ހަބަރު

ހެކި ބަސް ނުދޭނެ ކަމަށް ބުނި ޕޯސްޓް ލުތުފީ ޑިލީޓްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލާގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހެކި ބަސް ދިނުމުން ތަނާޒަލްވާ ކަމަށް ވިދާޅުވެ ކުރެއްވި ފޭސްބުކް ޕޯސްޓް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ޑިލީޓް ކުރައްވައިފި އެވެ.

މިއަދު ހަސަން ލުތުފީ އަމިއްލަ ފޭސްބުކް އެކައުންޓްގައި ކުރި ދިގު ޕޯސްޓް މިހާރު ޑިލީޓްކޮށްލާފައިވާއިރު އޭގެ ސަބަބެއް ވިދާޅުވެއް ނުވެ އެވެ. މިހާރު ރާއްޖެއިން ބޭރުގައި އުޅުއްވާ ލުތުފީ އޭގެ ފަހުން އިތުރު ޕޯސްޓެއް ވެސް ނުކުރައްވަ އެވެ.

ހަސަން ލުތުފީ މިއަދު ކުއްލި ގޮތަކަށް ފޭސްބުކް ޕޯސްޓެއް ކުރެއްވީ މާދަމާއަށް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމުގެ ހެކި ބަސް ނެގުމުގެ މަޖިލީހެއް ތާވަލު ކޮށްފައި ވަނިކޮށެވެ. ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެ އެ ފައިސާ އޭސީސީއާ ހަވާލު ނުކޮށް ބޭނުން ކުރި މައްސަލާގައި ރައީސް ޔާމީނަށް ދައުވާ ކުރާއިރު އެ މައްސަލާގައި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދު ވަނީ ހެކި ބަސް ދެއްވާފަ އެވެ.

ހެކި ބަސް ދެއްވަމުން މުއައްވިޒު ވަނީ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ރައީސް ޔާމީނާ ރައީސް އޮފީހުގައި ބައްދަލު ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. އެ ބައްދަލުވުގައި ހަސަން ލުތުފީ ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. އެ މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީންގެ ބަޔާނެއް ވެސް ނެންގެވި ކަމަށާއި ނަމަވެސް އެ ފައިސާއަކީ ކޮރަޕްޝަންގެ ފައިސާ ކަމަށް އަދިވެސް ކަނޑައެޅިފައިނުވާ ކަމަށެވެ.

މިއަދު ހަސަން ލުތުފީ އެކަމަށް އިޝާރަތް ކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އޭނާ އާއި މުއައްވިޒު އެކުގައި އަދި ވަކިން ވެސް ރައީސް ޔާމީންއާ ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ފައިސާ ދައުލަތާ ހަވާލު ކުރަން އެއްވެސް ޒަރިއްޔާއަކުން ރައީސް ޔާމީނަށް އަންގާފައި ވެސް ނުވާނެ ކަމަށެވެ.

"އެގޮތަށް އަންގާފައި ނުވަނީ އޭރު އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅިފައި ނުވާތީ އެގޮތަށް ކަނޑަނޭޅެނީސް އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަން އެންގޭނެ އެއްވެސް ހަމައެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރައްވާތީ" ކަަމަށް ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް ބަޔާންދީ ދޮގު ހެކި ބަސް ދިނުމަށް މި ސަރުކާރުގެ ބާރުވެރި ފަރާތްތަކުން އޭނާއަށް ބިރު ދައްކައި އިންޒާރުދޭ ކަމަށެވެ. އަދި އެގޮތަށް ކަން ނުކޮށްފިނަމަ ފުރާނައަށް ނުރައްކާވާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް މާލޭ މަގުމަތިން އޭނާއަށް ހަމަލާ ވެސް ދީފައިވާ ކަމަށެވެ.

"އަޅުގަނޑު އެނބުރި ރާއްޖެ ގޮސްފިނަމަ އަޅުގަނޑުގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ގަބޫލު ކުރެވޭތީ އާއި އަދި ކިތަންމެ މަޖުބޫރެއް ކުރިޔަސް އަދި ކިތަންމެ އިންޒާރެއް ދިނަސް އެއްވެސް ފަރާތަކާ ދެކޮޅަށް ކޯޓުގައި ދޮގު ހެކި ބަސް ދޭން އަޅުގަނޑު ބޭނުން ނުވާތީ ހެކި ބަސް އަދާ ކުރަން އަޅުގަނޑު ތަނާޒަލްވާ ވާހަކަ ދަންނަވަން،" މިހާރު ޑިލީޓްކޮށްލާފައިވާ ލުތުފީގެ ޕޯސްޓްގައިވެ އެވެ.

ލުތުފީ މީގެކުރިން ވަނީ އޭނާއަށް މަގުމަތިން އިންޒާރު ދިނުމުގެ ސަބަބުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާއަށް އިންޒާރު ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް އެކަން އިމްރާން ދޮގު ކުރެއްވި އެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. އެ މައްސަލާގެ ބަހުސްގައި ގިނަ މެންބަރުން ވަނީ ލުތުފީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިމްރާން ދިފާއު ކުރައްވާފަ އެވެ. އަދި ލުތުފީއަކީ ގައުމަށް ގައްދާރުވެ ހިޔާނާތްތެރިވެފައިވާ މީހެއް ކަމަށާއި އޭނާ ރާއްޖެ ގެނެސް އަދަބު ދޭން ޖެހޭ ކަމަށް މެންބަރުން ވިދާޅުވެފައިވެ އެވެ.

މާދަމާ ރައީސް ޔާމީންއާ ދެކޮޅަށް ހެކި ބަސް ނަގާއިރު މުއައްވިޒާއި ލުތުފީގެ އިތުރުން ދައުލަތުގެ ހެކިވެރިންނަކީ ރައީސް ޔާމީންގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަހުމަދު އަދީބާއި މޫސާ ޒަމީރާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑްގައި ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒުގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލް ކިޔާ މީހެކެވެ.