ވިޔަފާރި

800 ބައިވެރިންނާއެކު އިންވެސްޓްމަންޓް ފޯރަމް އަންނަ މަހު ޗައިނާގައި

ރާއްޖެ އަށް އިންވެސްޓްމަންޓް ފުރުސަތުތައް ތަނަވަސްކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ބާއްވާ މި އިންވެސްޓްމަންޓް ފޯރަމް ލޯންޗް ކުރުމަށް "ހޮޓެލް ޖެން" ގައި މިރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި ޗައިނާގެ ވިޔަފާރިވެރިން ބައިވެރިވެފައިވެ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ބެއިޖިންގައި ފަށާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ހުޅުއްވައި ދެއްވާނީ ރައީސް އަބަދުﷲ ޔާމީން އެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތަށްފަހު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބެއިޖިން ކޮންވެންޝަން ސެންޓަރުގައި ބާއްވާ ފޯރަމްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

"ސިންގަޕޯގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމަށްފަހު ބެއިޖިން ސެލެކްޓްކުރީ ދުނިޔޭގެ ވިޔަފާރީގެ ދާއިރާގެ ފޯރަމްތައް ސްޓޭޖްކުރާ ތަނަކީ ޗައިނާކަމަށް ވާތީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ޗައިނާގެ އެންމެ ބޮޑު 100 ކުންފުންޏާއި އެހެން ގައުމުތަކުގެ އިންވެސްޓަރުން ބައިވެރިވާނެ ކަމަށެވެ.

"މި ފަހަރު އަޅުގަނޑުމެން މި ފޯކަސްކުރަނީ ބޭންކިން އެންޑް ފައިނޭންސް ސެކްޓާ އަށް. އެގިވަޑައިގަންނަވާނެ ރައީސް ޔާމީންގެ ވަރަށް އެމްބިޝަސް ޕްލޭނެއް މި އޮތީ. އިކޮނޮމިކް އެކްޓިވިޓީސްތައް ކުރިއެރުވުމަށް. މި ދުވަސްތަކުގައި އިގްތިސާދީ ގޮތުން ކުރިއެރުންތައް ގެނައުމަށްޓަކައި ހުރި ޕްލޭންތައް ފުރިހަމަ ކުރުން،" ސައީދު ވިދާޅުވި އެވެ.

ޗައިނާގައި މި ފަހަރު ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ އެކި ބައިތައް ސްޕޮންސާ ކުރުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައިވެ އެވެ. އެގޮތުން ސްޕޮންސަރުންނަށް ހަތަރު ކެޓަގަރީއެއް ކަނޑައަޅާފައިވެ އެވެ. މި ކެޓަގަރީގެ ތެރޭގައި ޕްލެޓިނަމް އާއި ގޯލްޑް އަދި ސިލްވާ ހިމެނެ އެވެ. މީގެ އިތުރުން އެމްއައިއެފް އަށް ހާއްސަކޮށްގެން މެގަޒިނެއް ނެރުމަށް ވެސް ހަމަޖެހިފައިވެ އެވެ. މި މެގަޒިންގައި އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވެ އެވެ.

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރު ސިންގަޕޫރުގަ އެވެ. މި ފޯރަމްގައި 500 ބައިވެރިން ބައިވެރިވި އެވެ.