މި ސަރުކާރު އާއިރު ލާމަރުކަޒީ ނިޒާމު އޮތީ ވަރަށް ދޯދިޔާ ކޮށް ކަމަށާއި އަސްލު ހަގީގީ މާނާގައި ލާމަރުކަޒީ ނިޒާމެއް ހިންގަމުންދާ ތަނެއް ރާއްޖެއިން ނުފެންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންގެ ބާރު - ލާމަރުކަޒީ ހިންގުން" މިނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ފެށި މަހާސިންތާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ކައުންސިލްތައް ހިންގުމަށްޓަކައި ލިބެންޖެހޭ މާލީ ބާރުވެރިކަން އެކަށީގެންވާ ވަރަށް ނުލިބޭ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް މާލީ ބާރުވެރިކަން އެންމެ ފުރިހަމަ ގޮތުގައި ގާއިމް ގެނައުމަށް ބަދަލުތައް ގެނައުމުގެ ވިސްނުން މި ސަރުކާރުގައި އެބައޮތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކާ ބައްދަލުކޮށް ވާހަކަ ދައްކަން ފުރުސަތު ލިބި ވަޑައިގެންފައިވާ ކަމަށާއި އެ ބައްދަލުވުންތަކުގައި ފާހަގަވީ ކަައުންސިލްތައް ހިންގަން މިހާރު އޮނިގަނޑުގައި އޮންނަ ގޮތަށް ލާމަރުކަޒީ ނިޒާމަށް ބާރުވެރިކަން ނުލިބޭ ކަމަށެވެ.
"އެންމެ ފުރަތަމަވެސް ފިނޭންސް މިނިސްޓްރީގައި އަޅުގަނޑުމެން ގާއިމް ކުރި އެއް ކަމަކީ ލޯކަލް ކައުންސިލް ކޯޑިނޭޝަން ޔުނިޓެއް. އެއީ ފިސްކަލް ޑީސެންޓްރަލައިޒޭޝަން ރާއްޖޭގައި ކާމިޔާބު ކަމާއެކު ހިންގަން ބޭނުން ނަމަ އެންމެ ބޮޑު ރޯލެއް އަދާ ކުރަން ޖެހެނީ ފިނޭންސް މިނިސްޓްރީން. އެހެންވީމާ ކޯޑިނޭޝަން ޔުނިޓެއް ޓްރެޝަރީ ޑިޕާޓްމަންޓުގައި ހަމަޖެއްސީ"
އިތުރަށް ވިދާޅުވީ، އެ ޔުނިޓުގެ ތެރެއިން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކާ ވެސް ގާތް ގުޅުމެއް ބޭއްވޭ ކަމަށާއި އެ ބޭފުޅުންގެ މައްސަލަތައް ގާތުން ބަލައި ހައްލު ހޯދަމުން އަންނަ ކަމަށެވެ. އަދި، ލާމަރުކަޒީ ނިޒާމުން ވަކި ވަކި ކައުންސިލްތަކަށް ބާރުުވެރިކަން ފޯރުކޮށްދިނުމަށް ނެޝަނަލް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭނެއް ނެރޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ފިސްކަލް ޑީސެންޓްރަލައިޒޭޝަން ކާމިޔާބު ކުރުމަށް ރާއްޖޭގައި ނެޝަނަލް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭނެއް ނެރޭނެ. މި މާސްޓާ ޕްލޭންގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެންދާނެ ރާއްޖޭގެ ކައުންސިލްތަކަށް ސަރުކާރުުގެ ވިސްނުންތައް ބެހިގެންދާ ގޮތް،" މިނިސްޓަރު ވިދާޅުވި އެވެ.