ޖިއްދާއިން މާލެއަށް

ހަރުކަށި ވިސްނުމާއި ޓެރަރިޒަމް ހުއްޓުވާނެ ނަޒަރިއްޔާ

ޓެރަރިޒަމްގެ އަމަލުތަކަކީ މުޅި އިންސާނިއްޔަތަށް ބިރުވެރިކަމާއި ގެއްލުން ދެނިވި ޢަމަލުތަކެކެވެ. ހަރުކަށި ވިސްނުމާއި ޓެރަރިޒަމް ނައްތާލަން ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭނެ އެވެ. ޓެރަރިޒަމަކީ ވަކި ދީނަކާ ގުޅުން އޮތް ކަމެއް ނޫނެވެ. ޓެރަރިޒަމަކީ ނުރައްކާތެރި ފިކުރީ ބައްޔެކެވެ. އެކި ވަކި ދީނެއްގެ އަހުލުވެރިންނަށް ޚާއްޞަ ކަމެއްނޫނެވެ. އެކި ދީންތަކަށް ނިސްބަތްވާ މުޖުތަމަޢުތަކުގެ ތެރޭގައި ވެސް ޓެރަރިސްޓުން އުޅެއެވެ. މިކަން އދ. އާއި އޯއައިސީގެ ޤަރާރުތަކާއި ސަމާވީ ދީންތަކުގެ ދަންނަބޭކަލުންގެ ނިންމުންތަކުން ސާފުވާން އެބައޮތެވެ.

އަދި ފަހުން، ސްރީލަންކާއާއި ނިއުޒިލޭންޑްގެ އެކި ދީންތަކުގެ މީހުން އަޅުކަންކުރާ މުޤައްދަސް ތަންތަނަށް ދިން ޙަމާލަތަކުން އެއީ ވަކި ދީނަކާ ގުޅުންހުރި ކަންކަމެއް ނޫންކަން ސާފު ވެއެވެ. ޓަރަރިސްޓް ޙަމަލާތަކުގެ ސަބަބުން އެއް ޤައުމުގައި މަރުވީ މިސްކިތުގައި އަޅުކަންކުރަން ތިބި މުސްލިމުންނެވެ. އަނެއް ޤައުމުގައި މަރުވީ ފައްޅިތަކުގައި ތިބި ކްރިސްޓިއަނުންނެވެ. އަދި ފަލަޞްޠީނުގެ ރައްޔިތުންނަށް ޒަޔަނިސްޓުންގެ ފަރާތުން ލިބެމުންދާ އަނިޔާއަކީ ވެސް ވަކި ތަފާތު ކަމެއް ނޫނެވެ. އެ އަނިޔާއަކީ ދުނިޔޭގައި އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ޔަހޫދީނަށް ނިސްބަތް ކުރެވޭނެ އަނިޔާއެއް ވެސް ނޫނެވެ. މަސީޙީންނާއި ޔަހޫންދީންނާއި އިސްލާމުންނާއި އަދި އެހެންދީންތަކުގެ މީހުންނާ މެދު އޮންނަންޖެހޭ ގުޅުމުގެ އަޞްލަކީ ޞުލްޙަވެރި ކަމެކެވެ. އަނިޔާވެރިކަން ކުރިއަށް ނުނެރޭހާ ހިނދެއްގައި ދިރިއުޅުމުގެ މަބުދައަކީ ކޮންމެ ބަޔަކާއެކުގައި ވެސް ޞުލްޙަވެރި ކަމެވެ. މިއީ ޤުރުއާނާއި ސުންނަތުގައި މިކަން އޮތް ގޮތެވެ.

ޓެރަރިޒަމްގެ މަފްހޫމާ މެދު ސަމާލުވުން

ހަރުކަށި ވިސްނުން ނައްތާލަން ކުރެވޭ މަސައްކަތްތަކުގައި ޚާއްޞަކޮށް އިސްލާމީ ޤައުމުތަކުން ވަރަށް ބޮޑަށް ވިސްނަންޖެހޭ އަދި ސަމާލުވެ ތިބެންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ ޓެރަރިޒަމް ނައްތާލުމާއި ތަޞްނީފު ކުރުމާއި މާނަ ކުރުމުގައި ގެންގުޅޭ ނަޒަރިއްޔާތަކާ މެދު ވިސްނަންޖެހޭނެ އެވެ.

އެހެނީ ބައެއް ފަރާތްތަކުގެ ނަރަޒަރުގައި "ޓެރަރިޒަމް" އަކީ ސީދާ އިސްލާމްދީނެވެ. އެހެންކަމުން އެމީހުންގެ މައިގަނޑު އަމާޒަކީ އިސްލާމްދީނާ މެދު ބިރުވެރިކަން އުފެއްދުމާއި ޓެރަރިޒަމް ނައްތާލުމުގެ ނަމުގައި އިސްލާމީ އުޞޫލުތަކާއި ޘަޤާފަތް ނައްތާލުމާއި އެކަމަށް މަގު ފަހިވާ ގޮތައް ޤާނޫނުތައް ހެދުމާއި އިސްލާމްދީނަށް ނަޞްރު ދިނުމުގެ ގޮތުން ކުރެވޭ ކޮންމެ ކަމެއް ޓެރަރިޒަމްގެ ޢަމަލުތަކުގެ ގޮތުގައި ބެލުމާއި ޓެރަރިޒަމް ނައްތާލުމުގެ ނަމުގައި އިސްލާމީ ޤައުމުތަކަށް އަރައި އެތަންތަން އިޖުތިމާޢީ ގޮތުންނާއި ފިކުރީ ގޮތުން ބައިބައިކޮށް ޙަޟާރަތްތައް ވީރާނާކޮށް ހަލާކު ކުރުމެވެ.

