ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓަށް ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލައްވައިފި އެވެ.

އިތުބާރު ހުރި ފަރާތަކުން އަވަސްއަށް މިއަދު ޔަގީންކޮށް ދިން ގޮތުގައި ސުޕްރީމް ކޯޓަށް ކުރިމަތިލައްވާފައި ވަނީ މީގެ ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަލީ ސަމީރާއި ވަރަށް ފަހުން ހައިކޯޓަށް ވަޑައިގެންނެވި މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

މި ހަތަރު ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާއިރު މީގެ ތެރެއިން ފަނޑިޔާރު ސަމީރާއި ފަނޑިޔާރު ހަމީދުގެ ނަން މީގެ ކުރިން ބައެއް ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލޮބީ ކުރެއްވުމަށް ހުށަހެޅުއްވި ކަމަށް ވެސް ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލު ކުރުމަށް މި ފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެހެންވެ މިހާރު ހުސްކޮށް ދެ މަގާމު އެބަ އޮތެވެ. އެ ދެ މަގާމަށް ރައީސް ސޯލިހު ވަނީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިލަރްޑާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެންބަރު އައިޝާ ސުޖޫންގެ ނަން ޖޭއެސްސީގެ ލަފާ ހޯދުމަށް ފޮނުއްވަވާފަ އެވެ. ޖޭއެސްސީއިން ވަނީ އެ ދެ ނަން ބަލައިގެންފަ އެވެ. ނަމަވެސް ބައެއް ދީނީ އިލްމްވެރިން ދަނީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ. އަންހެން ފަނޑިޔާރުން ހުއްދަ ނޫން ކަމަށް ބުނެ ފަތުވާ މަޖިލީހުން ވަނީ ފަތުވާއެއް ވެސް ނެރެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ބަހުސްގައި ވެސް ގިނަ މެންބަރުން ވަނީ ސުޕްރީމް ކޯޓު އެއްކޮށް ބަދަލު ކުރުމަށް ގޮވާލައްވާފަ އެވެ. މިހާރު ސުޕްރީމް ކޯޓަށް ނުކުންނަވާ މަސައްކަތް ކުރައްވަނީ ހަތަރު ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.

ފަނޑިޔާރު ގަނީއާއެކު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލައި އޭނާ ފަނޑިޔާރު ކަމުން ވަކި ކުރަން ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. އޭނާ ވަނީ ދިރިއުޅުން ރާއްޖެއިން ބޭރަށް މިހާރު ބަދަލު ކުރައްވާފަ އެވެ. ވަރަށް އަވަހަށް އޭނާ ވަކި ކުރަން ޖޭއެސްސީއިން މަޖިލީހަށް ފޮނުވާނެ ކަމަށް ބެލެވެ އެވެ. ފަނޑިޔާރު ދީދީ، ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.