ރިޕޯޓް

ނައިބު ރައީސުން ބޭވަފާތެރިވުމުގެ ސިލްސިލާ އަދީބާ ހަމައިން ނިމުމަކަށް އައީތަ؟

Jul 31, 2015
1

އުމުރުން އެންމެ 33 އަހަރުގެ ނައިބު ރައީސްއަކާ އެކު އަހުމަދު އަދީބުގެ ތާރީހުގެ ތެރެއަށް ވަދެގެން ދަނީ އެންމެ ޒުވާން ނައިބު ރައީސްގެ ޝަރަފު ހޯދަމުންނެވެ. ސިޔާސީ މައިދާނުގައި އަޑުގަދަ ބަސް ވިކޭ ގިނަ ދުވަސްވީ ރަށްޓެހިންތަކެއް ތިއްބެވިޔަސް އަބަދުވެސް އަދީބު ފާހަގަ ކުރެވުނީ ރައީސް އަބްދުﷲ ޔާމީންގެ ބޮޑު ވަޒީރުގެ ގޮތުގަ އެވެ. އެންމެ އިތުބާރު ކުރައްވާ މުހިންމު ބޮޑެތި ސިޔާސީ މިޝަންތައް ނިންމާލުމުގެ މަސައްކަތް ރައީސް ހަވާލު ކުރައްވާފައި އޮންނަނީ އަދީބާ އެވެ. ގައުމުގެ ސެކަންޑް އިން ކޮމާންޑްކަން، އަދީބާ ހަވާލު ކުރެއްވީ އެ މިޝަންތައް އެންމެ ކާމިޔާބު ކަމާ އެކު ނިންމާލުމުގެ ހަދިޔާއެއްގެ ގޮތުން ކަމަށް ވެދާނެ އެވެ.

އެކަމަކު އެ ޒުވާން ނައިބު ރައީސްގެ ކުރިމަތީގައި އަދި އޮތީ ފަސޭހަ މަސައްކަތެއް ނޫނެވެ. ބުރަ އަދި އުނދަގޫ ޗެލެންޖެކެވެ. އަދީބަށް ވުރެ މާ ދުވަސްވީ ދުރުވިސްނޭ ކަމަށް ހީކުރެވުނު އެތައް ސިޔާސީ ތަޖުރިބާއެއް ހުންނެވި ކިތަންމެ ބޭފުޅަކު، ނައިބު ރައީސްކަން ކުރެއްވި އިރު އެބޭފުޅުންނަށް ނުކުރެއްވުނު ކަމެކެވެ. އެއީ ނައިބު ރައީސް އެއްގެ ކިބައިން ފެންނަން ޖެހޭ ހަމަ އެކަނި ސިފަ ރައީސްއަށް އިހުލާސްތެރިވީ ނައިބު ރައީސްއެއް ރާއްޖޭގެ ތާރީހުގައި އަދި ފެނިފައި ނެތުމެވެ. ރާއްޖޭގެ ނައިބު ރައީސުންގެ ތާރީހު ހުތުރުވެފައި އޮތީ، ވެރިކަމުގެ އުންމީދުގައި ނައިބު ރައީސްއަށް އޭނާގެ އެޖެންޑާއިން ބޭރު ވެވި، ގާނޫނީ މަސްއޫލިއްޔަތަށް ވެސް ފައިން އެރުއްވުމުންނެވެ. މަޖިލީހުން މުޅިން އަލަށް ނައިބު ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ޖަމީލް މަގާމުން އަޒުލް ކުރަން ޖެހުނީ ރައީސްއާ ދެކޮޅަށް ހިންގެވި އެތައް ހީލަތްތެރި މަސައްކަތްތަކެއް ފަޅާއެރުމުންނެވެ.

ތާރީހުގެ ތެރެއަށް ވަންނަ އިރު، ރައީސް އަމީނާއެކު ރަނގަޅަށް ހިނގަ ހިނގާ އޮތް ސަރުކާރެއް ނައިބު ރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އިންގިލާބު ކޮށްލެވި އެވެ. ނައިބު ރައީސެއް ނޫން ނަމަވެސް ރައީސް އިބްރާހިމް ނާސިރު ބޮޑުވަޒީރަކަށް ހިޔާރު ކުރެއްވި އަހުމަދު ޒަކީ އެންމެ ފަހުން "ދުއްވާލަން" ޖެހުނީ ވެސް މިކަހަލަ ސަބަބުތަކެއް އައިމަ އެވެ.

