މިދިޔަ މަހު މާލޭގައި 51 އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ ކޮންމެ މަހަކު ނެރޭ ތަފާތުހިސާބުގަ އެވެ. އެ ތަފާތު ހިސާބުތަށް ދައްކާގޮތުން 340 އުޅަނދުފައި ގަވައިދާ ހިލާފުވެގެން ސްޓިކާ ޖަހާފައިވާކަމަށް ދައްކާއިރު 42 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފަ އެވެ. އަދި 479 އުޅަނދު ވަނީ ޗެކްކޮށްފަ އެވެ.
ލައިސަންސް ނެތި 92 ފަރާތަކުން އުޅަނދު ދުއްވުމުގެ ސަބަބުން ފުލުހުން ވަނީ ފިޔަވަޅު އަޅާފަ އެވެ. އަދި ލައިސަންސް ނޯންނަ 57 މީހަކު އުޅަނދު ދުއްވުމުގެ ސަބަބުން ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. މީގެ އިތުރުން އިންޝޫރެސް އަދި ރޯޑްވޯތިނެސް އާނުކޮށް އުޅަނދު ދުއްވި 78 ފަރާތަކަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވައިގެން 11 މީހަކަށާއި ޓްރެފިކް ލައިޓުތަކާ ހިލާފުވުމުގެ ސަބަބުން 17 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. 18 އަހަރު ނުފުރެނީސް އުޅަނދު ދުއްވި މައްސަލައިގައި ތިން ކުއްޖަކަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ.
މިއަދު ފުލުހުން އާންމުކުރި ތަފާސްހިސާބުގައި އިތުރަށް ވާގޮތުން ފޯން ނުވަތަ ހެޑްސެޓް ބޭނުންކުރަމުން އުޅަނދު ދުއްވި 23 މީހަކާމެދު ވަނީ ފިޔަވަޅު އަޅައިފަ އެވެ. ހެލްމެޓުގެ މައްސަލައިގައި 28 މީހަކަށް، ހަލާކުވެފައިވާ ނުވަތަ މުއްދަތު ހަމަވެފައިވާ ލައިސަންސް ކާޑު ބޭނުންކުރި 10 މީހަކަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އުޅަނދުގެ ލައިޓު ގަވާއިދާ އެއްގޮތަށް ނެތުމުގެ ސަބަބުން ތިން ފަރާތަކަށް އަދި އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރި ތިން މީހަކަށް ފުލުހުން ވަނީ ފިޔަވަޅު އަޅައިފަ އެވެ.
ޕޭމަންޓު އަދި ކަފިހިހުރަސްގައި ޕާކުކުރި ތިން މީހަކަށް ފުލުހުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އުޅަނދުގެ ނަމްބަރު ބޯޑު ގަވައިދާ އެއްގޮތަށް ނެތުމުން އަށް މީހަކަށް އަދި ގަވާއިދާ ހިލާފަށް އޯވާޓޭކް ކުރުމުގެ މައްސަލައިގައި ހަތަރު މީހަކަށް މިދިޔަ މަހު ފުލުހުން ފިޔަވަޅު އަޅައިފައިވެ އެވެ.
މިދިޔަ މަހު ހަތަރު ފަރާތަކަށް ވަނީ ގަވާއިދާ ހިލާފަށް ޓެކްސީ ކުރުމުން ފިޔަވަޅު އަޅައިފަ އެވެ. އަދި އެކްސިޑެންޓުތަކާ ގުޅިގެން ހަތަރު މީހެއްގެ ލައިސަންސް ފުލުހުން ހިފެހެއްޓި އެވެ.