ހަބަރު

26 މިލިއަން ރުފިޔާގެ ދެ މަޝްރޫއެއް އެމްޓީސީސީއަށް

ސައްބީސް މިލިއަން ރުފިޔާގެ ދެ މަޝްރޫއެއް ނިންމަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އެމްޓީސީސީ އާ ހަވާލު ކުރީ އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި ވ. ފެލިދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތެވެ.

ދެ އެއްބަސްވުމުގައި ވެސް މިނިސްޓްރީގެ ފަރާތން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝަނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސީއީއޯ ހަސަން ޝާހެވެ. ދެ މަޝްރޫއަަށް 26.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވެ އެވެ.

ޝަނާ ވިދާޅުވީ ރަސްދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހިލޭ އެހީގެ ދަށުން ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެ ރަށު ގޮނޑުދޮށުން 200 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރެވޭނެ ކަމަށާއި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން އެއްބަސް ވެފައިވާ ކަމަށެވެ.

މި މަޝްރޫއަށް 7.9 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައި ވެ އެވެ.

މިއަދު ސޮއި ކުރި ފެލިދޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ބަނދަރުގައި 61 މީޓަރުގެ ބޭރު ތޮއްޓެއް ލާނެ އެވެ. އަދި، 180 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 126 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދަން ވެސް ހަމަޖެހިފައި ވެއެވެ.

މި މަޝްރޫއު ފުރިހަމަ ކުރަން ހަތް މަސްދުވަހުގެ މުއްދަތެއް ކަނޑައަޅާފައި ވެއެވެ. މަޝްރޫއަށް އޮތީ 18.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ޕްލޭނިން މިނިސްޓްރީން މިދިޔަ ހަފްތާގައި ވެސް ވަނީ، ތިން ރަށެއްގެ ބަނދަރު ހެދުމާއި ދެ ރަށެއްގެ ބިން ހިއްކަން އެމްޓީސީސީ އާ ހަވާލުކޮށްފަ އެެވެ.