ހަބަރު

ސަރުކާރުގެ ސްޕީޑް އަވަސް: ގާސިމް

ފާއިތުވެ ދިޔަ ސަރުކާރުތަކުގެ ފުރަތަމަކޮޅުވެސް މާބޮޑެތި ކަންތައްތަކެއް ނުހިނގާ ކަމަށާއި މި ސަރުކާރުގެ ސްޕީޑް ލަސް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއަށް އާ އަލަށް ގުޅުނު މެންބަރުންނާއެކު ރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ކުރީ ސަރުކާރުތަކުން ނުކޮށް ހުރި ކަންކަން ކުރަން ޖެހުމުން މިސަރުކާރުގެ ދުވެލި މަޑޭ ބުނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ ސްޕީޑް ލަސް ނޫން ކަމަށެވެ.

ސަރުކާރުގެ ސްލޯ ވާހަކަ ދައްކާއިރު ވޭތުވެދިޔަ ދެ ސަރުކާރުން ވެސް އަހަރެއް، ދޮޅު އަހަރު ވެގެން ދިޔައިރު މާބޮޑެތި ކަންތައްތަކެއް ކޮށްދެވިފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި، ރައްޔިތުންނަށް ލިބިފައިވާ ނާއިންސާފާއި ގޯސްކޮށް ހިނގާފައިވާ ހުރިހާ ކަަންކަން އިސްލާހު ކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތަށް ގާސިމް ތައުރީފް ކުރެއްވި އެވެ.

"ފުރަތަމަ ކަމަކީ މީހުންގެ ހައްގުތައް ފުރިހަމައަށް އަދާކުރުން. މަސައްކަތްކުރި ބައަކަށް ދޭން ޖެހޭ އުޖޫރަ ފުރިހަމައަށް ދިނުން. ނާއިންސާފުން އަނިޔާ ލިބެމުން ދިއަ މީހުން އަނިޔާއިން ސަލާމަތްކޮށްދިނުން." ގާސިމް ވިދާޅުވިއެވެ.

އެގޮތުން، ކުށެއް ނެތި އަނިޔާ ލިބެމުން ދިޔަ އެތައް ބަޔަކު މި ސަރުކާރުން މިހާރުވެސް ސަލާމަތް ކޮށްދެއްވާފައިވާ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވަނީ ޖޭޕީއާ އަލަށް ގުޅުނު 400 އެއްހާ މީހުންގެ ފޯމު ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާ ވަނީ ހަވާލުކޮށްފަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތައް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވަކިން ނިކުތުމަށް ނިންމި ހިސާބުން ފެށިގެން ގާސިމް އިބްރާހިމްގެ ނުސީދާ ފާޑުކިޔުން މީގެ ކުރިން ސަރުކާރަށް އަމާޒު ކުރި އެވެ. އެހެންނަމަވެސް ރޭގެ ހަފްލާގައި ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މި ސަރުކާރަށް އެންމެ ބޮޑު ފާޑުކިޔުން އަމާޒުވާ ކަންކަމަށް ވެސް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.