ރިލްވާން ރިޕޯޓް

ރިލްވާން މައްސަލާގައި ހައްޔަރު އަމުރު ހޯދޭނީ ކޮމިޝަނަށް: ސީޕީ

ރައީސް އުފައްދަވާފައިވާ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި، ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ހޯދާ ހައްޔަރު އަމުރުތައް ފުލުހުން ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވައިފި އެވެ.

ސީޕީ ހަމީދު މިރޭ ވިދާޅުވި ގޮތުގައި މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުން ރިލްވާންގެ މައްސަލަ ތަހުގީގު ފުރިހަމަ ބާރާއި އިހުތިޔާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ. އަދި އެ ކޮމިޝަނަށް މީހުން ހައްޔަރު ކުރަން ޖެހިއްޖެ ހާލަތެއްގައި ހައްޔަރުގެ އަމުރަށް އެދުމުގެ ބާރު ވެސް ލިބިގެންވާ ކަމަށެވެ.

ރިލްވާން މައްސަލައިގެ ތަހުގީގު ހިންގީ އެ ކޮމިޝަނުން ކަމަށްވާއިރު، އަދި އެ ތަހުގީގަކީ ފުލުހުން ހިންގާފައިވާ ތަހުގީގަކަށް ނުވާ އިރު، އެ ތަހުގީގުގެ މައްޗަށް ބިނާކޮށް، ފުލުހުންނަށް ހައްޔަރު އަމުރު ހޯދަން އެދުމުގެ ބާރު އެ މައްސަލައިގައި ނެތްކަމަށް ވެސް ސީޕީ ވިދާޅުވެ އެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ މަރު ކޮމިޝަނުން ހޯދާ ކޮންމެ ހައްޔަރު އަމުރެއް ފުލުހުންގެ ކޮމިޝަނަރުގެ ހައިސިއްޔަތުން، ވަގުތުން ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓް

ރިލްވާން މައްސަލައިގައި މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން އެކުލަވައިލި ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ފުުލުހުން ހައްޔަރު ކޮށްފައިނުވާތީ ގިނަ ބައެއްގެ ފާޑު ކިއުން ހަމީދަށާއި، ފުލުހުންގެ އިދާރާއަށް ވަނީ އަމާޒުވެފަ އެވެ.