ހަބަރު

އެއާޕޯޓް އޮތީ އާންމު ހާލަތުގައި: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮތީ އާންމު ހާލަތުގައި ކަމަށް އެ އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްއިން ބުނެފި އެވެ.

އެއާޕޯޓް އޮތީ ކުއްލި ހާލަތަށް ގެނެސްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ވާހަކަ ފެތުރިފަ އެވެ. ނަމަވެސް އެމްއޭސީއެލްގެ އޮފިޝަލަކު އަވަަސްއަށް މައުލޫމާތު ދެއްވަމުން އެކަން ވަނީ ދޮގު ކުރައްވާފަ އެވެ.

އޮފިޝަލް ވިދާޅުވީ އެއާޕޯޓްގެ އެއްވެސް އޮޕަރޭޝަނަކަށް ބުރޫ އަރާ ފަދަ ކަމެއް ނެތް ކަމަށެވެ. އެއާޕޯޓް އޮތީ އާންމު ހާލަތުގައި ކަމަށާއި އެއްވެސް ފަސެންޖަރަކަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް ނެތް ކަމަށެވެ. ނަމަވެސް ބްރިޖް ސަރަހައްދުގައި ފުލުހުން ހާއްސަ ޗެކް ޕޮއިންޓެއް ބަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ފުލުހުން ހާއްސަ ޗެކް ޕޮއިންޓެއް ބަހައްޓާފައިވަނީ ބްރިޖް ސަރަހައްދުގަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.