ހަބަރު

ރާއްޖެއަށް "އައިލެންޑް ޔުނިވާސިޓީ" ގެ ހިޔާލު ދެއްވައިފި

ރައީސްގެ އަނބިކަނބަލުންގެ އަރިހަށް ސްރީލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާ ރާއްޖޭގައި، "އައިލެންޑް ޔުނިވާސިޓީ" ތަސައްވަރުގެ ހިޔާލު ދެއްވައިފި އެވެ.

މިއަދު ހެނދުނު މުލިއާގޭގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ސްރީލަންކާގެ ބޮޑު ވަޒީރުގެ އަނބިކަނބަލުން، ޕްރޮފެސާ މައިތްރީ ވިކްރަމަސިންހާަ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި "އައިލެންޑް ޔުނިވާސިޓީ" ތަސައްވަރާއި އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހޯދިދާނެ ކަމަށް ވިދާޅުވެ އެފަދަ ތަސައްވަރަކަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ހާމަކުރެއްވި އެވެ.

ފަސްޓް ލޭޑީގެ ވާހަކަފުޅުގައި ސްރީލަންކާއަކީ އަބަދުވެސް ރާއްޖެއާ ގާތް އެކުވެރި ގައުމެއްކަން ފާހަގަ ކުރައްވައި ދެގައުމު ގުޅިގެން އެކި ދާއިރާތަކުން ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި "މާސްޓާ އޮފް އޮތެންޓިކް މޯލްޑިވިއަން ކުޒިން" ގެ ނަމުގައި ދައްކާލި ދިވެހި ކެއްކުމުގެ ހަރަކާތްތަކެއް ވަނީ ބައްލަވާލައްވާފަ އެވެ. މި ހަރަކާތުގައި "ކަށިކެޔޮ ބަތްޕެން" ތައްޔާރުކުރާނެ ގޮތް ކިޔައިދީ ކަށިކެޔޮ ބަތްޕެނުގެ ފަރިއްކޮޅެއް އަރުވާފައި ވެ އެވެ.

އަދި، ޒިޔާރަތުގައި ލަންކާގެ ބޮޑު ވަޒީރުގެ އަނބިކަނބަލުން މުލިއާގެއަށް ވަޑައިގަންނަވާ އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއިކުރައްވާފަ އެވެ.