ހަބަރު

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ފަށައިފި

ބާރަސަތޭކައަށް ވުރެ ގިނަ ދަރިވަރުންނާއެކު 33 ވަނަ ގައުމީ ގުރުއާން މުބާރާތް ރޭ ފަށައިފި އެވެ.

އިސްލާމީ މަރުކަޒުގައި ރޭ ފެށި މި މުބާރާތް ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން، ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމުގައިވީ ނަމަވެސް ކޮންމެ ރޯދަ މަހަކާ ދިމާކޮށް ގާރީންނާއި ހާފިޒުން ރާއްޖެއިން ބޭރުން ގެންނަން ޖެހުމަކީ ވިސްނާލަންޖެހޭ ކަމެއްކަމަށާއި އޭގެ ބަދަލުގައި ރާއްޖެއިން އެކަންކުރެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށެވެ.

ރާއްޖޭގައި މިހާރުވެސް ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތްތަކާއި ބޭރުގެ އެކިއެކި މުބާރާތްތަކުގައި ބައިވެރިވަމުންދާކަން ފާހަގަކުރައްވައި ވިދާޅުވީ ރޯދަ މަހު ގާރީން ބޭރުން ނުގެނެސް ރާއްޖެއިން އެކަން ހަމަޖެއްސުމަށް ސްކޫލްތަކާއި ގުރުއާނާ ބެހޭ މަރުކަޒުން އިސް ނަގައި ރަނގަޅު ޕްލޭނަކާއެކު މަސައްކަތް ފަށަން އެދި ވަޑައިގަންނަވާ ކަމަށެވެ.

މި އަހަރުގެ ގުރުއާން މުބާރާތް ތިން ކެޓަގަރީއަކަށް ވަނީ ބަހާލާފަ އެވެ. އެއީ ސްކޫލް ދަރިވަރުންގެ ކެޓަގަރީ އާއި އާންމު ކެޓަގަރީގެ އިތުރުން ހާފިޒުންނަށް ހާއްސަ ކެޓަގަރީ އެވެ.