ދިވެހިން ކެއުމުގައި އެންމެ އާއްމުކޮށް ބަޔަކީ ހަނޑޫ، ހަކުރު އަދި ފުށެވެ. ގުޅަ ތެއްލިއަސް، ބޯކިބާ ފިހުނަސް، ބަރަބޯ ހިލިއަސް މި ތިން ބާވަތް އަޅަން ޖެހެ އެވެ. އެހެންވެ މިއީ ދިވެހިންގެ "ޑެއިލީ ލައިފް" ގެ މުހިންމު ތިން އެކުވެރިންނެވެ. ޒަމާނުއްސުރެން ފެށިގެން ވެސް މި ތިން ބާބަތަށް ކިޔަމުން މިދަނީ "ކާޑު" އެވެ. ޒަމާން ބަދަލުވެ، އަލަށް "ފޯނު ކާޑު" އައިސް އޮޅުންތަކެއް އެރި ނަމަވެސް ކާޑުގެ މަގާމަކަށް ބަދަލެއް ނާދެ އެވެ.
ދެން އޮތީ ގިނަ ދިވެހިން ދަންނަ މިންގަނޑެކެވެ. އެއޯ އެސްޓީއޯ ރޭޓެވެ. އެސްޓީއޯ ރޭޓްއަކީ ކޮބައި ހެއްޔެވެ؟ އެސްޓީއޯ ރޭޓާއި ކާޑާ އެއްވެސް ގުޅުމެއް ވޭ ހެއްޔެވެ؟
"އަޅުގަނޑަކަށް ބޮޑަށް ބެލެވެނީ 'ކާޑު' މި ބަސް ބޭނުން ކުރަން ފެށިފައި ވަނީ ބޮޑު ތަދުގެ ދުވަސް ވަރުން ފެށިގެން ހެން. އެކަމަކު ކާޑަކީ ރަސްމީކޮށް ބޭނުންކޮށް އުޅުނު ބަހެއް ނޫން،" ތާރީހު ދިރާސާ ކުރައްވާ އަލާ ދީދީ ވިދާޅިވި އެވެ.
ހަނޑޫ، ހަކުރު އަދި ފުށަށް "ކާޑު" މި ބަސް ބޭނުން ކުރަން ފެށި ސަބަބެއް ސީދާ ތާރީހީ ލިއުންތަކުން އެނގޭކަށް ނެތެވެ. ނަމަވެސް މި ބާވަތް ވިއްކައި ނުވަތަ ދޫކުރި ތަންތަނުގައި ކުރީ ޒަމާނުގައި މަސައްކަތް ކުރި މީހުންގެ ނަމުގެ ފަހަަތަށް ނޫނީ ކުރި އަށް "ކާޑު" މި ބަސް އިތުރު ކޮށްގެން ކިޔައި އުޅުނުކަން ތާރީހީ ބައެއް ލިއުންތަކުން ފެނެ އެވެ. އަދި އެފަދަ ބައެއް މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ.
ދިވެހިންގެ ނަމާއި ކާޑު ގުޅިފައި!
އަލާ ވިދާޅުވި ގޮތުގައި ކުރިން ކާއެއްޗިހި ދޫކުރާ ތަންތަނުގައި މަސައްކަތް ކުރި މީހުންގެ ނަމާއެކު "ކާޑު" ބޭނުން ކޮށްފައި ވެއެވެ.
"މިސާލަކަށް ކުޅުދުއްފުށީ ކާޑު މޫސަ. އޭނާގެ އަސްލު ނަމަކީ އީސާ އަލީ މޫސަ. މިގޮތަށް ކާޑުގެ ނަމާއެކު ބައެއް މީހުންނަށް ނަން ދީފައި އެބަހުރި،" އަލާ ވިދާޅުވި އެވެ.
