ހަބަރު

އަންހެނުންގެ މަސައްކަތްތައް ބަލައިނުގަތުމަކީ ގޮންޖެހުމެއް: މިނިސްޓަރު

މި ސަރަޙައްދުގެ އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި އުޖޫރަ ނުލިބޭ ގޮތަށް ގޭތެރޭގައި ކުރާ ކަންކަން މަސައްކަތެއްގެ ގޮތުގައި ބަލައި ނުގަތުން ހިމެނޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ނިއު ދިއްލީގައި އިއްޔެ ފެށި ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސްވޯން) ގެ 10 ވަނަ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުދިން ބެލުމާއި ކެއްކުމާއި ފޮޅާ ސާފުކުރުން އަދި ދޮވެ އިސްތިރި ކުރުން، ފަދަ ކަންކަން މަސައްކަތެއްގެ ގޮތުގައި ބެލެވިފައި ނުވާ ކަމަށެވެ. ނަމަވެސް، މި މަސައްކަތްތައް ނުހިނގާ ނަމަ މުޖުތަމައުގެ ހިނގުން ހުއްޓި، އިގުތިސޯދު ފުނޑުފުނޑުވެގެން ދާނެ ކަމަށެވެ.

އަދި ވިދާޅުވީ، ރާއްޖޭގައި ކުރެވުނު ސާވޭއެއްގައި އުޖޫރަ ލިބިގެންނާއި އުޖޫރަ ނުލިބި ކުރާ މަސައްކަތްތައް އެއްކޮށްލުމުން ފިރިހެނުންނަށް ވުރެ ގިނަ ވަގުތު އަންހެނުން މަސައްކަތުގައި އުޅޭ މިންވަރު އިތުރު ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ.

އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޖަލްސާގައި އަންހެނުން ބާރުވެރިކުރުވުމަށް އަދި އަންހެނުންގެ ބައިވެރިވުން އިގުތިސޯދީ ގޮތުންނާއި ސިޔާސީ ގޮތުން އިތުރު ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދަމަހައްޓާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.