ނައިބު އަދީބުގެ ކުރިމަތީގައި މިހާރު މި އޮތީ ނައިބު ރައީސުންގެ ތާރީހުގައި އާ ސޮފްހާއެއް ލިޔުމުގެ ޗެލެންޖެވެ. އެއީ ރައީސަށް ވަފާތެރި ތެދުވެރި، ރައީސް ހަވާލު ކުރައްވާ މަސައްކަތެއް އެގޮތަށް ފުރިހަމަ ކަމާ އެކު ނިންމާލެއްވުމުގެ އުނދަގޫ ޗެލެންޖެވެ. ބޮޑު ސުވާލަކީ ޒުވާން ޖޯޝްގައި މީގެ ކުރިން މަސައްކަތްތައް ނިންމާލެއްވި ގޮތަށް އަދީބަށް އެ ޒިންމާ ނެންގެވޭނެ ހެއްޔެވެ؟ ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ގިނަ މެންބަރުން ވިދާޅުވަނީ އެކަމާ މެދު ޝައްކެއް ނުހިނގާ ކަމަށެވެ. ރައީސް ޔާމީންގެ ބޮލަށް ފައިން އަރުއްވައި އަދީބު ރައީސް ކަމަށް ވަޑައިގަތުމުގެ ވިސްނުން ނުގެންގުޅުއްވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ޔަގީންކަން ދެއްވަ އެވެ. އޭނާ ވިދާޅުވީ އަދީބު ވަނީ އިތުބާރު ލިބޭނޭ ގޮތަށް އުނދަގޫ ގިނަ މަސައްކަތްތަކެއް ކާމިޔާބު ކަމާ އެކު ކުރައްވައިފަ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީންއަށް އަދީބުގެ އޮތް އިހުލާސްތެރި ކަމާ މެދު ޝައްކެއް ނެތް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުތަކުގައި، ނެގޭ ކޮންމެ ފޮޓޯއެއްގައި [ރައީސް ޔާމީންއާ] ޖެހިގެން އެބަ ފެނޭ ޓޫރިޒަމް މިނިސްޓަރު އަދި ޕާޓީގެ ނައިބު ރައީސް އޮނަރަބްލް އަހުމަދު އަދީބު. އަޅުގަނޑަށް ހަމަ 99.9 ޕަސެންޓް ޔަގީންކަން އެބަ އޮތް އަދީބު ވެރިކަމާ ހެދި ނޫޅުއްވާނެކަން. މިހާތަނަށް ކުރެއްވި މަސައްކަތްތަކުން އެ އިތުބާރު އެ ވަނީ އަދީބު ހޯއްދަވާފައި،" ނިހާން ވިދާޅުވެފަ އެވެ.

އަދީބު މިހާރު ހުންނެވި ހިސާބަށް ވަޑައިގެންނެވުމުގެ މައިގަނޑު ސަބަބަކީ، މަސައްކަތްތައް ކުރައްވައި ނަތީޖާ ދެއްކެވުމެވެ. އަދީބު ފާހަގަ ކުރެވެނީ ރައީސް ޔާމީންގެ ކެބިނެޓްގައި ހުންނެވި އެންމެ ބާރު ސްޕީޑްގައި މަސައްކަތްތައް ކުރައްވައި ނަތީޖާ ނެރުއްވާ މިނިސްޓަރުގެ ގޮތުގަ އެވެ. ރައީސް ޔާމީން ސަރުކާރު ހިންގުން ސޯޝަލް ކައުންސިލާއި އިކޮނޮމިކް ކައުންސިލަށް ބަހާލާފައި އޮތް އިރު، އެންމެ ގިނަ ނިންމުންތައް ނިންމައި ތަންފީޒީ މަރުހަލާއަށް ގެންގޮސްފައި ވަނީ އަދީބުގެ ކޯޗެއާއެއްގެ ގޮތުން ހިންގަވަމުން ގެންދެވި އިކޮނޮމިކް ކައުންސިލުންނެވެ. ރައީސްގެ މޭޒު މައްޗަށް ފަހު ބަސް ބުނަން އެންމެ ގިނަ މައްސަލަތައް ގެނެސްފައި ހުރީ އިކޮނޮމިކް ކައުންސިލުންނެވެ.

މި ސަރުކާރުން ބޭރަށް ޖެހިލާ، ރައީސް މުހައްމަދު ވަހީދުގެ ދުވަސްވަރު ޓޫރިޒަމަށް ކުރިމަތިވި، ނިކަމެތިކަމުން ސަލާމަތް ކުރުމަށް ރާއްޖޭގެ މޫނު ރީތިކޮށް ދިން ލޯގަނޑަކަށް ވެސް އޭރު ވީ އަދީބެވެ. ރާއްޖޭގައި އޭރު އޮތް ހޫނު މަސްރަހާ ގުޅޭ ގޮތުން ބޭރުގެ މީޑިއާތަކުން ހިތުހުރި އެއްޗެއް ގޮވައި، ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވަމުން ދިޔަ ހަޅޭކާ ފިސާރި ކެރިގެން އަދީބު އޭރު ކުރިމަތިލެއްވި އެވެ. ބޭރު މީޑިއާތަކުގެ ހޫނު ސުވާލުތަކާ ޖެހިލުމެއް ނެތި ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން ކުރިމަތިލައި، ރައްދު ޖަވާބު ދިޔައީ ދެމުންނެވެ. ރާއްޖޭގެ ޕްރޮމޯޝަންގެ އަޑުގަދަކޮށްލައި، ބޮއިކޮޓް ކެމްޕޭން ބަލިކޮށްލީ އޭރު ޓޫރިޒަމް މިނިސްޓަރަކަށް އަދީބު ހުންނަވައި ކުރެއްސެވި ގޭމް ޕްލޭނަކުންނެވެ. އެ މަގާމަށް އަދީބު ވަޑައިގަތީ ވެސް ރައީސް ޔާމީންގެ ހޮއްވެވުމެއްގެ ގޮތުގަ އެވެ. އެފަހަރު ރައީސް ޔާމީން ހަވާލު ކުރެއްވި ޒިންމާ އަދީބު 100 ޕަސެންޓް ރަނގަޅަށް ފުރިހަމަ ކުރެއްވި އެވެ.

