ވިޔަފާރި

ރަސްމީ ރިޒާވް 49 ޕަސެންޓް އިތުރުވެ ބޭނުންކުރެވޭ ރިޒާވް 67 ޕަސެންޓަށް އުފުލިއްޖެ

މިދިޔަ އަހަރާއި އަޅާ ބަލާއިރު ރާއްޖޭގެ ރަސްމީ ރިޒާވް 49 ޕަސެންޓް އިތުރުވެ، ބޭނުންކުރެވޭ ރިޒާވް 67 ޕަސެންޓް މައްޗަށް ޖެހިލައިފި އެވެ.

ގައުމެއްގެ ރަސްމީ ރިޒާވަކީ އެ ގައުމެއްގެ މާލީ ހާލަތު އަންގައިދޭ މުހިންމު މިންގަނޑެކެވެ

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުން ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 712.2 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 49 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މި މުއްދަތުގައި ރާއްޖޭގެ ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވް (ބޭނުންކުރެވޭ ރިޒާވް) ގެ ގޮތުގައި ހުރީ 234.9 މިލިއަން ޑޮލަރެވެ. މިއީ މަހުން މަހަށް ބަލާއިރު ދެ ޕަސެންޓުގެ ކުރިއެރުމެކެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 67 ޕަސެންޓް އިތުރު އަދަދެކެވެ.

ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރި އަދަދު ފުދެނީ 4.3 މަހުގެ އިމްޕޯޓަށެވެ.  މިއަދަދު ވަނީ މަހުން މަހަށް އަޅާބަލާ އިރު، އަދި އަހަރުން އަހަރަށް އަޅާބަލާ އިރުވެސް އިތުރުވެފަ އެވެ.

އެހެން ނަމަވެސް ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ވިއްކާފައިވާ ޓީބިލްގެ އަދަދު އަދިވެސް ހުރީ އެހާ ރަނގަޅު ފައްތަރެއްގައެއް ނޫނެވެ. ޖޫން މަސް ނިމުނު އިރު، ދައުލަތުން ވިއްކި ޓީބިލްގެ ތެރެއިން އަނބުރާ ފައިސާ ދައްކަން ޖެހޭ 18.4 ބިލިއަން ރުފިޔާގެ ޓީބިލް އެބަ ހުއްޓެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 36 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ބޭންކަތަކާއި އެހެނިހެން ފަރާތްތަކުން ޓީބިލަށް ކުރި އިންވެސްޓްމަންޓް ވަނީ 12 ޕަސެންޓް އިތުރުވެ، 12 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

ޓީބިލަށް ބޭންކްތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރުވުމަކީ އިގްތިސާދީ ގޮތުން އެހާ ރަނގަޅު ފާލެއް ނޫނެވެ. ސަބަބަކަށް ވަނީ އަމިއްލަ ސެކްޓާއަށް ލޯނު ދޫކުރަން ބޭންކްތަކުގައި ހުންނަ ފައިސާގެ މިންވަރު މަދުވުމެވެ. އަދި ދައުލަތުގެ ރިކަރަންޓް ހަރަދުތައް ފުއްދުމަށް ބޭންކުތަކުން އިންވެސްޓް ކުރަން ޖެހުމަކީ އިގްތިސާދީ ކުރިއެރުމަށް އެޅޭނެ ހުރަހެކެވެ.