ހަބަރު

އަންހެނުންގެ އިގުތިސޯދީ ބައިވެރިވުން އިތުރު ކުރުމަކީ އަމާޒެއް: ޝިދާތާ

ވިޔަފާރީގެ ފުރުސަތުތައް ތަނަވަސް ކޮށްދީގެން އަންހެނުންގެ އިގުތިސޯދީ ބައިވެރިވުން އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

މިއަދާއި މާދަމާ މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމުގައިވާ ޖަބަލްޕޫރްގައި، އެސޯސިއޭޝަން އޮފް ވިމެން އެންޓަޕްރިނިއާސް (އެމްއޭވީއީ) އިން ކުރިއަށްގެންދާ "ސަސްޓެއިނަބަލް ގްރޯތު އޮފް ވިމެން އެންޓަޕްރިނިއާސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން (ސްވީޕް) 2019" ގެ އިވެންޓު އިފްތިތާހުކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދުގެ އެންމެ މުހިންމު ދެ ސިނާއަތަކީ ފަތުރުވެރިކަމާއި މަސްވެރިކަން ކަމަށާއި ސަރުކާރުން މަސައްކަތްކުރަމުން ދަނީ މި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ކަމަށެވެ.

އިގުތިސާދާ ގުޅުން ހުރި ސިޔާސަތުތައް އެކުލަވައިލުމުގަ އާއި ތަންފީޒުކުރުމުގެ މަރުހަލާގައި އަންހެނުންގެ ދައުރު މުހިންމުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ވިޔަފާރި އާއި އިގުތިސާދީ ކަންކަމާ ގުޅުން ހުރި ވުޒާރާގެ ސިޔާސަތުތައް ކަނޑައަޅާ އެންމެ އިސް މަގާމުތަކުގައިވެސް އަންހެނުން ތިއްބެވި ކަމަށެވެ.

އަދި، އަންހެން ވިޔަފާރިވެރިން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވާ ކަމަށާއި، ވަކިން ހާއްސަ ގޮތެއްގައި ރަށްފުށުގައި ދިރިއުޅޭ އަންހެނުންނަށް ލުއި ލޯނާއި މޯބައިލް ބޭންކިންގެ ހިދުމަތް ލިބޭނެ މަގު ފަހި ކޮށްދިނުންވެސް މި އަމާޒުގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، މިނިސްޓްރީން ތައްޔާރުކުރަމުންދާ ޖެންޑާ އިކުއަލިޓީ ޕޮލިސީއާއި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ވުޖޫދަށް އައުމުގެ މަރުހަލާގައި އޮތް ކަމަށެވެ. އަދި، އެ ޕްލޭންގެ ސަބަބުން ގައުމުގެ އިގުތިސާދީ ތަރައްގީގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތެއް ފަހިވާނެ ކަމަށް މިނިސްޓާ ޝިދާތާ ވިދާޅުވި އެވެ.

"ސްވީޕް 2019" އިވެންޓުގައި ދިވެހިރާއްޖޭގެ 21 މެންބަރުން ހިމެނޭ އަންހެނުންގެ ވަފުދެއް ތަމްސީލުކުރެ އެވެ.