ހަބަރު

އަންހެން ފަނޑިޔާރުން އައްޔަން ކުރަން ނަޝީދު ތާއީދު

Aug 25, 2019
4

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފި އެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި ބޭރުގެ ގިނަ ދީނީ އިލްމުވެރިންގެ ރައުޔުތަކަށް ބެއްލެވުމަށް ފަހު ދެ އަންހެން ފަނޑިޔާރަކު އައްޔަން ކުރަން ރައީސް ސޯލިހު ނިންމެވި ނިންމެވުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވާފައި ވަނީ ޑރ. އަޒްމިރާލްދާ ޒާހިރާއި، އާއިޝާ ޝުޖޫން މުހައްމަދުގެ ނަމެވެ. ނަމަވެސް އަންހެން ފަނޑިޔާރުން ތިބުމާ މެދު ދީނުގައި ތަފާތު ރައުޔުތަކެއް ހުރުމާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި ވެސް ވަނީ ހިޔާލު ތަފާތުވެފަ އެވެ.

އެގޮތުން ފަތުވާ ކޮމިޓީ އިން ނިންމާފައި ވަނީ އަންހެން ފަނޑިޔާރުން އައްޔަން ކުރުން ހުއްދަ ނޫން ކަމަށެވެ. އަދި މަޝްހޫރު ގިނަަ އިލްމުވެރިންގެ އިތުރުން ސަރުކާރާއެކު އޮންނަ އަދާލަތު ޕާޓީ އިން ވެސް ވަނީ ހުއްދަ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަަމަވެސް ސަރުކާރަށް ތާއީދު ކުރާ ބައެއް ސިޔާސީ ފަރާތްތަކާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެމްޑީޕީގެ ވިސްނުމަކީ އަންހެން ފަނޑިޔާރުން އައްޔަން ކުރެވިދާނެ އެވެ.

ރާއްޖޭގައި ކުރިން ވެސް އަންހެނަކު ފަނޑިޔާރުކަންކޮށްފައިވެ އެވެ. އެއީ ރައިސް މައުމޫންގެ ވެރިކަމުގަ އެވެ.