ވިޔަފާރި

މޯލްޑިވިއަންގެ އޭ330 ބޯޓާއެކު ޗައިނާއަށް ސީދާ އުދުހެން ފަށަނީ

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަންނަ އަހަރު ގެންނަ އޭ 330 ގެ މަތިންދާ ބޯޓާއެކު ޗައިނާއިން އައްޑުއަށް ސީދާ ދަތުރު ފަށަން މަސައްކަތް ފަށައިފި އެވެ.

ރާއްޖެ- ޗައިނާ ސީދާ ދަތުރުތައް ފެށުމުގެ ގޮތުން، މި ދަތުރުގެ މައުލޫމާތު ދިނުމަށް، ޗައިނާގެ 300 ޓުއާ އޮޕަރޭޓަރުންނާއެކު ވަނީ ނިއުސް ކޮންފަރެންސެއް ބާއްވާފަ އެވެ. މި ނިއުސް ކޮންފަރެންސުގައި މި ދަތުރުތައް ވަނީ ލޯންޗް ކޮށްފަ އެވެ.

އެ ނޫސް ކޮންފަރެންސުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ވެސް ބައިވެރިވަޑައިގަތެވެ. އިތުރުން ޒިއާންގެ ލޯކަލް ޓޫރިޒަމް ބިއުރޯގެ ޗީފް އާއި ޗައިނާގެ ވެސްޓް އެއާޕޯޓުގެ ޑިރެކްޓަރު އަދި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ނޫސް ކޮންފަރެންސުގައި މޯލްޑިވިއަން އިން ވަނީ ޗައިނާއަށް ފަށާ ޑައިރެކްޓް ފްލައިޓް ރަސްމީކޮށް ލޯންޗް ކޮށްފަ އެވެ. "ހެލޯ މޯލްޑިވްސް" ގެ ނަމުގައި ތައްޔާރު ކޮށްފައިވާ މި ވީޑިއޯގައި ރާއްޖޭގެ މަންޒަރުތަކާއި މޯލްޑިވިއަން ފެނިގެންދެ އެވެ.

އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ އުދުހުންތައް ފަށަން ވަނީ މަޝްވަރާކޮށްފަ އެވެ.

މޯލްޑިވިއަން އިން މިހާރު ވެސް ޗައިނާ އިން ޓޫރިސްޓުން ގެނެ އެވެ. ނަމަވެސް މި ފްލައިޓު ދަނީ ބެންކޮކްގައި ޖެއްސުމަށް ފަހު އެވެ. އެ ގައުމުން ޗައިނާގެ ތިން ސިޓީ އަކަށް މިހާރު ދަތުރު ކުރެ އެވެ. އެ ކުންފުނިން ދަނީ އާ ބޯޓު އޭ 330 ގެންނަން ތައްޔާރު ވަމުންނެވެ. އަދި މި ދަތުރުތަކާއެކު ގައުމީ އެއާލައިން ދުނިޔޭގެ ގިނަ ގައުމުތަކަށް އުދުހެން ފަށާނެ އެވެ.