އުތުރަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެފައިވާތީ، މިފްކޯގެ ފުލް ކެޕޭސިޓީ ފެލިވަރަށް ބަދަލުކޮށް، ކޮންޓްރޯލެއް ނެތި މަސް ގަންނަން ފަށައިފި އެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ބުނީ މި ދުވަސްވަރު އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅު ވެފައިވާއިރު، ހުރިހާ އަތޮޅެއްގެ މަސްވެރިން ޅ. އަތޮޅަށް ޖަމާވެފައިވާ ކަމަށެވެ. ނަމަވެސް ފެލިވަރުގައި މި ފަދަ މަސްވެރި ކަމެއްގައި މަސް ގަނެ ރައްކާ ކުރެވޭނެ ވަސީލަތްތައް އަދި ގާއިމް ކުރެވިފައި ނުވާ ކަމަށާ، އެެހެންކަމުން ދެކުނުގައި މަސް ގަންނަން ހަރަކާތެރިވާ އެ ކުންފުނީގެ ބޯޓު ފަހަރު ފެލިވަރަށް ގެންގޮސް މަސް ގަންނަ ފަށާފައިވާ ކަމަށެވެ.
މިފްކޯއިން ބުނި ގޮތުގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާއިރު، އެ ދުވަހަކު ބާނާ މަސް، ކިރުވުމުގައި ދަތިވަމުންދާތީ، ޖެހިގެން އަންނަ ދުވަހު މަސް ކިރުވަން ދޯނި ފަަހަރަށް ކިޔޫ ނަމްބަރު ދޫކުރަން ފަށާފައިވާ ކަމަށެވެ.
މި ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އާދަޔާ ހިލާފަށް ދަށަށް ގޮސްފައިވާކަން ފާހަގަކޮށް މިފްކޯ އިން ބުނީ ރާއްޖޭގެ ބާޒާރުގެ އަގުގައި މަސްވެރިންގެ އަތުން މަސް ގަނެ އެކްސްޕޯޓް ކުރަން ޕްރައިވެޓް ކުންފުނި ތަކަށް ދަތިވެފައިވާ ކަމަށާ، ނަމަވެސް މިފްކޯ އިން އެއްވެސް ކޮންޓްރޯލެއް ނުގެނެސް މަސްވެރިންގެ އަތުން މަސް ގަންނަމުން އަންނަ ކަމަށެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ މިއަދު ވިދާޅުވީ މިހާރުގެ މަސްވެރި ކަމަކީ ވޭތުވެދިޔަ 10 އަހަރުގައި އެންމެ ރަނގަޅު މަސްވެރިކަން ކަމަށެވެ.
"ދޯންޏަކުން 11 ޓަނާއި 22 ޓަނު ވަރުގެ މަސް ގެނޭ. ރާއްޖޭގެ ހުރިހާ އޮޑި ފަހަރެއް މިހާރު އޮތީ ފެލިވަރުގައި. އެހެންވެ ލޯޑު ބޮޑު ވެގެން ދަނީ. ފެލިވަރަށް ގެނެވެނީ 120 ޓަނުގެ މަސް. ވަރަށް ބާރު ބޮޑުކޮށް ދަނީ،" އިސްލާއިލް ވިދާޅުވި އެވެ.
ދޯންޏަކުން 11 ޓަނާއި 22 ޓަނު ވަރުގެ މަސް ގެނޭ. ރާއްޖޭގެ ހުރިހާ އޮޑި ފަހަރެއް މިހާރު އޮތީ ފެލިވަރުގައި. އެހެންވެ ލޯޑު ބޮޑު ވެގެން މިދަނީ. ފެލިވަރަށް ގަނެވެނީ 120 ޓަނުގެ މަސްއިސްމާއިލް ފައުޒީ | މިފްކޯގެ އެމްޑީ
އޭނާ ވިދާޅުވީ ކޫއްޑު އާއެކު 450 މެޓްރިކް ޓަނުގެ މަސް ގަތުމުގެ ކެޕޭސިޓީ އެބަހުރި ކަމަށާ، ދޯނި ފަހަރު ކޫއްޑުއަށް ވެސް މަސް ކިރުވަން ދާން އެދި ވަޑައިގަންނަވާ ކަމަށެވެ.
މިފްކޯއަށް ބާރު ބޮޑުވި އަނެއް ސަބަބަކީ ހޮރައިޒަން ފިޝަރީޒުން މިހާރު މަސް ނުގަތުމެވެ. މަސް ގަންނަން އެ ކުންފުނިން ކުރިން ގެންގުޅު ބާޖު ވަނީ މާންދުއަށް ގެންގޮސްފަ އެވެ.
މަހުގެ ތާޒާކަން ހިފަހައްޓަން އިލްތިމާސް ކުރޭ
މަސްވެރިކަން ރަނގަޅުވެ، ޖެހިގެން އަންނަ ދުވަހު މަސް ކިރުވަން ކިޔޫ ނަމްބަރެއް ދޫކުރަން ފަށާފައިވާއިރު، އެ ކުންފުނިން ވަނީ މަސްވެރިންނަށް ހާއްސަ އިލްތިމާސެއް ވެސް ކޮށްފަ އެވެ.
މިފްކޯ އިން ބުނީ ޖެހިގެން އަންނަ ދުވަހު ކިޔޫ ނަމްބަރު ލިބޭ ދޯނީގައި މަސް ހުންނަ ވަރުން އެ ކުންފުނިން ދޫކުރާ އައިސް އިން ނުވާނަމަ ލިބެން ހުރި ވަރަކަށް އައިސް އަޅަން އިލްތިމާސް ކުރާ ކަމަށެވެ.
އުތުރުގައި މަސްވެރިކަން ރަނގަޅުވެ، ފެލިވަރަށް ބާރު ބޮޑުވެފައިވާއިރު، އެތަން އޮތީ ވަރަށް ބޮޑަށް ވީރާނާ ވެފަ އެވެ. މަރާމާތު ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެތަނުގެ މަސް ގަތުމުގެ ކެޕޭސިޓީ ވަނީ ދަށްވެފަ އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފައުޒީ ވިދާޅުވެފައިވާ ގޮތުގައި މިފްކޯގެ ވިޔަފާރީގެ މައި ދެ ހަބުކަމަށްވާ ފެލިވަރާއި ކޫއްޑު އަށް އެކަށީގެންވާ ރަނގަޅު އިންވެސްޓްމަންޓް ތަކެއް ނުކުރާތާ ލައްކަ ޒަމާވެފައިވާ ކަމަށެވެ.
"ކޫއްޑު ކޮޅަށް ބޭނުން ވޭ އިތުރުން މަސް ގަންނަ ބޯޓު ފަހަރު. ކޫއްޑު އަށް ބޭނުން ވަނީ 100 ޓަނުގެ ދެ ކަލެކްޓާ ވެސަލް. މީގެ އިތުރުން މޮބައިލް ފްލީޓެއް ގޮތުގައި ފްރީޒާ ވެސަލްއެއް،" އިސްމާއިލް ވިދާޅުވި އެވެ.