އެ ރޭވުންތަކުގެ ތެރެއިން އިސްލާމީ ޙަޟާރަތްތަކުގެ ކުރި ބޯށިތައް ފުނޑުފުނޑުއަރުވައި އިސްލާމީ ވަރުގަދަ މުޖުތަމަޢުތަކާއި ޤައުމުތަކުގެ އަސްކަރީ ނިޒާމުތައް ވެސް ދުއްވާލީއެވެ. އަދި ޤައުމުތަކުގެ ތަޢުލީމީ މަންހަޖުތައް އިސްލާމްދީނުގެ ތަރުބަވީ ފަލްސަފާ އާއި ދުރަށް ގެންދިޔައީ އެވެ. މިއަދު ވެސް ދުނިޔެއަށް ޢާއްމުވެފައިވާ "އިސްލާމޮފޯބިއާގެ" ކަންކަންކަމަކީ ސީދާ ރޭވިގެން އެއަށް ފަންޑު ކުރެވިގެން މާތްވެގެންވާ އިސްލާމްދީނާ ދެކޮޅަށް ހިންގޭ ކަންކަމެކެވެ.

މީގެ އިތުރުން އިސްލާމީ ޤައުމުތަކަށް އަރައި އިސްތިޢުމާރު ކޮށްގެން އުޅޭ ފަރާތްތަކާ ދެކޮޅުވެ އަމިއްލަ ވަޠަނާއި ޙައްޤުތަކުގެ ދިފާޢުގައި މަދަނީ ގޮތުން ޙަރަކާތްތެރިވާ މުސްލިމު ރައްޔިތުންނާއި އެފަދަ މަދަނީ ޖަމާޢަތްތަކާއި ދުނިޔޭގެ ސިޔާސީ އިސްލާމީ ޙަރަކާތްތައް ވެސް ބައެއް ފަރާތްތަކުން ވަނީ ޓެރަރިސްޓުންގެ ގޮތުގައި ތަޞްނީފު ކޮށްފައެވެ.

މީގެ ތެރޭގައި ހިމެނޭ ބައެއް ސިޔާސީ އިސްލާމީ ޙަރަކާތްތަކަކީ އެ ޤައުމުތަކުގެ އިންތިޚާބުތައް ކާމިޔާބު ކޮށް ޑިމޮކްރަޓިކް ހަމަތަކުން ވެރިކަމަށް އައިސް ވެރިކަން ވެސް ކުރާބައެކެވެ. މިހާރު ވެސް ވަރަށް ގިނަ އިސްލާމީ ޤައުމުތަކުގެ ވެރިކަމުގައި އެފަދަ ފަރާތްތައް ވެއެވެ. މި ޖަމާޢަތްތައް އެއްޤައުމުގައިވާ ޖަމާޢަތާ އަނެއްޤައުމުގައިވާ ޖަމާޢަތާ ފަލްސަފާގައި ތަފާތުކަމެއް ހުރެއެވެ. ނަމަވެސް ބައެއް މީހުން އެ އެންމެންނަކީ ޓެރަރިސްޓުންގެ ގޮތުގައި ދެކެއެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޓެރަޒިޒަމް ހުއްޓުވުމާ ބެހޭ މުޢާހަދާ ގައި ވާގޮތުން ޓެރަރިޒަމަކީ، ދައުލަތުގެ ސިޔާދަތު ނަގާލަން ނުވަތަ ދައުލަތުގެ އެއްބައިވަންތަކަން ނަގާލުމަށް ނުވަތަ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ނަގާލުމަށް ނުވަތަ ބައިނަލްއަޤުވާމީ ތަންތަނަށް ގެއްލުންދިނުމަށް ނުވަތަ ޤައުމީ މުއައްސަސާތަކަށް ގެއްލުންދިނުމަށް ނުވަތަ އެފަދަ މުއައްސަސާތަކުގެ މައްޗަށް ގަދަވެގަތުމަށް ނުވަތަ ދައުލަތުގެ ޢާއްމު ނުވަތަ ޚާއްޞަ ތަންތަނާއި އިންފްރާސްޓްރެކްޗަރ އަށް ގެއްލުންދިނުމަށް ނުވަތަ މީހުންގެ ޙައްޤުތަކާއި އަމާންކަމާއި މިނިވަންކަމާއި އަބުރާއި ފުރާނައާއި ދިރިހުރުން ނެތިކޮށްލުމަށް ކޮންމެ ސަބަބެއް ނުވަތަ މަޤުޞަދެއް އޮވެގެންވިޔަސް، ބިރު ދައްކައި ބިރުވެރިކަން އުފައްދައި ނުވަތަ އެ ފަދަ ޖަރީމާއެއް ހިންގުމަށްޓަކައި ފަރުދީގޮތުން ނުވަތަ ޖަމާޢީގޮތުން ކުރެވޭ ކޮންމެ ކަމަކީ ޓެރަރިޒަމްގެ ޢަމަލެކެވެ. (އޯއައިސީ 28 ޖޫން 1999.)

