ވިޔަފާރި

ފަސް އަހަރުތެރޭ ޓޫރިޒަމަށް އެންމެ ބޮޑު ކުރިއެރުމެއް އައީ މި އަހަރު

ވޭތުވެދިޔަ ފަސް އަހަރުތެރޭ، ޓޫރިޒަމަށް އެންމެ ބޮޑު ކުރިއެރުން ލިބިފައިވަނީ މި އަހަރުގެ ވޭތުވެދިޔަ ހަ މަސް ދުވަހު ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޓޫރިޒަމަށް 19 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"މިއީ 2010 ވަނަ އަހަރުން ފެށިގެން ފުރަތަމަ ހަ މަސް ދުވަހަށް ބެލި ނަމަވެސް އެންމެ ރަނގަޅަށް ދިޔަ ހަ މަސް. މި އަހަރުގެ ޖެނުއަރީން ޖޫން މަހާ އަޅާ ބަލާއިރު 19 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވޭ،" ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރު 1.5 މިލިއަން މީހުން ރާއްޖެ ގެނައުން ކަމަށާ، މިހާތަނަށް ބަލާއިރު 1.1 މިލިއަން މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ޓާގެޓަށް ވާސިލްވާނެ ކަމަށް. އުންމީދު ކުރަނީ ނޮވެމްބަރު މަހުގެ ކުރީކޮޅު މި ޓާގެޓަށް ވާސިލް ވެވޭނެ ކަމަށް،" ތޮއްޔިބު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން މިއަދު އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޔޫރަޕުގެ މާކެޓުން މި މުއްދަތުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިޓަލީވިލާތާއި ޖަރުމަނުވިލާތުގެ އިތުރުން އިނގިރޭސިވިލާތުންނެވެ.

ޔޫރަޕުގެ ވަރުގަދަ ތިން މާކެޓް

 • އިޓަލީވިލާތް: 37.7 ޕަސެންޓް
 • ޖަރުމަނުވިލާތް: 19.7 ޕަސެންޓް
 • އިނގިރޭސިވިލާތް: 12.6 ޕަސެންޓް

ތޮއްޔިބު ވިދާޅުވީ އެ ގައުމުތަކުން ކޮންމެ އަހަރަކު ވެސް ބޮޑު ކުރިއެރުމެއް ލިބެމުން އަނަނަ ކަމަށެވެ.

"އިޓަލީވިލާތުން އެންމެ ބޮޑު ކުރިއެރުމެއް އައިސްފައި މިވަނީ ގަބޫލު ކުރެވޭ ގޮތުގައި އެ ތަނުގެ އިކޮނޮމީ ރަނގަޅުވުމާއި އެ ގައުމަށް ޕީއާރެއް ހަމަޖެއްސުމާއެކު ހިންގުނު ތަފާތު ހަރަކާތްތަކުގެ ސަބަބުން" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެއްވަނަ: ޗައިނާ

މި އަހަރުގެ ހަ މަސް ދުވަހު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ގައުމަކީ އިންޑިއާ މާކެޓެކެވެ. އެ ގައުމުން އައި މީހުންގެ އަދަދު ވަނީ 100 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 82،140 މީހުން އައިސްފައިވެ އެވެ. އަދި ރާއްޖެއަށް އެންމެ ގިނަ އިން މީހުން އަންނަ ގައުމެއްގެ ގޮތުގައި އަދި ވެސް އޮތީ ޗައިނާ އެވެ. އެ ގައުމުން މިހާތަނަށް 140،265 މީހުން އައިސްފައިވެ އެވެ.

އޮސްޓްރޭލިއާ އާއި އެމެރިކާ: އުންމީދީ މާކެޓެއް

ތޮއްޔިބު ވިދާޅުވީ މިހާތަނަށް މާބޮޑަށް އަޅައި ނުލި ނަމަވެސް އޮސްޓްރޭލިއާ އާއި އެމެރިކާ މާކެޓުން އަންނަ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

"މި [އޮސްޓްރޭލިއާ/ އެމެރިކާ] އަށް އަޅުގަނޑުމެން އިތުރު ސަމާލުކަމެއް ދޭން ޖެހޭ. ހަގީގަތުގައި ރަނގަޅު ކުރިއެރުމެއް އައިސްފައިވޭ،" ތޮއްޔިބު ވިދާޅުވި އެވެ.

މި އަހަރު ހިންގި ހަރާކާތްތައް

 • 12 ގައުމެއްގެ 15 ފެއާއެއްގައި ބައިވެރިވި
 • 13 ގައުމެއްގައި ފަސް ރޯޑް ޝޯވް
 • 11 ފޭމް ޓްރިޕް ރޭވި (ނޫސްވެރިން ގެނައުން)
 • 11 ޕީއާރުން ހަމަޖެއްސި
 • 12 ޖޮއިންޓް ޕްރޮމޯޝަން
 • 2 ގްލޯބަލް އެޑްވަޓައިސިން އިވެންޓް
 • ރާއްޖެ އަށް އަށް އެވޯޑް
 • ހަ ނެޓްވޯކިން ޓްރިޕް
 • 2 ލޯކަލް އިވެންޓް
 • 12 އެންޑޯސްމަންޓް އިވެންޓް
 • 1 ގެސްޓްހައުސް ޓްރެއިނިން

މިއަދު އޮތް ނޫސްވެރިންގެ ބައްދަލު ވުމުގައި ތޮއްޔިބު ވިދާޅުވީ ރާއްޖެ އަށް ލިބޭ ކޮންމެ ރީތި ނަމެއްގެ ވެރިންނަކީ ޓޫރިޒަމް އިންޑަސްޓްރީ ކަމަށެވެ. ތޮއްޔިބު އެހެން ވިދާޅުވި އިރު އަދި މިއަހަރު ޓޫރިޒަމް މާކެޓިން ބަޖެޓް ބޮޑު ކުރި އިރު އެމްއެމްޕީއާރްސީގެ ހަރަކާތްތަކުގައި ދިވެހި ނޫސްވެރިންގެ ތެރެއިން ބައިވެރި ކުރަނީ މީޑިއާގެ ވަކި އެޖެންސީތަކެކެވެ.