ހަބަރު

ވެމްކޯ މުވައްޒަފަށް ހަމަލާ ދިން މީހާ ހައްޔަރުކޮށްފި

މޯލްޑިވްސް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފަކަށް ހަމަލާ ދިން މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިއަދު އޭނާ އަމިއްލައަށް ފުލުސް ހެޑްކުއާޓަރަށް ހާޒިރުވި ކަމަށާއި ހާޒިރުވުމުން ކޯޓު އަމުރެއްގެ ދަށުން އެނާ ހައްޔަރުކުރި ކަމަށެވެ. އެ މައްސަލާގައި ހައްޔަރު ކުރީ 32 އަހަރުގެ ފިރިހެނެކެވެ.

ވެމްކޯގެ ޔުނީފޯމްގައި ހުރި މީހަކާއި މަގުމަތީގައި ހުރި އާންމު މީހަކާ ދެމެދު ޒުވާބުކޮށް، އެސްލޯން ހޮޅިއަކުން ވެމްކޯގެ މުވައްޒަަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. ދެތިން ފަހަރު ވެމްކޯގެ މުވައްޒަފުގެ ގައިގައި އެ މީހާ ޖެހުމުން ވެމްކޯގެ މުއައްޒަފު ވެސް އަނެއް މީހާއާ ހަމަނުޖެހުން ހިނގަން މަސައްކަތް ކުރެ އެވެ.