އަދި މައްކާގައި (1-10 2002) އޮތް 17 ވަނަ ބައްދަލުވުމުގައި މުސްލިމު ވޯލްޑް ލީގް ގެ އިސްލާމީ ފިޤުހު އެކަޑަމީއިން މާނަ ކޮށްފައިވާ ގޮތުން ޓެރަރިޒަމްގެ ޢަމަލަކީ އިންސާނާގެ ފުރާނަ އާއި ދީނާއި ފިކުރާއި މުދަލާއި ލެއާއި ވިސްނުމާއި އަބުރާ ދެކޮޅަށް، ފަރުދަކު ވިޔަސް، ޖަމާޢަތަކުން ވިޔަސް ދައުލަތަކުން ވިޔަސް ހިންގާ ޢުދުވާނީ ޢަމަލެވެ. މީގެ ތެރޭގައި ބިރުދެއްކުމުގެ އެންމެހާ ޢަމަލުތަކެއް ޝާމިލުވެއެވެ. އަދި މީސްތަކުންގެ ފުރާނަ ދުއްވާލުމާއި އަމަންއަމާންކަން ނަގާލުމާއި ދައުލަތުގެ ޢާއްމު ތަންތަނާއި ޚާއްޞަ ތަންތަނަށް ގެއްލުން ދިނުމާއި ދަތުރުފަތުރުކުރާ ރާސްތާގައި (މަގުމަތީގައި) ބިރުވެރިކަން ފެތުރުމާއި ދައުލަތުގެ އުފެއްދުންތެރި މުއައްސަސާތަކަށް ގެއްލުންދިނުން ވެސް ހިމެނެއެވެ. އަދި މިކަންކަމަކީ ބިންމަތީގައި ފަސާދަކުރުމުގެ ޢަމަލުތަކުގެ ގޮތުގައި ފިޤުހު އެކަޑަމީގެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

ޓެރަރިޒަމް ނައްތާލުމަށް އިސްލާމްދީން ކޮށާދީފައިވާ މަގުން ނޫން މަގަކުން އިސްލާމީ ޤައުމުތަކުން ހިނގަން ފަށައިފި ނަމަ ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢު ބައިބައިވެ އިޖުތިމާޢީ ފޭރާން ވީދިގެން ހިގައިދާނެ އެވެ. ފިކުރީ ހަމަނުޖެހުމުގެ ތެރެއަށް ޤައުމު ވެއްޓިގެން ހިގައިދާނެ އެވެ. އެއަށް ފަހު ދެން ދުވަހަކުވެސް ޤައުމުގައި އެއްބައިވަންކަން ޤާއިމެއް ނުކުރެވޭނެއެވެ.

ޤައުމުގައި އުފެދޭ ފިކުރީ ޚިޔާލުތަފާތުވުންތައް ނައްތާލަން ޖެހޭނީ ފިކުރީ ގޮތުން މަސައްކަތްކޮށް އިސްލާމީ ނަޒަރިއްޔާއާއި ފަލްސަފާގެ އަލީގައެވެ. ހަރުކަށި ފިކުރަކީ ފިކުރީ ބައްޔެކެވެ. އެ ބަލީގެ ފަރުވާ އަކީ ޢިލްމާއި ފިކުރާއި ރަނގަޅު ތަރުބިޔަތު ދިނުމާއި ފިކުރީ އަމާންކަން ޤާއިމު ކުރުމެވެ.

ރާއްޖޭގައި އުފެދިގެން އުޅޭ ކަންކަންކަމަކީ އެއް ދުވަހުން ދެ ދުވަހުން އުފެދުނު ކަން ކަމެއްނޫނެވެ. ސިޔާސީ، އިޖުތިމާޢީ ތަޢުލީމީ އެތައް ސަބަބުތަކާ ހުރެ އުފެދިގެން އުޅޭ ކަންކަމެވެ. ރާއްޖެގައި ފިކުރީ ގޮތުން އަމާންކަން ޤާއިމު ކުރުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހެއެވެ.

އެހެންކަމުން ހަރުކަށި ފިކުރު ނައްތާލުމުގެ ނަމުގައި ކުރެވޭ ކަންކަމުން ސީދާ އިސްލާމްދީން ނައްތާލުމަށް މަގު ފަހިވެގެން ނުވާނެ އެވެ. އަދި ޓެރަރިޒަމް ނައްތާލުމުގެ އިޞްލާޙީ މަސައްކަތަކީ ޤާނޫނީ ގޮތުން ވަކި ކޮޅަކަށް ބަރުވެފައިވާ މަސައްކަތްތަކަކަށް ވެގެން ނުވާނެ އެވެ. ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢެއްގައި ހަރުކަށި ފިކުރާއި އިލްޙާދީ (އޭތިޒްމް) މިއީ އެއް ފައިސާ ފޮއްޗެއްގެ ދެފަރާތެވެ. ޓެރަރިޒަމް ނައްތާލުމުގައި ޢަމަލުކުރުމުގައި އެހެން ޤައުމުތަކާ ރާއްޖެއާ ތަފާތެވެ.

