ވިޔަފާރި

އެއް މިލިއަން ޓޫރިސްޓުން ހަމަވެ، 17 ޕަސެންޓުގެ ކުރިއެރުމެއް

މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އެއް މިލިއަން ޓޫރިސްޓުން ހަމަވެ، މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމަށް 17 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިސްޓުން އައި އަދަދު ހާމަކުރަން މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ މި އަހަރުގެ ޖުލައި މަހުގެ ޖުމުލަ ނިޔަލަށް 994،733 މީހުން އައިސްފައިވާ ކަމަށާ މިއީ މިދިޔަ އަހަރާ އަޅާބަލާނަމަ 17.2 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

"ރައީސް މި އަހަރަށް ކަނޑައަޅާފައިވާ ޓާގެޓަކީ 1.5 މިލިއަން މީހުން ގެނައުން. އަޅުގަނޑުމެންގެ ތަފާސް ހިސާބު ތަކުން މަސައްކަތް މި ކުރަނީ ސަރުކާރަށް އެއް އަހަރު ފުރޭ ދުވަސް [ނޮވެމްބަރު 17] އަންނަންވާއިރަށް 1.5 މިލިއަން މީހުން ގެނެވޭ ތޯ. ހިސާބު ތަކުން ދައްކަނީ އެޗީވަބަލް ކަމަށް. މި ކާމިޔާބީ ލިބެނީ އެމްއެމްޕީއާރުސީ އާއި އިންޑަސްޓްރީއިން ކުރާ މަސައްކަތުން،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 132،144 މީހުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު އަށް ޕަސެންޓުގެ ކުރިއެރުމެކެވެ. އެންމެ ގިނައިން މީހުން އައިސްފައިވަނީ ޗައިނާ އިންނެވެ. އެ ގައުމުން 172،832 މީހުން ޒިޔާރަތް ކުރި އެވެ. އެ ގައުމުން އައި މީހުންގެ އަދަދު ވަނީ 7.6 ޕަސެންޓުގެ އިތުރުވެފަ އެވެ.

ޖުލައި މަހުގެ ނިޔަލަށް 49،095 ޓޫރިސްޓު އެނދު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި މީގެ ތެރެއިން އޮޕަރޭޓް ކުރަމުން ދަނީ 45،983 އެނދެވެ.