ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަލަހައްޓަމުން ގެންދާ ދެ މަރުކަޒުގެ 179 މުވައްޒަފަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް މިއަދު ފަށައިފި އެވެ.
ކުޑަކުދިންގެ ހިޔާގެ 67 މުވައްޒަފަކާއި ފިޔަވަތިގެ 112 މުވައްޒަފުން ބައިވެރިވާ މި ޕްރޮގްރާމްގެ މަގުސަދަކީ މުވައްޒަފުންގެ ހުނަރު ތަރައްގީކޮށް، ކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
ތިން ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ތަފާތު އަށް ދާއިރާއަކުން ތަމްރީނު ސެޝަންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
- ޕޭރެންޓިން ސްކިލްސް
- ކެއާ ވޯކާސް – ރޯލްސް އެންޑް ރެސްޕޮންސިބިލިޓީސް
- ޗައިލްޑް ސައިކޮލޮޖީ އެންޑް ސޯޝަލް ވޯކް ތިއަރީ
- ސައިކޯ ސޯޝަލް އެޕްރޯޗަސް
- ކޮމިއުނިކޭޝަން ސްކިލްސް އެންޑް ޓޫލްސް
- އެޑިޝަނަލް ރެސްޕޮންސިބިލިޓީސް އެންޑް މެނޭޖީރިއަލް ރޯލްސް
- މެންޓަލް ހެލްތު އެންޑް ވެލްބީންގް - އިމޯޝަނަލް ހެލްތު އިޝޫޒް
- ޑިސްއެބިލިޓީސް އެންޑް ލާނިން ޑިފިކަލްޓީސް
ޖެންޑާ މިނިސްޓްރީން ބުނާ ގޮތުގައި، މަރުކަޒުތަކުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުން މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. ޖެންޑާ މިނިސްޓްރީ އާއި ކުޑަކުދިންގެ ހިޔާ އަދި ފިޔަވަަތީގައި މި ތަމްރީން ސެޝަންތައް ނަންގަވައި ދެއްވާނީ ފަންނީ ފަރާތްތަކުންނެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 150 ކުދިން ދިރިއުޅެމުންދާ އިރު، މި ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 106 ކުދިން ދިރިއުޅެމުން ދަނީ ފިޔަވަތިގަ އެވެ. އަދި 12 އަހަރުން މަތީގެ 44 ކުދިން ދިރިއުޅެމުން ދަނީ ކުޑަކުދިންގެ ހިޔާގަ އެވެ.
ކުދިން ބަލަހައްޓަމުން ގެންދާ ފިޔަވަތި އަދި ހިޔާގައި ތިބޭ ކުދިން އެ މަރުކަޒުތަކުން ފިލާ ކަމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ރިޕޯޓު ކުރެ އެވެ. އަދި، މަރުކަޒުން ކުދިން ފިލާ މައްސަލައިގައި އެ ތަނުގެ މުވައްޒަފުންނަށްވެސް ފާޑުކިޔުން އަމާޒުވެ އެވެ. ދާދި ފަހުންވެސް ކުޑަ ކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފިލައިގެން ދިޔަ މައްސަލާގައި އެތަނުގެ މުއަައްޒަފަކު ސަސްޕެންޑު ކުރި ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ވިދާޅުވެފަ އެވެ.