އިސްލާމްދީނަށް ޖޯކު ޖެހުމާއި ނަބިއްޔާއަށް މަލާމާތް ކުރުމާއި ނަބިއްޔާގެ ކާޓޫނު ކުރެހުމާއި ނަބިއްޔާގެ އަނބި އަނބިކަނބަލުންނަށް ޖޯކު ޖެހުމާއި ޤުރުއާނާއި ސުންނަތާ މެދު އިސްލާމީ މުޖުތަމަޢުތަކުގައި ޝައްކު އުފެއްދުމާއި އަޞްޙާބު ބޭކަލުންގެ އަގު ވައްޓާލުމާއި އެންމެހާ ރަސޫލުބޭކަލުންނާއި އެބޭކަލުންނަށް ބާވާލެއްވުނު ފޮތްތަކާ މެދު ޝައްކު އުފެއްދުމާއި ޤިޔާމަތް ދުވަހަށް އިންކާރު ކުރުމާއި އެދުވަހާމެދު ޝައްކު އުފެއްދުމަކީ ވެސް އިސްލާމީ މުޖުތަމަޢެއްގައި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިއްވަރު ލިބޭ ކަންކަމުގެ ގޮތުގައި ބެލެވިފައިވާ ކަންކަމެވެ.

މިކަންކަން ވެސް ޤާނޫނީ ގޮތުން މަނާ ކުރެވެންޖެހޭނެ އެވެ. ޓެރަރިޒަމްގެ ޤާނޫނަކީ ހަމަ އެކަނި އިސްލާމް ދީނާ ގުޅުންހުރި ހަރަކާތްތަކުގެ ފަޅިއަށް ބުރަވެފައިވާ އެއްޗަކަށް ވެއްޖެނަމަ އެއީ އިސްލާމްދީނާ ގުޅުވެނީ އެވެ. ޓެރަރިޒަމްގެ ޤާނޫނު ވާންޖެހޭނީ އިންޞާފުވެރި ޤާނޫނަކަށެވެ. އެއީ ވަކި ބަޔަކު ދެކި އަދާވާތްތެރިވެގެން ފޯރި އަރައިގެން ކުރަންޖެހޭ ކަމެއްނޫނެވެ. މިއީ ދިވެހިދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތަކާއި ޤައުމީ ސަލާމަތާ ގުޅުންހުރި ކަމެކެވެ
.
ހަރުކަށި ފިކުރުތަކާއި އިސްލާމީ މުޖުތަމަޢުގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުން، އިސްލާމީ މުޖުތަމަޢުގައި ހަރުކަށި ފިކުރު ފެތުރެން މެދުވެރިވާ ސަބަބުތަކުގެ ތެތޭގައި އަންނަނި ވިކަންކަން ހިމެނެއެވެ.

  • އިސްލާމްދީން ރަނގަޅަސް އޮޅުން ފިލުވައި ނުދިނުން
  • އިސްލާމް ދީނުގައިވާ ގޮތަށް ސަރުކާރުތަކުން ޢަމަލު ނުކުރުން
  • އިސްލާމީ ޝަރީޢާގެ ޙުކުމްތައް އުވާލައި އޭގެ މައްޗަށް ވަޟުޢީ ޤާނޫނު އިސްކުރުން
  • ޚިޔާލުތަފާތުވާ ފަރާތްތަކަށް އަނިޔާއާއި ހަރުކަށި އަދަބު ދިނުން
  • ޖާހިލުންނާއި ރޯނު އެދުރުން ފަތުވާ ދިނުން
  • ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން
  • ދައުލަތުގެ ފަތުވާ ދިނުމާއި ދީނީ ކަންކަން ހިނގާ އިދާރާއާއި ނިޒާމު ބަލިކަށިވުން
  • އިސްލާމްދީނަށް ފުރައްސާރަ ކުރުން ގިނަވުން

މިކަންކަމުގެ ސަބަބުން ހަރުކަށި ޢަމަލުތަށް ހިންގުމަށް މަގުފަހިވެފައި ވެއެވެ. އިސްލާމީ ވަރަށް ގިނަ ޤައުމުތަށް އެކަމުގެ ޝިކާރައަކަށް ވެގެން ގޮސްފައި ވެއެވެ. ފަހު ތާރީޚުގައި ހަރުކަށި ޢަމަލުތައް އުފެދުނު އެއް މަރުކަޒަކީ މިޞްރެވެ.

ޖަމާލު އަބްދުއްނާޞިރުގެ ދުވަސްވަރު، އޭނާއަށް ވެރިކަން ހޯދައިދިނުމުގައި އިސްރޯލެއް ކުޅުނު، ފަހުން އޭނާއާ ޚިޔާލު ތަފާތުވި އިސްލާމީ އެކި ފަރާތްތަކަށް މިޞްރުގެ ޖަލުތަކުގައި ގަދަފަދަ ޢުޤޫބާތް ދީފައިވެއެވެ. އަދި ބައެއް ޢިލްމުވެރިންނާއި މުފައްކިރުން ދަން ޖައްސައި މަރާލާފައި ވެއެވެ. އެއިގެ ތެރޭގައި އިސްލާމީ ޖިނާއީ ޤާނޫނާ ގުޅޭ ގޮތުން މިހާތަނަށް ލިޔެވިފައިވާ އެންމެ ފުރިހަމަ އެއް ފޮތް "އައްތަޝްރީޢުލްޖިނާއީ އަލް އިސްލާމީ" ގެ މުޞައްނިފް މިޞްރުގެ ޢިލްމުވެރިޔާ ޑރ ޢަބްދުލްޤާދިރު އަލްއަޢުދާ ވެސް ހިމެނެއެވެ. އަދި ސައްޔިދު ޤުޠުބު ވެސް ދަންޖައްސައި މަރާލި އެވެ.

