ވިޔަފާރި

އެސްޓީއޯގެ ސާފު ފައިދާ އިތުރުވެ، 88 މިލިއަން ރުފިޔާއަށް އަރައިފި

އެސްޓީއޯ އަށް މިދިޔަ ކުއާޓާގައި ލިބުނު ސާފު ފައިދާ އިތުރުވެ، 88 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން އާއްމުކޮށްފައިވާ މި އަހަރުގެ ދެ ވަނަ ކުއާޓާ ( އަހަރުގެ ދެ ވަނަ ތިން މަހު) ގެ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން މި ކުއާޓާގައި 1.5 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯ އަށް މި އަހަރުގެ ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 88 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ލިބިފައިވަނީ 77.4 މިލިއަން ރުފިޔާގެ ފައިދާ އެކެވެ. އަދި މި ކުއާޓާގައި އެ ކުންފުނިން 1.3 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.6 ބިލިއަން ރުފިޔާ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ދެވަނަ ކުއާޓާގައި ލިބުނީ 93 މިލިއަން ރުފިޔާ އެވެ.