ވިޔަފާރި

ފީ ހިލޭ ކުރުމުން ގެސްޓްހައުސްތައް ފެއާތަކުގައި ބައިވެރިނުވޭ

ގެސްޓްހައުސް ތަކަށް ބޭރުގެ ފެއާތަކުގައި ބައިވެރިވާން ހިލޭ ފުރުސަތު ދިނުމުން ވެސް ބައިވެރިވާ ފަރާތްތައް މަދު ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ގެސްޓްހައުސްތަކަށް މާކެޓިންއާ ބެހޭ ގޮތުން ވެސް ވާކްޝޮޕްތަކެއް ހިންގިފައިވާ ކަމަށާއި ގިނަ ފުރުސަތުތަކެއް ވެސް ދެވިއްޖެ ކަމަށެވެ.

"ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ގެސްޓްހައުސްތަކަށް ފުރުސަތު ދީ ޕްރޮމޯޓް ކުރުން. ނަމަވެސް ކޮންމެ ވެސް ސަބަބުތަކާ ހުރެ ވޯކްޝޮޕްތަކުގައި ވެސް އެހާ ގިނަ މީހުނަކަށް ބައިވެރިއެއް ނުވެވުނު. ރާއްޖޭގެ 11 ސަރަހައްދުގައި މާކެޓިން ވޯކްޝޮޕް ތަކެއް ހިންގިއިރު ވެސް ބައިވެރިއެއް ނުވެވުނު،" ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ގެސްޓްހައުސް ތަކުން އެންމެ ބޮޑަށް ޖެއްސި މައްސަލައަކީ ފެއާތަކުގައި ބައިވެރިވާން ދައްކަން ޖެހޭ ފީ ބޮޑުވުމުން ބައިވެރިނުވެވޭ ވާހަކަ ކަމަށެވެ.

"އެހެންވެ، މީގެ ދެ މަހެއްހާ ދުވަސް ކުރިން ބޭއްވި ބޯޑް އޮފް ޑައިރެކްޓާސް މީޓިންގައި ފާސް ކުރީ ގެސްޓްހައުސްތަކަށް ފުރުސަތު ދިނުމުގެ ގޮތުން، ގެސްޓްހައުސްތަކާ ގުޅުންހުރި ފެއާތަކުގައި މެންބަރަކަށް ނުވިއަސް ހިލޭ ބައިވެރިވެވޭނެއޭ. ނަމަވެސް މި ފުރުސަތު ދިނުމުން ވެސް ފުރުސަތު ބޭނުން ކޮށްގެން އެންމެ ރަނގަޅަކަށް ބައިވެރިއެއް ނުވި. އަޅުގަނޑުމެން މި އޮތީ ފުރުސަތު ދީފަ،" ތޮއްޔިބު ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ގެސްޓްހައުސް ޕްރޮމޯޓް ކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ރާއްޖޭގެ މާކެޓިން ބަޖެޓު ވަނީ ތިން ގުނަ ބޮޑުކޮށްފަ އެވެ. ކުރިން ތިން މިލިއަން ޑޮލަރަށް އޮތް ބަޖެޓު ވަނީ 10 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 158 މިލިއަން ރުފިޔާ) އަށް އިތުރުކޮށްފަ އެވެ.

އެމްއެމްޕީއާރްސީން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކުރިންސުރެ ހިންގަމުން އައި ހަރަކާތްތަކުގައި ދިވެހި ނޫސްވެރިން ވަރަށް ބޮޑަށް ބައިވެރިކޮށް ހެދި އެވެ. ނަމަވެސް މިހާރު އެ ފުރުސަތެއް ނުދެ އެވެ.