އަދީބާ މެދު މިހާރު ކުރާ އުންމީދަކީ ވަފާތެރި ނައިބު ރައީސެއްގެ ނަމޫނާ ދެއްކެވުމެވެ. އަމިއްލަ އެދުމުން ހުތުރު ވެފައި އޮތް ނައިބު ރައީސުންގެ ތާރީހު ސާފު ކުރާނެ ބޭފުޅަކަށް އަދީބު ވުމަކީ އުންމީދެއް ކަމަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި ޒުވާނަކު ބުންޏެވެ. އޭނާގެ ހިޔާލު އިތުރަށް ފާޅު ކުރަމުން ބުނީ، ޒުވާނުުން ބާރުވެރި ކުރުވައި ހުރިހާ ޒުވާނުންނާ އެކު ރައީސް ޔާމީންގެ ފަހަތު ގައުމު ކުރިއަށް ގެންދާނެ ޒުވާން ލީޑަރެއްގެ ގޮތުގައި އަދީބު ވުމަށް އެދޭ ކަމަށެވެ. މިއީ އަދީބުގެ ކުރިމަތީގައި މިހާރު އޮތް އެންމެ ބޮޑު ޗެލެންޖެވެ.

އެ ޗެލެންޖާ އަދީބު ކުރިމަތިލައްވަން ހުންނެވީ ކިހާވަރަކަށް ތައްޔާރުވެގެން ހެއްޔެވެ؟ ނައިބު ރައީސްކަމަށް އަދީބު އައްޔަން ކުރެއްވި ފަތްކޮޅާ އެކު އަދީބު އިއްޔެ ކުރެއްވި ޓްވީޓްގައި ރައީސް ޔާމީނަށް ޝުކުުރު އަދާ ކުރައްވަމުން ވިދާޅުވީ، ވަފާތެރި ނައިބު ރައީސެއްކަން ސާބިތުކޮށްދޭނެ ކަމަށެވެ. އަދީބު ވިދާޅުވެފައިވާ ގޮތުައި ސިޔާސީ ގޮތުން އެ ހިސާބަށް ވަޑައިގެންނެވުމަށް މަގުކޮށައިދިނީ ރައީސް ޔާމީނެވެ. ރައީސް ޔާމީން އޭނާއަށް ބެހެއްޓެވި އިތުބާރު، މިފަހަރު ރައީސް ޔާމީންއަށް ދައްކަވައިދެއްވާނީ ވަފާތެރި ނައިބު ރައީސަކަށް ވެގެން ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ. ވެރިކަމަށް ވަޑައިގަތުމުގެ އުންމީދެއް ކުރެއްވުމަށް ވުރެ، ރައީސް ހަވާލު ކުރައްވާ މަސައްކަތް ފުރިހަމަޔަށް އިހުލާސްތެރި ކަމާ އެކު ކުރުމަކީ ގާނޫނީ ގޮތުން އޭނާގެ ބޮލުގައި އެޅިފައި އޮތް ޒިންމާ އަދާކުރުން ކަމަށް އަދީބު ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުވާނީ ރައީސް ޔާމީންއަށް ވަފާތެރި، މަސައްކަތްތައް ބަރާބަރަށް އިހުލާސްތެރިކަމާ އެކު ކުރާނެ ނައިބު ރައީސްއަކަށް،" އަދީބު ޓްވީޓް ކުރެއްވި އެވެ.

މިއީ އަދީބުގެ ސިޔާސީ ކެރިއަކުގައި ނަންގަވާނެ ބޮޑު ޗެލެންޖެކެވެ. މިއީ މިހާތަނަށް ރާއްޖޭގެ ނައިބު ރައީސަކަށް ކުރެވިފައި އޮތް ކަމެއް ނޫނެވެ. ނަމަވެސް ޒުވާން ޖޯޝްގައި އަދީބު މި ޗެލެންްްޖް ވެސް ނަންގަވާނެ ކަމަށް ގަބޫލު ކުރަމާ ހިނގާށެވެ. ބޭވަފާތެރިކަމުން ތަތްތެޅިފައި އޮތް ނައިބު ރައީސުންގެ ތާރީހު، ވަފާތެރިކަމުގެ އުންމީދު އާކޮށްލަ ދިނުމުގެ ބޮޑު ޒިންމާ އެޅިފައި އޮތީ އަދީބުގެ އިސްތަށިފުޅުގަ އެވެ.