ހަބަރު

ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗުގައި ހުޅުވައިފި

ހައްޖުވެރިންނަށް ފަސޭހަކަމާއެކީ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން އައިޖީއެމްއެޗްގައި ހާއްސަ ކްލިނިކެއް ހުުޅުވައިފި އެވެ.

އައިޖީއެމްއެޗްއިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ އެ ހޮސްޕިޓަލުގައި ހުޅުވި ހައްޖު އޯޕީޑީ ކްލިނިކްގައި ކޮންމެ ހަފްތާއެއްގެ އާދިއްތައިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް މެންދުރު 2.00-ރޭގަނޑު 10.00 އަކަށް ހިދުމަތް ދޭނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ހައްޖު މޫސުން ނިންމާފައި ހައްޖުވެރިން އެނބުރި އަންނަ އިރު ގިނަ ބަލިތައް ފެތުރޭތީ އެ ބަލިތަކަށް ރައްކާތެރިވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އެދިފަ އެވެ.

އެޗްޕީއޭ އިން ބުނީ ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުންއައުމާއި ކެއްސުމާއި ނޭވާލާން އުދަނގޫވާނަމަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދަންވާނެ ކަމަށެވެ. އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަ މައްޗާއި ނޭފަތް ނިވާކުރަން ސަމާލުކަން ބަހައްޓަން ޖެހޭ ކަމަށާއި ރޯގާ ޖެހި ކެއްސާނަމަ މީހުން އުޅޭ ތަންތަނަށް ނުދިއުމާއި ބަލިބޮޑު ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އަހަރު ރާއްޖެއިން 2000 މީހަކު ހައްޖަށްދިޔަ އެވެ. އޭގެތެރެއިން އެންމެ ފަހު ގްރޫޕަކަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ 263 މީހުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.