މިފަދަ އެތައް މުފައްކިރުންނާއި ޢިލްމުވެރިން މަރާލިއެވެ. ސައްޔިދު ޤުޠުބަކީ ބޮޑު ތަފްސީރު "ޡިލާލުންޤުރުއާން" ގެ މުޞައްނިފެވެ. އޭނާ އެ ތަފްސީރު ލިޔުއްވީ ޖަލު ގޮޅީގަ އެވެ. އޭނާ 20 އަހަރު ވަންދެން ޖަލުގައި އޮތެވެ.

ސައްޔިދު ޤުޠުބުގެ ބައެއް ފިކުރުތަކަކީ އެއްގޮތަކަށް ވެސް ޤަބޫލުކުރެވޭ ފިކުރުތަކެއް ނޫނެވެ. އެ ފިކުރުތަކުގައި އާރުލީ އަނިޔާލިބުމުގެ ސަބަބުންނެވެ. އެ ފިކުރު ތަކުގެ ސަބަބުން ބައެއް ހަރުކަށި ޙަރަކާތްތައް އުފެދިގެން ދިޔައެވެ. ސައްޔިދު ޤުޠުބަކީ ދީނީ ޢިލްމުވެރިއެއް ނޫނެވެ. އޭނާއަކީ އަދީބެކެވެ. އަލްޤައިދާއާއި އައިއެސް ފަދަ ޖަމާޢަތްތަކުގެ މައިގަނޑު ފިކުރު ބިނާ ކުރުމުގައި އަނިޔާ ލިބުނު މިދެންނެވި ފަރާތްތަކުގެ ފިކުރާ ގުޅޭ ޙަރަކާތްތަކުގެ ތެރެއިން އުފެދުނު ބައެއް ފިކުރުތައް ހިމެނެއެވެ.

ހަރުކަށި ފިކުރުން މުޖުތަމަޢު ސަލާމަތްކުރަން ސަޢޫދީ ޢަރަބިއްޔާގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުނެވެ. އޭގެ ނަތީޖާއަކީ ދުނިޔޭގައި ހަރުކަށި ފިކުރު ނައްތާލަން "ރިހެބިލިޓޭޝަންގެ" އިސްލާމީ ކާމިޔާބު ނަޒަރިއްޔާއިން އުފަންވެގެން ދިއުމެވެ. ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ސަޢުދީ ސަރުކާރުން ޤާއިމު ކުރި މުޙައްމަދު ބިން ނާއިފް ކައުންސެލިން އެންޑް ކެއާރ ސެންޓަރު ވެގެންދިޔައީ ކާމިޔާބު މުއައްސަސާއަކަށެވެ.

ހަރުކަށި ޖަމާޢަތްތަކާ ގުޅިގެން ހަނގުރާމަކުރުމަށް ޤައުމުން ބޭރަށް ދިޔަ ފަރާތްތަށް އަނބުރާ ގެނެސް އެތަނަށްލައި އެތަނުގެ އެކޮމޮޑޭޝަންގައި ބައިތިއްބައި، ކިޔަވައިދީ، މުސާރަ ވެސް ދީ، ކައިވެނި ކުރެވޭނެ ގޮތްވެސް ހަދައި ރަނގަޅު ފުރުޞަތުތައް ފަހިކޮށްދީ ރަނގަޅު ޢިލްމުވެރިން މެދުވެރިކޮށް ކްލާސްތައް ނަގައިދީ އެންމެން އިޞްލާޙު ކުރީ ޤާނޫނީ ގޮތުން އެގޮތް ލާޒިމު ކޮށްގެންނެވެ.

އެއްވެސް ޙާލެއްގައި ޖަލަށް ލައި ދިގު މުއްދަތަށް އަނިޔާ ދިނިކީއެއް ނޫނެވެ. ޝައްކެތްނެތެވެ. ޖަލަށްލާންޖެހޭ ކުށްތައްވެސް ހުންނާނެއެވެ. މީހުން ކިޑްނެޕް ކުރުމާއި ނުޙައްޤުން ލޭ އޮހޮރުވާލުމާއި ތަންތަން ގޮއްވުމާއި ދީނުގެ ނަމުގައި ޖިހާދު ކުރުމުގެ ނަމުގައި ދީންތަކުގެ އަޅުކަންކުރާ ތަންތަން ގޮއްވުމާއި އަންހެނުން މެރުމާއި ކުޑަކުދިންނާއި މުސްކުޅިން މެރުމާއި ގަސްގަހާ ގެހި ސުންނާފަތި ކުރުމާއި މިކަންކަމަކީ ޢުޤުބާތްދޭން ޖެހޭ ކަންކަމެވެ. އަދި އެއިގެ އަރިމަތިން އެމީހުންނަށް ކައުންސިލިންދޭނެ ސެންޓަރެއް ވެސް ޤާއިމު ކުރެވެންޖެހޭނެ އެވެ. އެތަނުގައި ވަކި މުއްދަތެއް ވަންދެން ހޭދަ ކުރުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމަކަށް ހަދަންޖެހެއެވެ.

