އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެންމެ މުހިއްމީ ފަތުވާ މަޖިލީހުގެ ބަހެއް ނޫން ކަމަށާއި އެ ކަމުގައި ބަހެއް ބުނުމަށް އެންމެ އައުލާ ކަން ބޮޑީ ފިގުހު އެކަމަޑީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްޑާ ޒާހިރާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން އައްޔަން ކުރުމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވައިފަ އެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެ، ބައެއް އިލްމުވެރިން ދަނީ އިސްލާމް ދީނުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫން ކަމަށް ބުނަމުންނެވެ. އެއީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ފަތުވާ މަޖިލީހުން ވަނީ ބަޔާނެއް ނެރެފަ އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭ ގޮތުން "ފެން ހިފޭ" ޖަމާއަތުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި ވިދާޅުވީ މި މައްސަލާގައި ބަޔާނެއް ނެރެފައިވާ ފަތުވާ މަޖިލީހަކީ އިސްލާމިކް މިނިސްޓްރީގެ ދަށުގައިވާ މަޖިލީހަކަށް ވާތީ މި ކަމުގައި އެއްޗެއް ބުނުން އެންމެ އައުލާކަން ބޮޑީ އެ މަޖިލީހުގެ ބަސް ނޫން ކަމަށާައި އެ މައްސަލައާ މެދު ބަހެއް ބުނަން ޖެހޭނީ ފިގުހު އެކަޑަމީ އިން ކަމަށެވެ.
"އެނގޭނެ ފަތުވާ މަޖިލީހަކީ އިސްލާމިކް މިނިސްޓްރީގެ ދަށުގައިވާ މަޖިލީހެއް، ހަގީގަތުގައި މި ރާއްޖޭގައި މިފަދަ މައްސަލަތަކުގައި ބަހެއްް ބުނުމަށް އައުލާކަން އެންމެ ބޮޑީ ފިގުހު އެކަޑަމީ." ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު ފަތުވާ ދޭ އެންމެ މަތީ މަޖިލިސް އުފެއްދުމަށް 2016 ވަނަ އަހަރު ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އެ އިސްލާހު ތަސްދީގު ކުރުމާއެކު އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ "ފިގުހު އެކެޑަމީ" އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް ބަދަލުވާނެ އެވެ.
އޭގެ އިތުރުން ފަތުވާ ދޭ އެންމެ މަތީ މަޖިލީހަކީ ދީނީ ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގުހީ އާ މައްސަލަތައް ދީރާސާކޮށް އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށް ޓަކައި އުފައްދާ މަޖިލީހެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
އަންހެން ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައާ ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާފަ އެވެ. މަޖިލީހުގެ 52 މެންބަރުންގެ ތާއީދާއެކު އެ ކުއްލި މައްސަލަ މަޖިލީހުން ބަލައިގެންފަ އެވެ.
އެހެން ކަމުން މަޖިލީހުގެ މެންބަރުންގެ ޕޯޓަލްއަށް ފަތުވާ މަޖިލީހުގެ ބަޔާނުގެ އިތުރުން އަދާލަތު ޕާޓީންނާއި އެމްޑީޕީން އެ މައްސަލާގައި ނެރެފައިވާ ބަޔާން ވަނީ ފޮނުވާފަ އެވެ. އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ކުވައިތުގައި 2015 އަހަރު ބޭއްވި ބައްދަލުވުމުގައި އަންހެނުންނާއި އާންމު މަސައްކަތްތަކުގެ ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާކޮށް ނެރެފައިވާ ބަޔާން ވެސް މެންބަރުންގެ ޕޯޓަލްއަށް ފޮނުވާފައިވެ އެވެ.