ނޫސްވެރިޔާ، އަހުމަދު ރިލްވާންގެ ފޯން އަޑު އެހުމަށާއި އޭނާއަށް ފާރަލަން، އޮޅުވާލައިގެން ކޯޓް އަމުރެއް ހޯދުން އެއީ ކުށެއް ނޫންތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ސުވާލު ކުރައްވައިިފި އެވެ.
ރައީސް ނަޝީދު މި ސުވާލު ކުރެއްވީ، އަހުމަދު ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުންނާ ދެކޮޅަށް ހެއްކެއް ނެތް ކަމަށާއި އެހެން ކަމުން އެ މީހުން ހައްޔަރު ކުރަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.
ފުލުހުންގެ މުއައްސަސާއަށް ފާޑު ވިދާޅުވެ ޓްވީޓެއް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭ ބާވަތުގެ ވާހަކަތައް، އެ އިދާރާގެ މަދު ބަޔަކު ނަމަވެސް ދައްކަމުން ދާކަމީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
އަދި ރިލްވާނަށް ފުލުހުންގެ ބަަޔަކު ފާރަލި ކަމަށް ބުނާ ބުނުމަށް އިޝާރާތް ކުރައްވާ ރިލްވާންގެ ފޯން އަޑުއެހުމަށާ ރިލްވާނަށް ފާރަލުމަށް އޮޅުވާލައިގެން ކޯޓް އަމުރެއް ހޯދުން އެއީ ކުށެއް ނޫންތޯ ރައީސް ނަޝީދު ސުވާލު ކުރެއްވި އެވެ.
ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުން ހައްޔަރު ކޮށްފައި ނުވާތީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް، ރިލްވާން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުުރުމުގެ ކޯޓް އަމުރެއް ހޯދަން ފުލުހުންގެ މުއައްސަސާގައި ރޭގެ ވަގުތެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ އެދިވަޑައިގެންފަ އެވެ.
އެއާއެކު ފުލުހުން ވަނީ ބަންޑާރަ ނައިބުގެ ސިޓީގައި އަންގަވާފައިވާ ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފަ އެވެ. ބަންޑާރަ ނައިބުގެ ސިޓީގައި މައިގަނޑު ހަތަރު ކަމެއް ފާހަގަ ކޮށްފައި ވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް، ރިލްވާން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުުރުމުގެ ކޯޓް އަމުރެއް ހޯދުމާއި، ތަހުގީގު ރިޕޯޓްގެ މައްޗަށް ބިނާކޮށް އިތުރަށް ކުރަންޖެހޭ ތަހުގީގުތައް ކުުރުމާއި، ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ފުލުހުން މިހާރު އަދާ ކުރަމުންދާ ވަޒީފާގެ މަސްއޫލިއްޔަތުތަކުން މުޅިން އެކަހެެރި ކުުރުމެވެ.
އަދި ކޮމިޝަނުން ކޮށްފައިވާ ތަހުގީގުގައި ރިލްވާންގެ ޕާސްޕޯޓާއި ގުޅޭ ގޮތުން މާލޭ އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުއް ރައޫފާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު މަޝްވަރާތަކެއް ކުރައްވާފައި ވާކަން ފާހަގަ ކޮށްފައިވާތީ އެކަން ތަހުގީގު ކުުރުން ވެސް ހިމަނާފައި ވެއެވެ.
ފުލުހުން ރޭ ބުނީ ދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކިތައް އެ ކޮމިޝަން އާއި ފުލުހުން ގުޅިގެން ކުރި ތަހުގީގަށް ލިބިފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
ނަމަވެސް ދެ ފުލުހުންނަށް އިދާރީ ގޮތުން ފިޔަވަޅު އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ދެ ފުލުހުން ވެސް ވަަޒީފާގެ މައްސޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށާއި އެ މައްސަލަތައް ޑިސިޕްލިނަރީ ބޯޑުން ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ދެ ފުލުހުން ވަކި ކުރާނެ ތަނެއް ނެތް ކަމަށް ބުނެފައިވާއިރު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ އެ ދެ ފުލުހުން ކުރިން ވަކޮށްފައި ވަނިކޮށް އެ މީހުނަށް އަލުން ވަޒީފާ ދިނީ މި ސަރުކާރު އައުމަށްފަހު ކަމަށެވެ. ނަމަވެސް ފުލުހުން އެކަން ވަނީ ދޮގު ކޮށްފަ އެވެ.