ދަންނަވަން މިއުޅޭ އެއްޗަކީ ހޭލުންތެރިކުރުމުގެ ނިޒާމުގެ ކަންކަން ކުރިއަށް ނެރެންޖެހޭވާހަކައެވެ. މީހަކު ބުނާ އެއްޗަކުން ނުވަތަ މީހަކު ލާފަ ހުންނަ ފޭރާމަކުން އެއީ ޓެރަރިސްޓެއްކަމުގައި ކަނޑައެޅުމުން ދުވަހަކު ވެސް ޓެރަރިޒަމަށް ނިމުމެއް ނާންނާނެ އެވެ. އެއީ ޤާނޫނަކުން އެކަނި ޙައްލުވާނެ ކަމެއްނޫނެވެ. ނުރަނގަޅު ފިކުރަށް ނިމުން އަންނާނީ އިސްލާމްދީނުގެ ސަމާޠަތްތެރިކަމާއި ދީނުގެ މަޤުޞަދުތަކާއި ދީނުގައި ޓޮލަރެންސަށް އޮތް މަޤާމު އުނގަންނައިދީ ޞައްޙަ ޢަޤީދާއާއި ރަނގަޅު ފިކުރާއި ހެޔޮ ތަރުބިޔަތު ކުޑައިރުން ފެށިގެން ވެސް ދެވިގެންނެވެ.

ދައުލަތުގައި ފަތުވާ ދިނުމުގެ ރަނގަޅު ހަރުދަނާ ނިޒާމެއް ވެސް ޤާއިމުވެގެންނެވެ. ރާއްޖޭގައި ފިކުރީ ޢަމާންކަން ޤާއިމުކުރުމަށްޓައި ކުރެވިދާނެ ބައެއްކަންކަން މީގެ ކުރިން ވެސް މަޒްމޫނެއްގައި ބަޔާން ކުރީމެވެ. އެކަންކަމާއެކު ބައެއް އެހެންކަންކަން ބަޔާން ކޮށްލާނަމެވެ.

ފިކުރީ އަމާންކަން ޤާއިމު ކުރަން ޤައުމީ އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލުން

އަޅުގަނޑުގެ ނަޒަރުގައި މި ފަދަ ޕްލޭނެއް އެކުލަވާލަންވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކައުންޓަ ޓެރަރިޒަމް ސެންޓަރުންނެވެ. މި ޕްލޭން އެކުލަވާލާއިރު ރާއްޖެއާއި ބޭރުގެ އިސްލާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަންވާނެ އެވެ.

ފިކުރީ އަމާންކަމަކީ ޤައުމީ ސަލާމަތުގެ އަސާސެވެ. މި ޕްލޭނުގައި ޚާއްޞަކޮށް ތަޢުލީމީ ދާއިރާއާއި މީޑީޔާ ގެ މަސްއޫލިޔަތު ބަޔާން ކުރެވެން ވާނެ އެވެ. އަދި މިފަދަ ޕްލޭނެއް އެކަށައެޅުމަށް ފަހު އޭގައި ވާގޮތައް އެހެން މުއައްސަސާތަކުން ޢަމަލު ކުރަންޖެހޭގޮތައް ޕްލޭން ކުރުމުން ޤައުމަށް ފައިދާ ކުރާނެއެވެ.

ރާއްޖޭގެ ޤައުމީ އިސްލާމީ މަންހަޖު މުރާޖިޢާކުރުން

އިސްލާމީ އަޤީދާއާއި އަޚުލާޤާއި މުޢާމަލާތުގެ އިތުރުން އިސްލާމީ ރިސާލަތުގައި ސަމާޙަތްތެރިކަމާއި ޓޮލަރެންސާއި ލުއިފަސޭހަކަމަށް ދީފައިވާ ޤަދަރު ޝާމިލްވާނޭ މަބުދައުތަކުގެ މައްޗަށް އިސްލާމީ މުޤައްރަރުތައް އަންނަން ޖެހޭނެ އެވެ. މި މައުޟޫއަށް މީގެ ކުރިންވެސް އަޅުގަނޑު ލިޔެފައިވާނެ އެވެ. ޤައުމީ މަންހަޖު އިޞްލާޙު ކުރުމުގެ މި ނަޒަނިއްޔާގައި މިދެންނެވި އަސާސްތަކުގެ ވާހަކަ ބަޔާންވެފައި ހުންނާނެ އެވެ.

