ރިޕޯޓް

މިނިވަން 50ގެ ކުލަތައް: ގައުމީ އުފަލުގައި ޖޯޝެއް ގެނެސް ދީފި

"ޖޯޝޭ ގެނައި މީ ގައުމީ އުފާ، އައިމި މޫސުން ދޭ ހިޔާލުގާ،" ގައުމީ ސަލާމާއި އަސްކަރީ ކުރުނީހަށް ފަހު، މިނިވަން ރަން ޔޫބީލް ހެވިކަމާއި ކުޅިވަރުތައް ރޭ ގަލޮޅު ދަނޑުގައި ފެށުނީ ގައުމީ ރޫހާއި ޖޯޝް އުތުރު އަރައިގެން އަންނަ މި ލަވައިންނެވެ. ކުލަގަދަ އެ ކުޅިވަރުތައް ވީ، މިނިވަން 50ގެ ރަން ކުލަތަކުން ފާހަގަ ކުރެވޭނެ ހަރަކާތަކަށެވެ. ކުލަތަކުން ބައިވެފައިވާ ގައުމުގައި އަދިވެސް ގައުމީ ޖޯޝާއި ފޯރި ފިލާ ނުގޮސް އޮތްކަން ރޭގެ ހަރަކާތުން އެކަނި ވެސް ރަމްޒުކޮށްދެ އެވެ. މިނިވަން 50ގެ ކުލަތައް ގެނެސްދިނީ އެކުވެރިކަމުގެ ރާއްޖެ އެކެވެ.

"މިނިވަން 50ގެ ކުޅިވަރުތަކާ އެކު އީދެއް އައިކަހަލަ. މިއީ ހަލަބޮލި ސްޓްރެސްކޮށް އޮވެފައި އެކުވެރި ކަމާ އެކު އުޅެލަން ލިބުނު ރަނުގެ ފުރުސަތެއް. މީގެ ސަބަބުން ބައިބައިވުމުން ދުރުވެ، ގައުމީ ރޫހުގައި މަސައްކަތް ކުރަން މިއީ ލިބޭ ފުރުސަތެއް،" ރޭ ކުޅިވަރުތައް ބަލައިލަން ދަނޑަށް ވަދެ، ހުރި އަހުމަދު ހުސެން އޭނާ ޝުއޫރު ފާޅުކުރި އެވެ.

ދަނޑުގެ ހަތަރު ފަރާތުން ވެސް ރޭ ފެނިގެން އައީ ގައުމީ ދިދަ އާއި ގައުމީ ކުލަތަކެވެ. އިވިގެން އައީ ގައުމީ ޖޯޝްގައި އުތުރި އަރައިގަންނަ އައްސަރިބަހާއި ސާބަހުގެ އަޑެވެ. ރޭ ދަނޑަށް ވެސް އެތައްހާސް ބަޔަކު ޖަމާވި ގޮތަށް، މިނިވަން 50 އާ ގުޅިގެން އައި، މިޔުޒިކް ޝޯ އާއި ފުޅަނދު ބުރު ބަލައިލަން ސިޔާސީ ޕާޓީއެއްގެ މުޒާހަރާއަށް ވުރެ ގިނަ މީހުން އެއްވި އެވެ. ގިނަ ބަޔަކު މިތަންތަނަށް ޖަމާވީ ފިތި ބާރުވެގެންނެވެ.

މިއުޒިކަލް ފައުންޓެއިންއަކާ އެކު އެންމެ ޒަމާނީ ފެންވަރަށް ހުޅުވި ޖުމްހޫރީ މައިދާނަށް ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު އެއްވެ، މަޖާކޮށް މިނިވަން ޖައްވެއްގައި އެ އުޅެލާ މަންޒަރު ރަމްޒު ކޮށްދެނީ ބައިބައިވުމަށް ވުރެ ބޮޑަށް ދިވެހިން ބޭނުން ވަނީ އެކައްޗެއްގެ ގޮތުގައި ތިބުން ކަމެވެ.

"ސިޔާސީ ބައިބައިވުމާއި ކޯޅުމުގައި އަބަދު ގައުމު އޮންނާކަށް އެއީ ރައްޔިތުން އަބަދު ބޭނުންވާ ގޮތެއް ނޫން. ހަމަޖެހުމަކަށް ރައްޔިތުން އެދޭ ކަމުގެ ފުރިހަމަ ދަލީލެއް މިއީ،" ހޯމް މިނިސްޓަރު އުމަރު ނަސީރު މިނިވަން 50 ގެ ފޯރި ސިފަކުރެއްވީ މިހެންނެވެ.

މިނިވަން 50 އަށް އިރުއޮއްސެމުން އަންނަ އިރު މުޅި، މާލެ ކުލަބޮކިތަކުން ދިއްލައިލުމާ އެކު އެ މަންޒަރު ބަލަން ވެސް އާއިލާތައް އެކީގައި މަގުތަކަށް ޖަމާވި އެވެ. އެންމެންގެ ފޯނުތަކުގެ ކެމެރާތައް އަމާޒުވީ އެ ގައުމީ ކުލައިން ދިއްލެމުން އައި ކުލަބޮކިތަކާ އެކު ސެލްފީ ނަގާށެވެ.

މުޅި އިންސްޓަގްރާމާއި ފޭސްބުކް އަދި ޓްވިޓާ ވެސް ބަންޑުންކޮށްލީ މި ނަލަ ނަލަ ފޮޓޯތަކުންނެވެ. އެ ފޮޓޯތަކާ އެކު ގައުމީ މެސެޖްތައް ނޫން އެއްޗެއް ނުފެނެ އެވެ. މިނިވަން 50 އާ ގުޅުވައި ނެގެޓިވް ވާހަކަތަކެއް ހުއްޓަސް އެ ވާހަކަތަކުގެ އަޑަށް ވުރެ، އާންމުން އެއްތަނަކަށް ޖަމާވެ މިނިވަންކަމުގެ އުފާފާޅު ކުރުމަށް ރައްޔިތުން މާ ސަމާލުކަން ދިނެވެ.

މިނިވަން 50 މިގެނެސްދިނީ ސިޔާސީ ކުލަތަކުން ބައިވެފައިވާ ގައުމަށް އެއްބައިވަންތަ ކަމުގެ ގައުމީ ޖޯޝްގެ އޮއިވަރެކެވެ. ގައުމު ބޭނުން ވަނީ ސިޔާސީ ކުލަތަކުގައި ބައިބައިވުމަށް ވުރެ އެކު އެކީގައި ގުޅިގެން ކުރިއަށް ދިޔުމެވެ. މިނިވަން 50 އާ އެކު ގައުމަށް ގެނެސްދިން ނަލަ ކުލަތައް ބުނަނީ؛ "މިނިވަން ވަޔާ ކުޅެލާށެ ތާޒާ، މީ ނިޝާނެ އުޖާލާ!" މިހެންނެވެ. މިނިވަން 50 ގެ ރަން ކުލަތައް ފަޑުވެގެން މި ދަނީ، ވަރަށް ޗާލު އަދި ގައުމީ އުފަލުގައި ޖޯޝެއް ގެނެސްދިން ހަރަކާތްތަކެއްގެ ގޮތުގަ އެވެ.