ހަބަރު

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހާއެކު ޑީޖޭއޭގެ މަސައްކަތްތައް ފަށައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެންދާ ގޮތަށް ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހާއެކު ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ޖޭއެސްސީން ބުނެފި އެވެ.

ޖޭއެސްސީގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އެ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމާއެކު، ޑީޖޭއޭގެ ހިންގުން ޖޭއެސްސީގެ ދަށަށް ބަދަލުވެ އިދާރީ ކަންކަމާބެހޭ އުސޫލުތައް ހެދުމުގެ ބާރު ޑީޖޭއޭއާ ވަނީ ހަވާލު ކޮށްފަ އެވެ.

ޑީޖޭއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ވަނީ، އިސްލާހުގެ ދަށުން ކުރަން ނިންމާފައިވާ ކަންކަން ފާހަގަކޮށްފަ އެވެ.

އެގޮތުން، ކޯޓުތަކުން ރަޖިސްޓްރާއިން އައްޔަން ކުރުމާއި ވަކި ކުރުން، މައްސަލަތައް އަވަހަށް ނިންމައި ޝަރުއީ ވަފުދުތައް ކޯޓުތަކަށް ފޮނުވުމާއި، ދަށު މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމާއި، ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅާ ފިޔަވަޅުތައް އިސްތިއުނާފް ކުރުމަށް ކޮމިޓީއެއް އެކުލަވާލައި، އެކަމުގެ އުސޫލުތައް ހެދުން ވެސް އެ އިސްލާހުގެ ދަށުން ޑީޖޭއޭއާ ހަވާލުވެފައިވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ކޮންމެ ކޯޓެއްގެ ވެސް ޗީފް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން އެ ކޯޓެއްގެ ހިނގަމުން ދިއުމާއި އެއް މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުވުމުގައި ޑީޖޭއޭގެ ދައުރު އޮންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

"ހަދަންޖެހޭ އުސޫލުތަކަކާއި ގަވާއިދުތަކަކާއި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން ތައްޔާރުކޮށް، ނެރެމުންދާނަން،" ނަޒީރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ބަދަލުތައް ގެނައުމުގެ މަރުހަލާ ކުރިއަށް ދާއިރު އެއްވެސް ހިދުމަތެއް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި، މަސައްކަތްތައް އަވަސް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ކަންކަމުގެ ތެރެއިން މި އަހަރުގެ ތެރޭގައި ހުރިހާ ކޯޓުތަކެއް އެއް ވިއުގައަކުން ގުޅާލާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ޑީޖޭއޭގެ ތަރުޖަމާނު ފައިސަލް އާދަމް ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކޯޓުތަކުގެ އިދާރީ ހިންގުމަކީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެހިފައިވާތީ، އެ ބަދަލުތަކާ ގުޅޭގޮތުން ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންނާ އެކު ބައްދަލުވުމެއް މާދަމާ ރޭ ބާއްވަން ނިންމާފައިވާ ކަމަށެވެ.

ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއް ރިޕްރެޒެންޓް ކުރެވޭ ގޮތަށް، 20 ޖުޑީޝަލް ދާއިރާގެ ކޯޓް އެޑްމިނިސްޓްރޭޓަރުންނާއި މާލޭގައި ގާއިމް ކުރެވިފައިވާ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ބައިވެރިވާ މި ބައްދަލުވުމުގައި ކޯޓުތަކުގެ އިދާރީ ހިންގުމާއި ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާ ގޮންޖެހުންތައް ހައްލު ހޯދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.