ހަބަރު

ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރުގެ ސިއްހީ މަރުކަޒުގައި އިތުރު އިމާރާތެއް އަޅަން ހެލްތު މިނިސްޓްރީން ބަޔަކާ ހަވާލު ކޮށްފި އެވެ.

މިއަދު މެންދުރު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ އަމީނެވެ. އަދި ޕްރޮޖެކްޓު އެވޯޑުކުރި ޕާފެކްޓް މަލަފެހި މޯލްޑިވްސް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަސަނެވެ.

ހެލްތުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދު ކުރާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ 1.8 މިލިއަން ރުފިޔާ އަށެވެ. މިނިސްޓްރީން ބުނީ މިއީ އެރަށުގެ ސިއްހީ މަރުކަޒުން ދޭ ހިދުމަތް ވީހާވެސް ފަސޭހައިން ފޯރުކޮށް ދިނުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

މަޝްރޫއުގެ ދަށުން އެ އިމާރާތުގައި އޮފީހަކާއި، ކައުންސިލިން ރޫމަކާއި މީޓިންގް ރޫމެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓަކާއި މެޑިކަލް ސްޓޯރެއް ވެސް ހަދާނެ އެވެ.

މިއަދު ސޮއި ކުރި އެ މަޝްރޫއުގެ އިތުރުން ހޯރަފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

ހޯރަފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް ބީއޯކިއު ހަދަން ހެލްތު މިނިސްޓްރީން ހަވާލު ކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.