ގާސިމް އިބްރާހިމް

ފުލުހުން ބަދުނާމުވާ ގޮތަށް މަޖިލިސް ރައީސް ވާހަކަ ދައްކަވައިގެން ނުވާނެ: ގާސިމް

މިހާރު އޮތް ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓި ބަދުނާމުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން ވާހަކަފުޅު ދެއްކެވުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ރިލްވާން މަރާލި މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓްގެ ހުސާލާ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެޖެންޑާ ކުރި އެވެ. އިއްޔެގެ ޖަލްސާގައި އެ ކަމަށް ރިއާޔަތްކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިހާރު އޮތް ފުލުހުންގެ މުއައްސަސާއިން ވެސް ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.

މަޖިލީހުގެ މިއަަދުގެ ޖަލްސާގައި، އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރެއްވުމުގެ ތެރެއިން މާމިގިލި ދާއިރާގެ މެންބަރު ގާސިމް ވަނީ ރިލްވާންގެ ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތްކޮށް ރައީސް ނަޝީދު އިއްޔެ ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ކަމަށް ފާޑު ވިދާޅުވެފަ އެވެ.

ގާސިމް ވިދާޅުވީ ރިލްވާންގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނުން މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެ ކޮމިޝަނަށް މައްސަލައިގެ ފުރިހަމަ ރިޕޯޓެއް އެކުލަވައިލެވުނީ ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބުމުން ކަމަށެވެ. އެހެން ކަމުން ފުލުހުން އެއްބާރުލުން ނުދޭ ކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވި ވިދާޅުވުމަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލި ކޮމިޝަނުން މަސައްކަތް ކުރައްވާފައި ނެތެކޭއެއް ނޫން. ނަމަވެސް ފުލުހުންގެ ފަރާތުން އެ ހުރިހާ އެއްބާރުލުމެއް ދީގެން އެ ހުރިހާ ކަމެއް ކުރެވިފައި ވަނީ. އެ ކަމުގެ ހަގީގަތް މަޖިލީހުގެ ރައީސް އޮޅުވާލައި ފުލުހުންގެ މުއައްސަސާ ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކެވުމަކީ އެއް ގޮތަކަށް ވެސް ހަމަޖެހޭ ކަމެއް ނޫން." މީގެ ކުރިން މަޖިލީހުގެ ރައީސް ކަން ވެސް ކުރެއްވި ގާސިމް ވިދާޅުވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ކޮމިޝަނުން ހޯދި މައުލޫމާތުތަކަކީ ކުރިން ވެސް ފުލުހުންގެ އިދާރާގައި ހުރި މައުލޫމާތުތަކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިކަން ފާހަގަ ކުރައްވައިފަ އެވެ. އަދި އެ ކަން އެނގިތިބި ހާމަކޮށް މައްސަލަ ނުބެލީ ކަމަށް ވިދާޅުވެ ނަޝީދު އުމަރަށާއި ފުލުހުންގެ މުއައްސަސާއަށް ފާޑުވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވީ މީގެ ކުރިން ކޮންމެ ގޮތަކަށް އަމަލު ކޮށްފައި އޮތަސް މިހާރު އޮތް ފުލުހުންގެ މުއައްސަސާއިން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވާ ވިދާޅުވުމަކީ ތެދެއް ނޫން ކަމަށެވެ. އަދި ތަހުގީގު ކުރުމުގެ ތަމްރީންތަކާއި ގާބިލިއްޔަތުކަން ނެތް ކޮމިޝަނަކަށް ފުލުހުންގެ އެއްބާރުލުން ނެތި އެއިން ކަމެއް ކުރެވޭނެ ގޮތަކާ މެދު ގާސިމް ސުވާލު އުފެއްދެވި އެވެ.

"އޭރުގެ ހޯމް މިނިސްޓަރު ކޮންމެ އެއްޗެއް ވިދާޅުވިޔަސް އަދި އޭރު ކޮންމެ ގޮތަކަށް އަމަލު ކޮށްފައި އޮތަސް މިހާރު ތިއްބެވި ފުލުހުން އެ ކަމަށް ފުރިހަމަ އެއްބާރުލުން ދީ އެ ކަމަށް ހުރިހާ ކަމެއްގައި އެހީތެރިވެ ދިން ކަން އެއީ ޔަގީނުން ވެެސް އެނގޭ ކަމެއް." ގާސިމް ވިދާޅުވި އެވެ.

ރިލްވާން މަރާލި މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގައި ހޯދުނު ކަންކަން ހާމަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ސީރިއާގައި ރިލްވާން މަރުވެފައިވާ ދެއްކުމުގެ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ފުލުހުންގެ އިންޓެލިޖެންސްގެ ދެ އޮފިސަރަކު މަސައްކަތް ކުރެއްވި އެވެ. އަދި އެ ތިން ބޭފުޅުންގެ މައްޗަށް އަދުލު އިންސާފަށް ހުރަސް އެޅި ކަމުގެ ދައުވާ ކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.