އަހުމަދު ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުން ހައްޔަރު ކުރުމަށާއި، މަރު ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ތަހުގީގުތައް ފެށުމަށް ބަންޑާރަ ނާއިބު އަންގަވާފައިވާ އެންގެވުން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ބަންޑާރަ ނައިބު ފުލުހުންނަށް އެކަމަށް އެންގެވީ މިއަދުގެ ވަގުތެއްގައި ފޮނުއްވާފައިވާ ސިޓީއެއް މެދުވެރިކޮށެވެ.
ބަންޑާރަ ނާއިބު މިރޭ "އަވަސް" އަށް ވިދާޅުވީ ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް، ރިލްވާންގެ މަރުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުުރުމުގެ ކޯޓް އަމުރެއް ހޯދަން ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެ ކަމަށެވެ.
އެކަމަށް އެދި ފޮނުވި ސިޓީގައި އެ ދެ ފުލުހުން ހައްޔަރު ކުރަން އަންގާފައިވާނީ އެ މީހުން މިނިވަންކަމާއެކު މުޖްތަމައުގެ ތެރޭގައި އުޅެމުންދާނަމަ އިންސާފަށް ވާސިލްވުމަށް ކުރާ މަސައްކަތަށް ހުރަސްއެޅިދާނެތީ ކަމަށް ވެސް ބަންޑާރަ ވިދާޅުވި އެވެ.
މީގެ އިތުރަށް ރިލްވާންގެ މަރުގެ ތަހުގީގު ރިޕޯޓްގެ މައްޗަށް ބިނާކޮށް އިތުރަށް ކުރަންޖެހޭ ތަހުގީގުތައް ކުުރުމަށާއި، ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ފުލުހުން މިހާރު އަދާ ކުރަމުންދާ ވަޒީފާގެ މަސްއޫލިއްޔަތުތަކުން މުޅިން އެކަހެެރި ކުރަން އެދިފައިވާނެ ކަމަށް ވެސް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.
އަދި ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައާއި ގުޅިގެން މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގުގައި ރިލްވާންގެ ޕާސްޕޯޓާއި ގުޅޭ ގޮތުން މާލޭ އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުއް ރައޫފާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު މަޝްވަރާތަކެއް ކުރައްވާފައި ވާކަން ފާހަގަ ކޮށްފައިވާތީ އެކަންވެސް ބެލުމަށް ވަނީ އަންގާފަ އެވެ.
ފުލުހުން މިރޭ ބުނީ މަރު ކޮމިޝަންގެ ތަހުގީގު ރިޕޯޓްގެ މައްޗަށް ބިނާކޮށް، ބަންޑާރަ ނާއިބުގެ އޮފީހުން ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީގައިވާ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ބުނީ ރިލްވާންގެ މަރުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު މަގާމުގެ މަސްއޫލިއްޔަތުން މިހާރު އެކަހެރިކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ވެސް މިރޭގެ ވަގުތެއްގައި ފުލުހުންގެ މުއައްސަސާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގެ އެއްވެސް ތަފްސީލެއް ހާމަނުކޮށް ބުނީ އެ ސިޓީގައި ހިމެނޭ ކަންކަންވެސް ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި އިތުރު މައުލޫމާތުތައް ފަހުން ހިއްސާ ކުރާނެ ކަމަށެވެ.
ރިލްވާންގެ މަރުގެ ތަހުގީގުގެ ރިޕޯޓާއި ގުޅޭގޮތުން މިއަދު ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އަހުމަދު ރިލްވާން މަރާލި މައްސަލާގައި އިހުމާލުވި ފަސް ފުލުހަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާ ކަމަށެވެ.
ފިޔަވަޅު އަޅަން ޖެހޭ ކަމަށް ނަޝީދު ފާހަގަ ކުރެއްވި ފުލުހުން
- އިބްރާހިމް ރިފްއަތް
- މުހައްމަދު ޖިނާހް
- އަހްމަދު ހަމީދު އަބްދުލްރަހީމް
- މުހައްމަދު ފަޔާޒް އިސްމާއީލް
- އިބްރާހިމް ހަލީލް
ނަޝީދު ފާހަގަކުރެއްވި ފުލުހުންގެ ތެރެއިން އިބްރާހިމް ރިފްއަތާއި މުހައްމަދު ޖިނާހް އޭޕްރީލް 24، 2014 އިން ފެށިގެން ޖުލައި 21، 2014 އާ ހަމައަށް ރިލްވާންގެ ފޯނު ކޯލްތައް އަޑުއަހާފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ. އަދި ރިލްވާން ސީރިއަށް ފުރި ކަން ދެއްކުމަށް އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރާ ބައްދަލު ކުރެއްވީ ވެސް އެ ދެ ފުލުހުންނެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެދިވަޑައިގަތުމަށް އެކި ފަހަރު މަތިން އިބްރާހީމް ރިފްއަތާއި މުހައްމަދު ޖިނާހް ބައްދަލު ކުރައްވާފައިވާ ކަމަށާއި ބޮޑެތި އަދަދުތަކުން އަދީބުގެ އަތްޕުޅުން ފަައިސާ ނަންގަފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ.
ރިލްވާންގެ ހަށިގަނޑަށް ގެއްލުން ލިބިދާނެ ކަމުގެ މައުލޫމާތާއި ދެ މީހަކު ވަގަށް ނަގައިގެން ކަނޑު ފައްތާލަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ނަމަވެސް އެ ކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، ރިލްވާނަކީ ދައުލަތާ ދެކޮޅު ހަރަކާތްތަކެއް ހިންގަން އުޅުނު މީހެއް ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ހުށަހެޅި ކަންކަމުގައި އަނެއް ތިން ބޭފުޅުންގެ އިހުމާލުތަކެއްވާ ކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ.