ވިޔަފާރި

ފެލިވަރުގައި 12 އަހަރަށްފަހު ރެކޯޑު އަދަދަކަށް މަސް ދަޅު ބަންދުކޮށްފި

ފެލިވަރު ފެކްޓްރީގައި 12 އަހަަރަށްފަހު، 60 ޓަނުގެ ދަޅު މަސް ބަންދުކޮށް ރެކޯޑެއް ގާއިމްކޮށްފި އެވެ.

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރީއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އަވަސް އަށް ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތަކާއެކު 2007 ވަނަ އަހަރަށްފަހު އިއްޔެ 60 ޓަނުގެ ދަޅު މަސް ބަންދު ކުރުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާ، މީގެން އެނގެނީ މިފްކޯގެ ކުރިމަގު އުޖާލާކަން ކަމަށެވެ.

"އެންމެ ފަހުން 7، މެއި 2007 ގައި 65 ޓަނު ޕްރޮސެސް ކުރެވުނީ. މީގެ ފަހުން އެންމެ ގިނަ އަދަދަކަށް މަސް ދަޅު ބަންދުކުރި އެންމެ ބޮޑު ވޮލިއުމް މިއީ. މިއީ މުވައްޒަފުންގެ ވަރަށް ބޮޑު އެފަޓެއް. މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ކޮމިޓްމަންޓެއް،" އިސްމާއިލް ވިދާޅުވި އެވެ.

ފެލިވަރުގައި އިއްޔެ 4،888 ކޭސް މަސް ދަޅު އުފައްދާފައިވެ އެވެ. މީގެތޭގައި ހިމެނެނީ 3،946 ކޭސް ޓޫނާ ޗަންކްސް އިން އޮއިލް [ތެޔޮ މަސް] ކުދި ދަޅާއި 1.8 ކިލޯގެ ބޮޑެތި ދަޅުގެ 46 ކޭސް އަދި ޔޫރަޕާއި ރާއްޖޭގެ މާކެޓުގައި މަގުބޫލުކަން ހޯދާފައިވާ ޕެކެޓު މަސް [ޕައުޗް] ގެ 196 ކޭހެވެ.

އެމްޑީ، އިސްމާއިލް ވިދާޅުވީ ފެލިވަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ދަޅު މަސް ބަންދު ކުރާ އަދަދު މަތި ކުރެވުމަކީ ހެޔޮ ފާލެއް ކަމަށެވެ.

"އަޕްގްރޭޑިންގެ ބާކީ ހުރި ބައި ކުރި އަށް ގެންދަން މިހާރު ވެސް މަސައްކަތް ކުރަމުން މިދަނީ. ސަރުކާރުގެ ސައިޑުން ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރެވޭ އެބަ. ފެކްޓްރީ ރީ-ޑިޒައިންކޮށް ކުރިއަށް ގެންދަން މިހާރު ޕްލޭންތައް ވެސް ވަނީ ހެދިފައި،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފްކޯގެ އަމާޒަކީ ރާއްޖެ އަށް ބާނާ މަސް ރާއްޖޭގައި ބަންދުކޮށް [ވެލިއުއެޑް] ކޮށްގެން އެކްސްޕޯޓް ކުރުން ކަމަށެވެ.

"މިހާރު ވެސް 65 މެޓްރިކް ޓަނަށް ގެންދެވިދާނެ. އެކަމަކު މުވައްޒަފުން ތިބޭ ތަންތަން ރަނގަޅު ކުރަން ޖެހޭ. ކޭނަރީ އަދި ކޯލްޑް ސްޓޯރޭޖް އާއި ލޭބަލިން އޮޓަމޭޓް ކުރަން ޖެހޭ. މީގެ އިތުރުން ޕްރޮޑަކްޝަން އުފައްދަން ފެށުމުން ބާކީވާ ބާވަތްތަކުން އުފައްދާ ފިޝްމީލް ސްޓޯ ކުރާ ބައި ވެސް ތަރައްގީ ކުރަން ޖެހޭ. އެކަން މިހާރު މި ދަނީ ކުރަމުން. މި [ފިޝްމީލް] އަކީ ވެސް ބައި ޕްރޮޑަކްޓެއްގެ ގޮތުގައި އެކްސްޕޯޓް ކުރާ އެއްޗެއް،" އިސްމާއިލް ވިދާޅުވި އެވެ.

ޅ. ފެލިވަރުގައި ޖަޕާނު އެއިޓް އެމްޓީ ކޭނަރީ އާއި ދިވެހި ސަރުކާރުން ހެދި ޖޮއިންޓްވެންޗާއެއްގެ ދަށުން މި ފެކްޓްރީ ހަދަން ނިންމީ 1977 ވަނަ އަހަރު އެވެ. މި ފެކްޓްރީ ރަސްމީކޮށް ހުޅުވައި މަސް ބަންދު ކުރުމުގެ މަސައްކަތް ފަށާފައިވަނީ 3، ފެބްރުއަރީ 1978 ވަނަ އަހަރު އެވެ. ފެލިވަރަށް 41 އަހަރު ފުރުނީ މި އަހަރު އެވެ. ނިމިދިޔަ ސަރުކާރުން ވަނީ ފެލިވަރުގެ މަސް ދަޅު ބަންދު ކުރުމުގެ ގާބިލްކަން އިތުރުން ކުރަން އިންވެސްޓްމަންޓު ތަކެއް ކޮށްފަ އެވެ. މިގޮތުން، ކުރިން 15 ޓަނުގެ ދަޅު މަސް ބަންދު ކުރާ ކާރުހާނާގެ ކެޕޭސިޓީ ވަނީ 50 މެޓްރިކް ޓަނަށް މަތިކޮށްފަ އެވެ. ނަމަވެސް އެތަނަށް އަދި ވެސް ބޮޑެތި އިންވެސްޓްމަންޓު ތަކެއް ބޭނުންވެ އެވެ.