ތަކެއް ކުރާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. މިއީ 373 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން މަތިންދާ ބޯޓަށް ތެޔޮ ފޯރުކޮށްދިނުމަށްޓަކައި އެއާޕޯޓުގެ ބިމު އަޑީގައި 8.4 ކިލޯ މީޓަރުގެ "ފިއުލް ހައިޑްރެންޓް" ހޮޅި އަޅާފައިވެ އެވެ. މި ސިސްޓަމުން ހިދުމަތް ފެށުމުން ތެޔޮ ލޮރީގައި ބޯޓަށް ތެޔޮ އެޅުން ނިމިގެންދާނެ އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.