ހަބަރު

ފަނޑިޔާރު ހަސަން އަލީގެ އިތުރު މައްސަލައެއް ބަލަނީ

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ އިތުރު މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބެލުމަށް ނިންމައި ކޮމެޓީއަށް ފޮނުވައިފި އެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ހަސަން އަލީގެ މައްސަލައެއް ބަލަން ނިންމިކަން އެ ކޮމިޝަނުން ހާމަކުރިޔަސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މީގެކުރިން ވެސް ޖޭއެސްސީއިން ވަނީ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ނިންމައި އެކަމަށް ކޮމެޓީއެއް އެކުލަވާލާފަ އެވެ. ހަސަން އަލީގެ އާ މައްސަލަ ވެސް ބަލަން ފޮނުވީ ހަމަ އެ ކޮމެޓީއަށެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.

ފަނޑިޔާރު ހަސަން އަލީއަކީ މިދިޔަ ސަރުކާރުގެ ތެރޭގައި ހައިކޯޓަށް އައްޔަންކުރި ބޭފުޅެކެވެ. ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރުއްވާފަ އެވެ. އެގޮތުން އާސަންދަ ކުންފުނީގެ އެމްޑީކަން ކުރެއްވި އެވެ.

އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މިފަހުން އެމްޑީޕީގެ ޕީޖީ ލީޑަރު އާދަމް އާޒިމް ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އޭނާ މަގާމުގައި ހުރުމަކީ ލަދުވެތި ކަމެއް ކަމަށް ވެސް އާޒިމް ސިފަ ކުރައްވާފައިވެ އެވެ.

ފަނޑިޔާރު ހަސަން އަލީ މިހާރު ވެސް ހައިކޯޓުގައި މުހިންމު ގިނަ މައްސަލަތަކެއް ބައްލަވަމުން ގެންދަވަ އެވެ.

މިއަދު ޖޭއެސްސީއިން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ސެކްރެޓްރީ ޖެނަރަލްގެ މަގާމަށް ވެސް ވަނީ ބޭފުޅަކު ހަމަޖައްސާފަ އެވެ. އެެއީ މއ. ޗަނބޭލީވިއު އިޒްމީރާ ޝިހާމެވެ.

އޭގެއިތުރުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމެޓީއެއް ވަނީ އެކުލަވާލާފަ އެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަންގެ މެންބަރުން ކަމަށްވާ އަބްދުލްރައޫފް އިބްރާހިމާއި އަބްދުލްމާނިއު ހުސެއިންނެވެ.