ވިޔަފާރި

އަގުހެޔޮކޮށް މުދާ ލިބޭ މިނިސޯ ފިހާރައެއް ރާއްޖޭގައި ހުޅުވަނީ

އަގު ހެޔޮ ކޮށް، މުދާ ވިއްކަން މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ "މިނިސޯ" ގެ ފިހާރައެއް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ.

ވިޔަފާރި ހަބަރުތައް ގެނެސްދޭ "އިންސައިޑް ރީޓެއިލް އޭޝިއާ" އިން ބުނީ މިނިސޯ ފިހާރަ ފުޅާ ކުރުމުގެ ގޮތުން، ރާއްޖެ ހިމެނޭ ގޮތަށް ހަ ގައުމެއްގައި ފިހާރަ ހުޅުވަން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ އިތުރުން މި ފިހާރަ ހުޅުވާ އެހެން ގައުމުތަކަކީ އިނގިރޭސިވިލާތާއި ފްރާންސް ރީޔުނިއަން އަދި އަރޫބާ އާއި ކިއުރަކޯއާ އެވެ.

މިނިސޯގެ ގިނަ ފިހާރަ ތަކެއް އިންޑިއާގެ އެކި ސިޓީތަކުގައި މިހާރު ވެސް ހިންގަ އެވެ. މިއީ އެ ގައުމުގައި ވެސް މަގުބޫލު ވިޔަފާރި އެކެވެ.

މިނިސޯގެ ފިހާރަ ތަކުން ވިއްކާ އުފެއްދުންތަކުގެ ތެރޭގައި ގޭގައި ބޭނުންކުރާ ސާމާނާއި ކާބޯތަކެތި އަދި ކުޑަކުދިންގެ ކުޅޭ ސާމާނުގެ އިތުރުން މޭކަޕާއި ސެންޓް ހިމެނެ އެވެ.

މި ބްރޭންޑު ދުނިޔޭގައި ދަނީ ހަލުވިކަމާއެކު ފުޅާވަމުންނެވެ. އެ ކުންފުނިން މިދިޔަ އަހަރު ސްޕެއިން އާއި ޖަރުމަނު އަދި އަޔަލޭންޑުގައި ވެސް ފިހާރަ ހުޅުވާފައިވެ އެވެ.

"މިނިސޯ" އިން 90 ގައުމެއްގައި ފިހާރަ ހިންގަ އެވެ. އެ ކުންފުނިން އަމާޒު ހިފާފައިވަނީ 2022 ވަނަ އަހަރު 100 ގައުމެއްގައި 10،000 އަށް ވުރެ ގިނަ ފިހާރަ ހުޅުވާށެވެ.