ހަތިޔާރާއެކު މާލޭގެ މަގުތަކުގައި ސިފައިން ހަރަކާތްތެރިވަމުން ދަނީ ސިފައިން ކުރިއަށް ގެންދާ ވަކި އޮޕަރޭޝަނެއްގައި ނޫން ކަމަށާ ސިފައިން ނުކުމެ އުޅެނީ ފުލުހުން ހިންގާ އޮޕަރޭޝަނަށް އެހީތެރިވެ ދިނުމުގެ ގޮތުން ކަމަށް އެނގިއްޖެ އެވެ.
މަރާލާފައިވާ އަހުމަދު ރިލްވާންގެ މައްސަލާގައި ހިމެނޭ ބައެއް މީހުންނާ ގުޅޭ ތަންތަން ފާސް ކުރުމަށް ފުލުހުން ރޭ ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. އެ އޮޕަރޭޝަން ހިނގާއިރު މާލޭގެ މަގުތަކުގައި ހަތިޔާރާއެކު ސިފައިން ވެސް ހަރަކާތްތެރި ވަމުން ދެއެވެ.
އަވަސްއަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ސިފައިން ހަތިޔާރާއެކު މަގުތަކަށް ނިކުމެ ހަރަކާތްތެރި ވަނީ ފުލުހުން ހިންގާ އޮޕަރޭޝަނަށް އެހީތެރި ވެދޭށެވެ.
މަރުތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ފުލުހުން މިއަދު ވެސް ދަނީ ގޭގެ އާއި ތަންތަން ބަލައި ފާސް ކުރަމުންނެވެ.
ރިލްވާންގެ މައްސަލާގައި ފުލުހުން ރޭ ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަނެއްގައި މާލޭ ސިޓީއާއި އައްޑޫ ސިޓީގެ ބައެއް ގޭގެއާ ތަންތަން ބެލި އެވެ. ރޭ މާލޭގެ އަށް ގެއަކާއި އައްޑޫގެ ގެއެއް ބަލާ ފާސް ކުރި އެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.
ރިލްވާންގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން އެކުލަވައިލި ރިޕޯޓްގެ ހުލާސާ ރިޕޯޓެއް އާންމު ކޮށްފައިވާއިރު، އެ ރިޕޯޓްގައި ނަން ހިމެނޭ ބައެއް މީހުންގެ އުޅޭ ގޭގެއަށް ފުލުހުން ރޭ ވަނެވެ.