ވިޔަފާރި

ޕެސެންޖަރު ޓާމިނަލްގެ ބުޑުތައް އަޅާ ނިންމާލައިފި

އާ އިންޓަނޭޝަނަލް ޓާމިނަލްގެ ބުޑުތައް އެޅުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފު މިއަދު ވިދާޅުވީ އާ އިންޓަނޭޝަނަލް ޓާމިނަލްގެ ބުޑުތައް އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށާ، ދެން ކުރިއަށް ދާނީ ގްރައުންޑް ވޯކްސް ކަމަށެވެ.

"އެ ތަނުގައި އެ ހުރީ 1،600 ޕައިލް ޖަހާފައި. ދެން އޮންނާނީ ގްރުންޑް ވޯކްސް. އެއީ ޕެސެންޖަރު ޓާމިނަލް ރޭވުވުމުގެ މަސައްކަތް،" ހަސަން ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ކުރިން ބުނެފައިވާ ގޮތުގައި އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލް ބުޑުތައް އަޅައި ނިމުން ޓާމިނަލް ރާވަން ފަށާނެ އެވެ. ޓާމިނަލްއަކީ ބޭރުން ތައްޔާރު ކޮށްގެން ގެންނަ "ޕްރީފެބް" އިމާރާތެއް ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.

ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕް އިން ކުރާ މި މަސައްކަތް ހަވާލު ކުރިތާ ތިން ދުވަސްވަނީ ވެފަ އެވެ. އެ ކުންފުންޏަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ 21 މެއި، 2016 ގަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރު ތެރޭ ނިންމުމަށެވެ. ނަމަވެސް މަސައްކަތް ލަސްވެފައި ވަނިކޮށް ސަރުކާރު ބަދަލުވުމާއެކު މަޝްރޫއަށް އިތުރަށް ވަނީ ލަސްކަމެއް އައިސްފަ އެވެ. ނަމަވެސް 27 ޖޫން 2019، ގައި މަސައްކަތް އަލުން ވަނީ ސައޫދީ ބިންލާދިން ކުންފުންޏާ ހަވާލުކޮށްފަ އެވެ.

ދިވެހި ވަންތަ ސިފަތައް ފެންނަ ޓާމިނަލެއް

އާ ޕެސެންޖަރު ޓާމިނަލްއަށް ބަދަލުތަކެއް ގެނެސް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އިންފްރާސްޓްރަކްޗާ ޑިވްލޮޕްމަންޓުގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި މަސައްކަތް އަލުން ހަވާލު ކުރި ނަމަވެސް މި މަޝްރޫއުގެ އަގަށް ބަދަލެއް ގެނެސްފައި ނުވާނެ އެވެ. ފެންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ޓާމިނަލަށް ދިވެހި ވަންތަ ސިފަތަކެއް ގެންނަ ކުރެވިފައިވާ މަސައްކަތްތަކެއް ކަމަށް ސޯލިހު ފާހަގަ ކުރެއްވި އެވެ. އެ ދުވަހު އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސޯލިހު ވިދާޅުވީ ތިން މަސް ދުވަހުގެ ތެރޭގައި އާ ޓާމިނަލްގެ ކުރެހުން އާއްމުކޮށް ދައްކާލެވޭވަރު ވާނެ ކަމަށެވެ.

"ކުރިން ވެސް [ޓާމިނަލް] ގެ އިންޓީރިއާ އާ މެދު ހިތްހަމަ ނުޖެހުން އޮތް. އެހެންވެ އިންޓީރިއާއަށް ބަދަލު ގެނެވިފައި މިވަނީ. މިގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި ދިވެހި ވަންތަން ސިފަތައް ފެންނާނެ ބަދަލުތަކެއް ގެނައުން ހިމެނޭ. މިތަނަކީ ފުރަތަމަ ރާއްޖެއަށް އަންނަ މީހާ އަށް ފެންނާނެ ތަން. އެހެންވެ، ރާއްޖޭގެ ސިފަ ވަންތަކަން ފެންނަ ގޮތަށް މިތަން ހުންނަންވާނީ،" ސޯލިހު ވިދާޅުވި އެވެ.

މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލްގެ ދެކުނު ފަރާތުގައި ތަރައްގީ ކުރާ އާ ޓާމިނަލް އަޅަނީ 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. ސަރުކާރުން ވަނީ ޓާމިނަލްގެ މަސައްކަތް 2022 ވަނަ އަހަރުގެ މެއި މަހު ނިންމާލެވޭނެ ކަމަށް ބުނެފަ އެވެ.

ޓާމިނަލް - އެރެއިވަލްސް

  • ހަ ޕެސެންޖާ ބޯޑިން ބްރިޖް
  • 1500 ސްކެއާ މީޓަރުގެ ފްލޯއޭރިއާ
  • 28 ކައުންޓަރު
  • 345 މީޓަރުގެ ދިގު ބެލްޓް
  • 7 އީ ގޭޓް
  • 24 ސީޕްލޭން ޗެކިން ކައުންޓަރު
  • ޓޫރިސްޓު ރިސެޕްޝަލް ކައުންޓަރަށް 1000 އަކަމީޓަރު
  • 19 ރިސޯޓް ލަޖުންޖު

ޓާމިނަލް- ޑިޕާޗާ

  • ޗެއިން އަދި ސްކްރީން ކުރާ އޭރިއާ، 2500 އަކަމީޓަރު
  • 50 ޗެކިން ކައުންޓަރު
  • 20 ކައުންޓަރު
  • 6 އީގޭޓް
  • ސެކިއުރިޓީ ސްކްރީނިން އަށް 1500 އަކަމީޓަރު
  • 10 ސްކްރީނިން މެޝިން
  • 1800 އަކަމީޓަރުގެ ވީއައިޕީ ލައުންޗު އޭރިއާ
  • ދެ އައިސޮލޭޓެޑް ހޯލްޑިން ރޫމް
  • ޖުމްލަ 10 ގޭޓް

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް، ތަރައްގީ ކުރާ ޓާމިނަލްގެ މަަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކޮށްފައިވަނީ 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. އަދި މި މަސައްކަތަށް ހަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.