ވިޔަފާރި

އެޗްޑީއެފްސީން 80 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަނީ

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން 80 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ހުޅުވާލައިފި އެވެ.

އެޗްޑީއެފްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރަހީމާ ސަލީމް ވިދާޅުވީ އެ ކުންފުނިން މި ފަހަރު ހުޅުވާލަނީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ބޮންޑު ވިއްކަން ތައްޔާރުވުމުގެ ގޮތުން އެޗްޑީއެފްސީން ވަނީ ޕްރޮސްޕެކްޓާސް ހުޅުވާލާފަ އެވެ. ބޮންޑު ވިއްކަން ފަށާނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އަދި ވިއްކުން ހުއްޓާލާނެ ތާރީހަކީ ނޮވެމްބަރު 12 ވަނަ ދުވަހު އެވެ.

އެޗްޑީއެފްސީ އިން މި ފަހަރު ވިއްކަން ހުޅުވާލާފައިވަނީ 80،000 ބޮންޑެވެ. ބޮންޑެއް ވިއްކާ އަގަކީ 1،000ރ. އެވެ. މި ފަހަރުގެ ބޮންޑު ދޫކުރާނީ 10 އަހަރު ދުވަހަށެވެ. އަހަރަކު ދެ ފަހަރު ފައިދާ ބަހާއިރު ބޮންޑު ދޫކުރަނީ ހަތް ޕަސެންޓުގަ އެވެ.

އެޗްޑީއެފްސީގައި ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓު ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީބީ) ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިޔާގެ 15 ޕަސެންޓް އޮވެ އެވެ.

ރާއްޖޭގެ ހައުސިން ދާއިރާ އަށް އެންމެ ގިނަ އިން ލޯނު ކުރާ އެއް ކުންފުނި ކަމަށްވާ އެޗްޑީއެފްސީ އިން 2013 ވަނަ އަަހަރާއި 2018 ވަނަ އަހަރު ވެސް ބޮންޑެއް އިޝޫކޮށްފައިވެ އެވެ.