ދީނީ ގޮތުން ހަރުކަށިވުމުގެ މަފްހޫމް ދެނެގަތުން

ދީނަށް އުޅުމަކީ ހަރުކަށި ވުމެއް ނޫނެވެ. ސުންނަތުގެ ކަންކަމުގައި ހިފުމަކީ ވެސް ހަރުކަށި ވުމެއް ނޫނެވެ. ހަރުކަށި ވުމަކީ ދީނުގައި އޮތް ގޮތް ނޫން ގޮތަކަށް ދީނީ ކަންކަމުގައި ޢަމަލު ކުރުމެވެ. ދީނުގެ ކަންކަމަށް އުނި އިތުރުގެނައުމެވެ. ވާޖިބު ދަރަޖަ ލިބިގެން ނުވާ ސުންނަތުގެ ކަމެއްގައި ހިފައިގެން ހުރި މީހާ އަނެއް މީހުންނާ މެދު ދެކޭ ގޮތަކުން އޭނާއަކީ ހަރުކަށި މީހުންގެ ތެރޭގައި ތަޞްނީފު ކުރެވިދާނެއެވެ. ދީނަށް އުޅުމަކީ ބޭރުފުށުން ފެންނަން ހުންނަ ފޭރާމެއް ވެސް ނޫނެވެ. ތިމާއަޅާ ފޭރާން ނާޅާ އަނެއް މީހަކީ ސުންނަތަށް އުޅޭ އަޚެއް ނޫންކަމަށް ދުށުމަކީ ގޯހެކެވެ.

އިސްލާމްދީނުގައި ވަކި ފޭރާމެއް އަޅަން އަންގަވާފައި ނޯވެއެވެ. އޮންނަނީ ނިވާ ކުރަންޖެހޭ މިންވަރެއް ދަސްކޮށްދީފަ އެވެ. އެ މިންވަރު ނިވާވުމުން އެހުރީ އިސްލާމަކަށް ވެފައެވެ. ކޮންމެހެން ކަޅު ހެދުން ނުވަތަ ކުރުތާ ލާކަށް ނުޖެހެއެވެ. ވަކި ގޮތަކަށް ފޭރާން އަޅަން މަޖްބޫރު ނުކުރެވޭނެ އެވެ. ދީނަށް އުޅުމަކީ ތިމާގެ ރިވެތި އުޅުމާއި ރިވެތި ޚުލުޤާއި ތަޤުވާވެރިކަމެވެ. އެހެން މީހުންނަށް ހެޔޮ އެދުމެވެ. އިންސާނުން ދެކެ ލޯބިވުމެވެ. ދީނަށް އުޅުމަކީ ތިމާ ނޫން އެހެން އެންމެން ދީނުން ބޭރު ކުރުމެއް ވެސް ނޫނެވެ. ނުވަތަ ތިމާއާ ޚިޔާލު ދިމާނުވާ މީހާ ނިކަމެތި ކޮށްލުމެއް ވެސް ނޫނެވެ. ދީނަށް އުޅޭ މީހާ ވެސް ވާޖިބާއި މުސްތަޙައްބު ކަންކަމުގެ ދަރަޖަތައް ތަފާތުކޮށް ދެނެގަންނަންޖެހެ އެވެ. މުސްތަޙައްބު ކަމަކަށް ރުކުނެއްގެ ދަރަޖަ ދެވިގެން ނުވާނެއެވެ. ސުންނަތްތައް އަދާކުރުމުގައި އެންމެން އެއް ހަމަ ނުވާނެ ކަން ދަންނަންޖެހޭނެ އެވެ.

އޭތިޒަމްގެ ޢަމަލުތައް ކޮންޓްރޯލް ކުރުން

ދިވެހިރާއްޖޭގައި އެތިޒަމްގެ ފިކުރު ފެތުރެމުންދަނީ ހަލުއިމިނުގަ އެވެ. ސޯޝަލްމީޑިއާ އަށް ބަލާލުމުން މިކަން ފާހަގަ ވާނެއެވެ. އެކި އެކި ޕޭޖުތަކުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ނަބިއްޔުންނަށް މަލާމާތްކޮށް ހުކުރު ޚުތުބާއަށް މަލާމާތްކޮށް އެއްޖިންސުން ގުޅުން ހިންގަން ގޮވާލާއި ﷲ ވޮޑިގެންވާ ކަމާ ދެކޮޅު ވިސްނުން ދިވެހި މުޖުތަމަޢުގައި ފަތުރަން މަސައްކަތް ކުރެ އެވެ.

މި ބާވަތުގެ ޢަމަލުތަކަކީ ދީނީ ހަރުކަށި ޢަމަލު ފަދައިން ހުއްޓުވަންޖެހޭ ކަންކަމެވެ. މި ބާވަތުގެ ޢަމަލުތަކަކީ ވެސް ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ހުރަހެކެވެ. މިހެންކަމުން ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނުގެ ތެރެއިން މިކަންކަން ވެސް މަނާކުރެވެންޖެހޭނެއެވެ.

