ހަބަރު

އެމްއޭސީއެލްގެ މުވައްޒަފަކު މީހަކަށް ހަމަލާ ދިން މައްސަލަ ބަލަން ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒިފަކު، ޑިއުޓީގައި ހުރެ މީހަކަށް ހަމަލާދިން މައްސަލަ ބަލަމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއޭސީއެލްގެ މުވައްޒިފަކު، ޑިއުޓީގައި ހުރެ މީހަކަށް ހަމަލާދޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އޭނާ، އެމީހާއަށް ހަމަލާދޭއިރު އެތަނުގައި އެމްއޭސީއެލްގެ ގިނަ އަދަދެއްގެ މުވައްޒިފުން ތިބޭތަން ފެނެއެވެ.

"އަވަސް"އާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ މުވައްޒިފަކު، ޑިއުޓީގައި ހުރެ މީހަކަށް ހަމަލާދިން ވީޑިއޯގެ މައްސަލަ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެ މައްސަލަ މިހާރު ބަލަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އަދި މިއީ އެ ކުންފުނިން ބަލައިގަންނަކަމެއް ނޫންކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ މުވައްޒިފަކު، ޑިއުޓީގައި ހުރެ ހަމަލާދީފައިވަނީ ބިދޭސީއަކަށެވެ. އޭނާއަށް ހަމަލާދީފައިވަނީ ކާގޯ ސާވިސް އޭރިއާގެ ތެރެއިންނެވެ.

އެމްއޭސީއެލްގެ މުއައްޒިފު، ބިދޭސީއަކަށް ހަމަލާދެނީ އެ ދެމީހުންގެ މެދުގައި ވާހަކަތަކެއް ދެކެވޭ ފަހުންނެވެ. ބިދޭސީ މީހާއަށް ހަމަލާދިނުން ކައިރީތިބި އެމްއޭސީއެލްގެ އެހެން މުވައްޒިފުން ވަނީ އޭނާ ހުއްޓުވަން މަސައްކަތްވެސް ކޮށްފައެވެ.

ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ވަނީ އެ މައްސަލަ އަވަހަށް ބެލުމަށް ގޮވާލާފައެވެ.