ހަބަރު

ރިލްވާން މައްސަލަ: ޕީޖީ ބިޝާމް އާ ސީޕީ ބައްދަލު ކުރައްވައިފި

އަހުމަދު ރިލްވާން ގެއްލުނު މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓްގައި ހިމަނާފައިވާ ކަންކަމާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ހަމީދާއި ޕޮރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްއާ ބައްދަލު ކުރައްވައިފި އެވެ.

ފުލުހުން މިއަދު ބުނީ، ކޮމިޝަނާ ހަމީދާއި ޕީޖީ ބިޝާމް މިއަދު ބައްދަލު ކުރެއްވި ކަމަށެވެ. އަދި ރިލްވާން މައްސަލައިގައި ހޯދައިފައިވާ ކަންކަމާ ގުޅިގެން ރިޔާސީ ކޮމިޝަނާއި ޕީޖީ އަދި ސީޕީ އެކުގައި އެ ބައްދަލުވުމުގައި ބައިވެރިވެ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އޮގަސްޓު 8، 2014 ވަނަ އަހަރު ރިލްވާން ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން މަރު ކޮމިޝަނުން ކުރި ތަހުގީގުގެ މައުލޫމާތުތައް ހާމަ ކުރަން ރައީސް އޮފީހުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަން ރައީސް ހުސްނު ސުއޫދު ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައިގެ ފެށުމަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމާއަތްތަކަކާއި ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ދީނީ މިނިވަންކަން ފެތުރުމަށް މަސައްކަތް ކުރާ "މިނިވަން" ފިކުރުގެ ބަޔަކާ ދެމެދު ހިނގި މައްސަލަތަކެއް ކަމަށެވެ.

މަޖިލީހުން އާންމު ކޮށްފައިވާ ހުލާސާ ރިޕޯޓްގައިވާ ގޮތުން ރިލްވާން ކިޑްނެޕް ކޮށްގެން ގެންގޮސް އެރުވީ އއ. އުކުޅަހު ދޯންޏަކަށެވެ. އެ ދޯންޏަށް އެރުވުމަށްފަހު ރިލްވާންގެ ކަރު ބުރިކޮށްލި ކަމަށެވެ. އަދި ބޯ ބުރި ކޮށްލުމަށްފަހު އެ މީހުން ރިލުވާނުގެ ހަށިގަނޑު ކަނޑުފެއްތީ ކަމަށެވެ.

ރިލްވާން މަރާލި މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުންގެ މުވައްޒަފަކު އެކަމުގައި ބައިވެރިވެފައި ވާނަމަ އެ ފުލުހަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.