ހަބަރު

ތިން ރަށެއްގެ ބަނދަރު ހެދުމާއި ދެ ރަށެއްގެ ބިން ހިއްކަން ހަވާލުކޮށްފި

، ދެ ރަށެއްގެ ބަނދަރު އަޕްގްރޭޑް ކުރުމާއި ދެ ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން އެއް ރަށުގެ ބަނދަރުގެ ސާވޭ އެންޑް ޑިޒައިންގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ހދ. ނެއްލައިދޫ އާއި މ. ވޭވަށް ބަނދަރު އަޕްގްރޭޑް ކުރުމާއި، ކ. މާފުށީ އަދި ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ރ. އަނގޮޅި ތީމު ބަނދަރުގެ ސާވޭ އަދި ޑިޒައިންގެ މަސައްކަތް ހަވާލުކޮށް ވަނީ އެއްބަސްވުންތަކުގައި ސޮއި ކޮށްފަ އެވެ.

އެމްޓީސީސީއާ ހަވާލުކުރި ފަސް މަޝްރޫއުގެ އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އަދި، އެމްޓީސީސީގެ ފަރާތުން ކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.

ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިންމުމަށް އަހަރެއްގެ މުއްދަތު ދީފައިިވާއިރު، އެމްޓީސީސީއާ ހަވާލު ކުރީ 47.6 މިލިއަން ރުފިޔާ އަށެވެ. އަދި ވޭވަށުގެ ބަނދަރު އަޕްގްރޭޑް ކުރުމަށް 500 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އެމަސައްކަތް ހަވާލުކުރީ 48.8 މިލިއަނަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މާފުއްޓާއި ގުރައިދޫގެ ބިން ހިއްކުމުގެ މަޝްރޫއު އެކުންފުންޏާ ހަވާލުކުރީ 225 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެގޮތުން މާފުށި ބިން ހިއްކުމަށް 99.9 މިލިއަން ރުފިޔާ އެކުންފުންޏާ ހަވާލުކުރިއިރު ގުރައިދޫ ބިން ހިއްކުމަށް ހަރަދުވާނީ 85.9 މިލިއަން ރުފިޔާ އަށް ކަމަށް މައުލޫމާތު ދިނެވެ.

އިއްޔެ ސޮއި ކުރި އަނގޮޅިތީމުގެ ބަނދަރުގެ ސާވޭ އަދި ޑިޒައިނިންގެ މަސައްކަތް 25 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިިވާއިރު، ހޭދަވާނީ ތިން ލައްކަ ރުފިޔާ ކަމަށް މިނިސްޓްރީން ބުނެ އެވެ.