ވިޔަފާރި

އެޗްޑީއެފްސީން 200 މިލިއަން ރުފިޔާގެ ޞުކޫކް ވިއްކަނީ

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ފަންޑު ހޯދަން 200 މިލިއަން ރުފިޔާގެ ޞުކޫކް ވިއްކަން ނިންމައިފި އެވެ.

އެޗްޑީއެފްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ޝަފީގު ވިދާޅުވީ އެ ކުންފުނީގެ ތިންވަނަ ޞުކޫކް މާކެޓަށް ނެރެން ނިންމީ ގިނަ އަދަދެއްގެ މީހުން އެކަމަށް އެދެމުންދާތީ ކަމަށެވެ.

"އެޗްޑީއެފްސީއަކީ ގެދޮރު އިމާރާތް ކުރުމާއި ގެދޮރު ގަތުމަށް ފައިނޭންސް ކުރާ ކުންފުންޏެއް. އިސްލާމިކް އުސޫލުންނާއި ކޮންވެންޝަން އުސޫލުން. އަޅުގަނޑުމެން އިސްލާމިކް އުސޫލުން ފައިނޭންސް ކުރަން ފައިސާ ހޯދާ އެއްގޮތަށް ޞުކޫކް އިޝޫ ކުރުމަކީ،" ޝަފީގު ވިދާޅުވި އެވެ.

އެޗްޑީއެފްސީ އިން މި ފަހަރު ވެސް މުޟާރަބާ ޞުކޫކް (އިސްލާމިކް ބޮންޑު) ވިއްކަނީ 1،000ރ. އަށެވެ. އަދި ވިއްކަނީ 200،000 ޞުކޫކް އެވެ. އެ ކުންފުނިން ޓާގެޓް ކޮށްފައިވަނީ މި އަދަދަށް ޞުކޫކް ވިއްކައިގެން 200 މިލިއަން ރުފިޔާ ހޯދުމަށެވެ. މި ޞުކޫކް ވިއްކަން ހުޅުވާލާނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ޞުކޫކް ވިއްކުން ބަންދުކުރާ ތާރީހަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

އެ ކުންފުނީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖަރު އިސްލާމިކް ފައިނޭންސް އަޒްމީން ރަޝީދު ވިދާޅުވީ 1،000ރ. ގެ ޞުކޫކް އެއް ގަތުމުން ކޮންމެ ހަމަހަކުން ފައިދާ ބަހަމުން ގެންދާނެ ކަމަށެވެ.

"ޞުކޫކްގެ ފައިދާއަކީ ޞުކޫކް ގަންނަ ފަރާތަށް މީގެ 65 ޕަސެންޓް ލިބުން. ބާނީ 30 ޕަސެންޓް އެޗްޑީއެފްސީ އަށް. ދިހަ އަހަރު ވަންދަން ކޮންމެ ހަ މަހަކުން ފައިދާ ބަހަމުން ގެންދާނެ،" އަޒްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ތިން ބުރެއްގެ މަތިން ޞުކޫކް ވިއްކާފައިވާ ކަމަށާ، އަހަރުން އަހަރަށް އިސްލާމިކް ފައިނޭންސަށް އޮތް ތަރުހީބު ބޮޑުވަމުންދާ ކަމަށެވެ.

"ފުރަތަމަ ފަހަރު [2013] ވަނަ އަހަރު 45،1230 ޞުކޫކް ވިކުނު. ދެވަނަ ފަހަރު [2017] ވަނަ އަހަރު 89،036 ޞުކޫކް ވިކުނު،" އަޒްމީން ވިދާޅުވި އެވެ.

ކުރުކޮށް އެޗްޑީއެފްސީ ޞުކޫކް

  • ޞުކޫކް ވިއްކަނީ 1،000ރ. އަށް
  • ވިއްކަން ފަށާނީ އަންނަ މަހުގެ 22 ގައި
  • ޖުމްލަ ވިއްކާނީ 200،000 ޞުކޫކް
  • ޞުކޫކް ވިއްކަނީ 200 މިލިއަން ރުފިޔާ ހޯދަން

އަވަސް އިން ކުރި ސުވާޖަކަށް ޖަވާބު ދެއްވަމުން އަޒްމީން ވިދާޅުވީ ކުރިން ފަހަރު ވިއްކި ޞުކޫކް ގަނެފައިވަނީ އިންސްޓިޓިއުޝަން ތަކުން ކަމަށެވެ.

"ނަމަވެސް 1،000ރ. އަށް ޞުކޫކްއެއް ވިއްކާ އަގު ހަމަޖެއްސުމުން އާއްމުންގެ ތަރުހީބު ވެސް ލިބޭ،" އަޒްމީން ވިދާޅުވި އެވެ.

އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ "އެޗްޑީއެފްސީ އަމްނާ" އިން މިދިޔަ އަހަރު 384 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އިސްލާމިކް ފައިނޭންސިން ފެސިލިޓީ ދޫކޮށްފައިވެ އެވެ.

އެޗްޑީއެފްސީއަކީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓު ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީބީ) ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިޔާގެ 15 ޕަސެންޓާއެކު 2012 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.