ޒަމާން ބަދަލުވެއްޖެ އެވެ. ނަމަވެސް މިހާރުވެސް އެންމެ އިހުޒަމާނުއްސުރެން ފެށިގެންވެސް ކާޑު ވިއްކަނީ ސަރުކާރުގެ ބޮޑު ކުންފުނިންނެވެ. މިހާރުގެ ނަމުން ނަމަ މިއީ އެސްޓީއޯ އެވެ. އަދި ވަކިމިން ވަރަކަށް ބައިކޮށް، ބައި އަޅަން ފަށައިފިނަމަ މިހާރު ވެސް ބުނެ އުޅެނީ ތިޔަ ބަހަނީ ހަމައެސްޓީއޯ ރޭޓުންނެވެ. އެސްޓީއޯ ރޭޓަކީ ކޮބައި ހެއްޔެވެ ؟ އެސްޓީއޯ ރޭޓް ކިޔައި އުޅެނީ ކީއްވެގެން ހެއްޔެވެ؟
ގުޅުންހުރި ދެ އެކުވެރިން
އެސްޓީއޯ ރޭޓާއި ކާޑާ ހުރި ގުޅުން ފެންނަނީ ރާއްޖެ އަށް ހަނޑޫ، ހަކުރު އެސްޓީއޯ އިން އެތެރެ ކުރަން ފެށުމާ ހިސާބުންނެވެ. އެސްޓީއޯގެ އުފަންވުން އައިސްފައިވަނީ ދިވެހިން އަސާސީ މުދާ ރާއްޖެ އަށް އެތެރެކޮށް ވިއްކުމަށްޓަކައި އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި، 1964 ވަނަ އަހަރު އުފެއްދެވި އަތިރީމާފަންނު ޓްރޭޑިން އެޖެންސީ (އޭޓީއޭ) ކުންފުނި އުފެދުނު ހިސާބުންނެވެ.
ފަހުން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ނަމަށް ބަދަލު ކުރެއްވީ ޖޫން 9، 1979 ވަނަ އަހަރު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. މިއާއެކު އެ ކުންފުންޏަށް ހަވާލުވެފައިވާ މައިގަނޑު މަސައްކަތަކީ ރާއްޖެ އަށް ބޭނުންވާ ވަރަށް ތެލާއި ކާޑު އެތެރެ ކުރުމެވެ. އެ ޒިންމާ މިހާރުވެސް އިހުލާސްތެރިކަމާއެކު އަދާކުރަނީ ހަމަ އެ ކުންފުނިންނެވެ. އެ ކުންފުންޏަކީ ކާޑާއި އެންމެ ގުޅުންހުރި ކުންފުންޏަށްވަނީ އެހެންވެ އެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މުހައްމަދު ހުސެއިން މަނިކު ވިދާޅުވި ގޮތުގައި "އެސްޓީއޯ ރޭޓް" އަކީ ހަނޑޫ، ހަކުރު އަދި ފުށުގެ ކޮންޓްރޯލް އަގެވެ.
"އެސްޓީއޯ ރޭޓް ވަރަށް ބަދަލު ނާންނާނެ. ތެލުގެ އަގު ބަދަލުވޭ. އެކަމަކު ސަރުކާރުން މަދު ފަހަރަކު ބަދަލު ގެނެސްފިއްޔާ މި ރޭޓް [އެސްޓީއޯ ރޭޓް] ބަދަލު ވާނީ. އެހެންވެ އެގޮތަށް ކިޔައި އުޅުނު އެއްޗެއް އެސްޓީއޯ ރޭޓަކީ. އެއީ ކާޑުގެ ކޮންޓްރޯލް އަގު،" މަނިކު ވިދާޅުވި އެވެ.
"އެސްޓީއޯ ރޭޓް" މި ފަހުގެ ތާރީހުގައި ބަދަލު ގެނެސްފައިވަނީ ރައީސް އަބްﷲ ޔާމީންގެ ވެރިކަމުގަ އެވެ. ކާޑަށް ޒަމާނުއްސުރެން ފެށިގެން ދެމުން ގެންދިޔަ ސަބްސިޑީ އެ ވެރިކަމުގައި ކަނޑާލި އެވެ. މި ބަދަލާއެކު "އެސްޓީއޯ ރޭޓް" އަށް ބަދަލު އައެވެ. ނަމަވެސް އަނެއްކާވެސް ކާޑަށް ސަބްސިޑީ ދިނުމާއެކު އަގު އިޔާދުގެ މިހާރުވެސް އެސްޓީއޯ ރޭޓް އޮތީ ހަމަ އެގޮތުގަ އެވެ.
ޒަމާން ބަދަލުވެ ކާޑުގެތައް އުވިގެން ހިނގައްޖެ އެވެ. މިހާރު މި އަސާސީ ހިދުމަތް ނުދޭ ވިޔަފާރިއެއް މަދުވާނެ އެވެ. އެސްޓީއޯ އިން ވަނީ މި ހިދުމަތް ދޭން ހާއްސަ އެޖެންޓުތަކެއް މުޅި ރާއްޖެއިން އައްޔަން ކޮށްފަ އެވެ. ނަމަވެސް އަދިވެސް ހަމަ "އެސްޓީއޯ ރޭޓް" އޮތީ އެގޮތުގަ އެވެ. ކާޑާއި އެސްޓީއޯއާ އޮތް ގުޅުމަށް ބަދަލެއް ނާދެ އެވެ.