ކުރީގެ ރައީސް މުހައްމަދު ނަޝީދާ، އެމްޑީޕީގެ ބޭނުމަކީ ގައުމުގެ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުންކަމަށާ އެއީ މުޅި ގައުމުގެ ނިޒާމު ފުޑާލުމުގެ އަމަލެއްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރިން ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލާ ކަމަށް ގައުމީ ދިފާއީ ބާރުން އަންގާފައިވާ ކަމަށް ވިދާޅުވެ އެ މަނިކުފާނު ދެއްކެއްވި ވާހަކަތައް ފުލުހުންނާއި ސިފައިން ދޮގުކޮށްފައިވަނިކޮށެވެ.
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ގައުމެއްގެ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުމަކީ މުޅި ގައުމުގެ ނިޒާމް ފުޑާލުމުގެ އަމަލެއްކަމަށެވެ. އަދި މިއަދު ރައީސް މުހައްމަދު ނަޝީދާ އިސްވެ ހުރެ އެމްޑީޕީން ކުރަމުން ގެންދަނީ އެ މަސައްކަތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއީ ގަސްތުގައި ރާވައިގެން ކުރަމުން ގެންދާކަމެއްކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ އެމްޑީޕީގެ ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް ކާމިޔާބުކުރުުމަށް މަގު ފަހިކުުރުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ފުލުހުންނާ ސިފައިންނަށް ތައުރީފުކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ދިވެހި ސިފައިންނާ ފުލުހުންނަކީ އެބަޔަކަށްޓަކައި މުޅި ދިވެހި ގައުމު ފަޚުރުވެރިވުން ލާޒިމު ޚިދުމަތްތަކެއް ކޮށްދެމުންދާ ބައެއްކަމަށެވެ. އެއީ ގައުމަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި ގައުމާ ރައްޔިތުންގެ ހައްގުގައި ގުރުބާނީވުމަށް ތައްޔާރުގައި ތިބި ބައެއްކަމަށާ އެކަމަށް ތާރީޚު ހެކިދޭނެކަމަށެވެ.
"ގައުމެއްގެ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުމަކީ މުޅި ގައުމުގެ ނިޒާމް ފުޑާލުން. މިއަދު ރައީސް ނަޝީދު އިސްވެ ހުރެ އެމްޑީޕީން ކުރަމުން އެ ގެންދަނީ މިކަންތައް. މިއީ ގަސްތުގައި ރާވައިގެން ކުރަމުން ގެންދާކަމެއް. ބޭނުމަކީ އެމްޑީޕީގެ ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް ކާމިޔާބުކުރުުމަށް މަގު ފަހިކުުރުން." އަބްދުއްރަހީމް ވިދާޅުވިއެވެ.
ގައުމެއްގެ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުމަކީ މުޅި ގައުމުގެ ނިޒާމް ފުޑާލުން. މިއަދު ރައީސް ނަޝީދު އިސްވެ ހުރެ އެމްޑީޕީން ކުރަމުން އެ ގެންދަނީ މިކަންތައް. މިއީ ގަސްތުގައި ރާވައިގެން ކުރަމުން ގެންދާކަމެއް. ބޭނުމަކީ އެމްޑީޕީގެ ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް ކާމިޔާބުކުރުުމަށް މަގު ފަހިކުުރުންއަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ރައީސް
ފުލުހުން ފާރަލަމުންދާ ކަމަށް އެމަނިކުފާނަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ނަޝީދަށް ފުލުހުން ފާރަލާ ކަމަށް އެމަނިކުފާނަށް ދަންނަވާފައިި ނުވާނެ ކަަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެމްއެންޑީއެފުން ބުނީ ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން އެމްއެންޑީއެފާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރަނީ އެއިރެއްގައި އެ ބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަން ކުރުމަށްފަހު އޭގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.
ފުލުހުން ވެސް ވަނީ އެކަމާ ގުޅިގެން ހަމަ އެވާހަކަތައް ހިމެނޭ ބަޔާނެއް ނެރެފަ އެވެ.