ވިޔަފާރި

ކޮނޮއްޓާ ރިސޯޓު ހުޅުވައި، ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި

ގއ. އަތޮޅުގައި އެމެރިކާ ކުންފުންޏަކުން ތަރައްގީ ކޮށްފައިވާ ކޮނޮއްޓާ ރިސޯޓު ހުޅުވައި، ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި އެވެ.

އައިމާ ކޮންސްޓްރަކްޝަން އާއި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން ހިއްސާ ވެގެން ބޮޑުބައި ތަރައްގީކުރުމަށްފަހު، އެމެރިކާގެ ހަވާއީ އަށް ނިސްބަތްވާ އައުޓްރިގާ ހޮޓެލް އެންޑް ރިސޯޓުން ވިއްކާލާފައިވާ މި ރިސޯޓު ހުޅުވާފައިވަނީ މިދިއަ ހޮނިހިރު ދުވަހު އެވެ. މި ރިސޯޓަށް ފުރަތަމަ އައިސްފައިވަނީ ދުބާއީގެ އާއިލާ އެކެވެ.

"ދަ ނޭޝަން" ގައި ވާ ގޮތުން ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔާފައިވަނީ އައުޓްރިގާ ކުންފުނިން އޭޝިޔާ ޕެސިފިކަށް ކަނޑައަޅުއްވާފައި ހުންނަނަވާ ޖެނެރަލް މެނޭޖަރު ޑާރިން އެޑްމޮންޓްރޮން އާއި ކޮނޮއްޓާގެ ޖެނެރަލް މެނޭޖަރު ޕެސްކަލް ބިލަން އެވެ.

ދިވެހި ބޮޑުބެރާއި ސަގާފީ ކުޅިވަރުތަކާއެކު ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށްފަހު އައުޓްރިގާގެ ޖެނެރަލް މެނޭޖަރު ޑާރިން ވިދާޅުވި ރިސޯޓު ހުޅުވިގެން ދިޔައީ ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ.

އެމެރިކާގެ އައުޓްރިގާ ކުންފުނިން މެނޭޖުކޮށް ބަލަހައްޓާ މި ރިސޯޓު ހުޅުވުމާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވެ އެވެ.

މި ޕްރޮމޯޝަންގައި ބީޗް ޕޫލްވިލާ އިން ރޫމެއް 516 ޑޮލަރު (ގާތްގަނޑަކަށް 7،956ރ.) އަށް ލިބެ އެވެ. އަދި އޯޝަން ވިލާއިން ރޫމެއް 726 ޑޮލަރު (1،1194ރ.) އަށް ލިބޭއިރު، ދެ ކޮޓަރި ހުންނަ ޕޫލްވިލާ ރޫމެއްގެ އަގު އުޅެނީ 898 ޑޮލަރު (13،847ރ.) އަށް ލިބެ އެވެ.

ކޮނޮއްޓާގެ ޖެނެރަލް މެނޭޖަރު ބިލަން ވިދާޅުވީ ރިސޯޓު ހުޅުވުވިގެން ދިޔައިރު، ކެއުމަށް ހާއްސަ މެނޫތަކާއި މޫދު ކުޅިވަރުތައް ލިބޭނެ ކަމަށެވެ.