ޝަރުއީ ދާއިރާ ރިފޯމް ކުރުން

އަންހެން ފަނޑިޔާރުންލުން ދީނާ ހިލާފެއް ނޫން: އެމްޑީޕީ

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި، އިސްލާމްދީނުގެ އެއްްވެސް އަސާސަކާއި ހިލާފު ކަމެއް ނޫން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީން) ބުނެފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނަން ފޮނުވާފައިވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، އާއިޝާ ޝުޖޫން މުހައްމަދު ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި، ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ ރައީސްގެ އެ ނިންމެވުމަށް މަރުހަބާ ދަންނަވާފަ އެވެ.

އެ ބަޔާނުަގައި ބުނެފައިވަނީ، ގާނޫނުއަސާސީއަށް ރިއާޔަތް ކުރާއިރު ފަނޑިޔާރު ކަމުގެ މަގާމަށް އަންހެނަކު އައްޔަން ކުރުމަކީ ގާނޫނުއަސާސީއާއި ރާއްޖޭގައި އަމަލުކުރަމުން އަންނަ އެއްވެސް ގާނޫނަކާ ހިލާފު ކަމެއް ނޫން ކަމަށާއި، އަދި އިސްލާމް ދީނުގެ އެއްވެސް އަސާސަކާ ވެސް ހިލާފު ކަމެއް ކަމަށް އެމްޑީޕީން ނުދެކޭ ކަމަށެވެ.

އެ މައުލޫގައި ކޮށްފައިވާ ގިނަ ދިރާސާތަކާއި، ބައިނަލް އަގުވާމީ ގިނަ އިސްލާމީ ޖަމްއިއްޔާތަކުން އެކަމުގައި ދެކޭ ގޮތަށް ބަލާއިރު، ކޯޓުތަކުގައި ޝަރީއަތް ކުރުމަށް އަންހެން ފަނޑިޔާރުން ތިބުމަކީ އެ ޖަމްއިއްޔާތަކުގެ ރައުޔުގައި އިސްލާމް ދީނުގެ އެއްވެސް އަސްލަކާ ހިލާފު ކަމެއް ނޫން ކަމަށާއި މިނިވަން ދިމިގްރާތީ އިސްލާމީ މުޖްތަމައުތަކުގައި އަންހެން ފަނޑިޔާރުން ކޯޓުތަކުގައި ފަނޑިޔާރުކަން ކުރަމުން ގެންދާތާ އެތައް އަހަރެއް ވެފައިކަމަށެވެ. އަދި ދުނިޔޭގައި މުސްލިމުން އެންމެ ގިނަ އިންޑޮނީޝިޔާ އާއި އަދި ސައޫދީ އަރަބިއްޔާ ހިމެނޭ ގޮތުން މެދު އިރުމަތީގެ ގިނަ ގައުމުތަކެއްގައި ވެސް އަންހެން ފަނޑިޔާރުން ޝަރީއަތް ކުރަމުން އަންނަކަން ފާހަގަ ކުރާކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.