ރިޕޯޓް

ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަނީ ކީއް ކުރަން؟

އެއް ބަޔަކު ބުނަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ ބަޖެޓް ހުސްވާތީ އެވެ. އަނެއް ބަޔަކު ބުނަނީ ކުރަން އުޅޭ ކަމެއް ހަމަ އެއް ގޮތަކަށް ވެސް ނޭނގޭ އެވެ. ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން ތައްޔާރުވާއިރު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ސަޕްލިމެންޓްރީ ބަޖެޓަކީ ކޮބައި ހެއްޔެވެ؟ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

އެއް ސުވާލަށް މި ވަގުތު ވެސް ޖަވާބު ދެވިދާނެ އެވެ. މި އަހަރުގެ ބަޖެޓް އަދި ހުހެއް ނުވެ އެވެ. ބަޖެޓު ހުސް ނުވާކަން އެނގެނީ ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން ނެރޭ ހަފުތާ މާލީ ރިޕޯޓުންނެވެ. މިދިޔަ ސަރުކާރުން މަޖިލީހަށް ފޮނުވި 30 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވަން ގާތް ވެސް ނުވެ އެވެ. ހަފުތާ މާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ބަޖެޓުން ހަރަދު ކުރެވިފައިވަނީ 14 ބިލިއަން ރުފިޔާ އެވެ. މާނައަކީ އޮކްޓޫބަރު މަހު އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ހުށަހަޅާއިރު ބަޖެޓު ހުސްވުމުގެ ފުރުސަތު ކުޑަވުމެވެ.

ކުރީ ސަރުކާރުން ހުށަހެޅީ 493 މިލިއަން ރުފިޔާ

ރާއްޖޭގައި ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަކީ އާކަމެއް ނޫނެވެ. ނިމިދިޔަ ސަރުކާރުން 2017 ވަނަ އަހަރު ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައިވެ އެވެ. އެ ފަހަރު ބަޖެޓު ހުށަހަޅާފައިވަނީ ބަޖެޓަށް ވުރެ އިތުރަށް ހަރަދުވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ. އެ ފަހަރު ހުށަހެޅީ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ.

އެ ފަހަރު ބަޖެޓު ކޮމެޓީގައި އޭރުގެ، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވާ ގޮތުގައި އެ ފަހަރު ބަޖެޓު ހުށަހަޅަން ޖެހުނު ސަބަބަކީ ސިޔާސީ ހަލަބޮލިކަން ބޮޑުވެ، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ފަދަ މަޝްރޫއުތައް ހުއްޓި ކުރިން ލަފާކުރި ވަރަށްވުރެ އާމްދަނީ ނުލިބޭނެ ކަމަށް ލަފާ ކުރެވިގެނެވެ.

މީގެ އިތުރުން ސިއްހީ ދާއިރާ އިން ދެމުން ގެންދާ ހިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި 330 މިލިއަން ރުފިޔާ އިތުރު ކުރުމާއި އޭރު ބާއްވަން ތައްޔާރުވަމުން ދިޔަ، ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގެ ހަރަދުތަކަށް ކަނޑައަޅާފައިވާ 26 މިލިއަން ރުފިޔާ އިތުރު ކުރުން ހިމެނެ އެވެ. މީގެ އިތުރުން ކާޑެއްދޫ އެއާޕޯޓް ހިންގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ބޭނުންވާ 40 މިލިއަން ރުފިޔާ ހޯދުމާއި ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫއު ފެށުމަށް ބޭނުންވާ 47 މިލިއަން ރުފިޔާ އިތުރުކުމާއި އެހެނިހެން ހަރަދު ތަކަށް 50 މިލިއަން ރުފިޔާ ހޯދަން ވެސް ހުށަހެޅި އެވެ.

މި ސަރުކާރުން ހުށަހަޅަނީ 1.7 ބިލިއަން ރުފިޔާ

މި ސަރުކާރުގެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ފޮނުވީ ބުރާސްފަތި ދުވަހު އެވެ. މި ސަރުކާރުން ހުށަހެޅީ ކިހާވަރެއްގެ ބަޖެޓެއް ހެއްޔެވެ؟ މި ސަރުކާރުން ހުށަހަޅަނީ 1.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީން އަދި ބަޖެޓުގެ އިތުރު ތަފުސީލު ދީފައެއްނުވެ އެވެ.

މި ފަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާ ސަބަބެއް ކަމަށް ސަރުކާރުން ބުނެފައިވަނީ މި އަހަރަށް ރާވާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން ސަރުކާރުގެ މެނިފެސްޓޯގައި މި އަހަރަށް ތަންފީޒުކުރަން ހުރި ކަންކަން ބަޖެޓުގައި ހިމެނުމެވެ. ސަބަބަކީ މި ހިނގާ އަހަރުގެ 30 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފައި ވަނީ ދެ ސަރުކާރު ބަދަލުވި ފައްތަރުގައި ކަމަށްވުމުންނެވެ. އެހެންވުމުން އާ ސަރުކާރުގެ މުހިންމު ބައެއް މަޝްރޫއުތައް ބަޖެޓުގައި ހިމެނިފައެއްނުވެ އެވެ. ސަރުކާރު ބަދަލުވީ ދަނޑިވަޅުގައި އޭރުގެ ބަޖެޓުގައި ހިމަނާފައިވާ ގިނަ ކަންކަމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކެވެ. އެހެންވެ، އާ ކަންކަން ބަޖެޓުކޮށް އެ ފާސްކޮށްގެން ނޫނީ ބަޖެޓުން ހޭދައެއް ނުކުރެވޭނެ އެވެ.

ފާސްކޮށްގެން ނޫނީ ހަރަދެއް ނުކުރެވޭނެ

މި ސަރުކާރުން މިހާރުގެ ބަޖެޓުގައި ނުހިމެނި ނަމަވެސް މިހާރު ތަންފީޒު ކުރަމުން ގެންދާ ބައެއް ކަންތައްތަކުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުން ހިމެނެ އެވެ. މީގެ އިތުރުން ގިނަ ތަރައްގީގެ މަޝްރޫއުތަށް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުން ވެސް ހިމެނެ އެވެ.

މި ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ އަގު 1.3 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މިހާރު ވެސް ކުންފުނިތަކާ މަޝްރޫއުތައް ހަވާލު ކުރަމުންދާއިރު މި ވަގުތަށް އެ މަޝްރޫއު ތަކަށް ދައްކާފައިވަނީ އެޑްވާންސް ޕޭމަންޓުގެ ފައިސާ އެވެ. އަދި މަޝްރޫއު ތަކަށް ދައްކަން ޖެހޭ ފައިސާގެ ބާކީބައި ދެއްކޭނީ ފާސް ކޮށްގެންނެވެ. މިއީ ވެސް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާ ސަބަބެވެ. އަނެއް ސަބަބަކީ މަޝްރޫއު ތަކަށް ބަދަލު ދޭން ޖެހޭ އަދަދު މަތިވުމެވެ. ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަދަދު ދެ ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. ބަދަލު ދޭން ކުރާ ހުކުމްތައް ތަންފީޒުކޮށް، އެ ފަރާތްތަކަށް ބަދަލު ދެވެން އަންނަނީ ވެސް ބަޖެޓު އިތުރަށް ފާސް ކޮށްގެންނެވެ. އެހެންވެ އެ ހިމަނަންޖެހެ އެވެ. ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުމުގެ ސަބަބަކީމި އެވެ.