ދީނީ ޕްރޮގްރާމްތައް މޮނިޓާ ކުރުން

ދީނީ ނަސޭޙަތް ދިނުމަކީ އެކަމުގެ އިތުބާރު ހުރި ޢިލްމުގެ އަހުލުވެރިންނަށް މިނިވަންކަމާއެކު އޮންނަންޖެހޭ ކަމެކެވެ. ހެޔޮ ކަންކަމަށް ގޮވާލުމަކީ ދީނުގެ އިޖުތިމާޢީ ރުކުނެކެވެ. އެކަން ދަމަހައްޓަން ޖެހެއެވެ. އެކަމަކު ހަމަ އެއާއެކު ބައެއް ކަންކަމުގައި ކޮންމެވެސް ވަރެއްގެ އުޞޫލުތަކެއް ހިފަހައްޓަން ޖެހޭ ކަމަށް ދެކެމެވެ. ސްކޫލް ތަކުގައި ކޮންމެ ކޮންމެ މީހަކު ވަދެ އެމީހަކު ހިތައް އެރިހާ އެއްޗެއް ކިޔައި ދިނުމުގެ ފުރުޞަތަކީ އެއްވެސް ޤައުމެއްގައި އޮންނަ ފުރުޞަތެއްނޫނެވެ. ސްކޫލުތަކުގެ ދީނީ ޕްރޮގްރާމްތައް ހިންގަންވީ ރަސްމީ ފަރާތުންނެވެ. ނުވަތަ ރަސްމީ އިދާރާތަކާ ގުޅިގެން އިތުރުބާރު ހުރި ޢިލްމުވެރި ފަރާތްތަކުންނެވެ.

އިސްލާމީ ދަޢުވަތުގެ ޕްލޭން އެކުލަވާލުން

ނަތީޖާއެއް ނިކުންނާނީ ރަނގަޅު ޕްލޭނާއެކު މަސައްކަތްކޮށްގެނެވެ. ދީނީ ގޮތުން ރާއްޖޭގައި ހުރި މައްސަލަތައް ދެނެގަނެ އެއަށް ފަރުވާ އެއް ހޯދެންޖެ އެވެ. އެކި ރައްރަށުގައި އެކި އަތޮޅުތަކުގައި ހުރީ އެކި އެކި މައްސަލަތަކެވެ. ޒުވާނުންނަށް ދިމާވެފައިވާ ފިކުރީ މައްސަލަތައް ވެސް ތަފާތެވެ. މުހިންމު މައުޟޫޢުތަކާއި އެންމެ މުހިންމު މައުޟޫޢުތައް ވަކި ކުރެވެން ޖެހެއެވެ. މިހެންކަމުން މިކަންކަން ވަރަށް ރަނގަޅަށް ދިރާސާކޮށް އެކްޝަން ޕްލޭނެއް އެކުލަވާލަން ޖެހެ އެވެ. ސޯޝަލް މީޑިޔާގައި ޒުވާނުންނާ ހަމަ އަށް ވާޞިލްވާންޖެހެއެވެ.

އަދި އިސްލާމިކް މިނިސްޓްރީގެ ދައުވާ ޓްވިޓާ އެކްޓިވް ކުރަންޖެހެއެވެ. ދުވާލަކު އެއްމެ ޓުވީޓެއް ކުރެވުނަސް އެއީ ވަރަށް އަގުހުރި ޚިދުމަތަކަށްވާނެ އެވެ. ނަތީޖާއަކަށް ވާނީ ރަސްމީ ޞައްޙަ މަޞްދަރުތަކުން މަޢުލޫމާތު ނަގަންފެށުމެވެ. މުޖުތަމަޢުގައި ހުރި މައްސަލަތަކަށް މިފަދަ ރަސްމީ ޓުވިޓަރ މެދުވެރިކޮށް ދީނީ ގޮތުން އެޑްރެސްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ. އިނިގިރޭސި ބަހާއި ދިވެހި ބަހުން ޓުވިޓަރގައި ޙަރަކާތްތެރިވެވޭނެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އަމާޒުކޮށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ރާއްޖެއަށް ކުރިމަތިވަމުން އަންނަ ކަންކަމުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރެވޭނީ އިސްލާމީ މެދުމިނުގެ ދަޢުވަތު ހަރުދަނާކޮށް ވަރުގަދަ ކޮށްގެންނެވެ.

ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އިސްލާމީ ފިޤުހު އެކަޑަމީ އެއް އުފެއްދުން

ފިޤުހު އެކަޑަމީއަކީ ވަރަށް ބޭނުންތެރި މުއައްސަސާއެކެވެ. (2008) ގައި އަޅުގަނޑުމެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ޙަވާލުވެ ފިޤުހު އެކަޑަމީ އެއް އުފެއްދީމެވެ. އެއިގެ ނަތީޖާ ވެސް ވަރަށް ރަނގަޅެވެ. ފަތުވާ މަޖްލިސް އުފެދުމާއެކު ފިޤުހު އެކަޑަމީ އުވިގެން ދިޔައީއެވެ.

އަޅުގަނޑު އަދިވެސް ތާއިދުކުރަނީ ރާއްޖޭގައި ފިޤުހު އެކަޑަމީ އޮވެފައި އެކި ކަންކަމުގައި ރަނގަޅަށް ދިރާސާކުރެވިގެން ފަތުވާތަކާއި ޤަރާރުތައް ނެރުމަށެވެ. ޒަމާން މިއޮތީ ބަދަލުވެފައެވެ. މީސްތަކުންގެ ޙާލަތާ އާދަކާދަތަކާއި ހުރިހާ ކަމެއް ވެސް މިވަނީ ބަދަލުވެފައެވެ. އަޤީދާ ފިޔަވައި ދިރިއުޅުމުގެ މުޢާމަލާތާއި އެހެނިހެން ކަންކަމާ ގުޅޭ ފިޤުހީ ފަތުވާ ތަކަކީ ވަގުތާއި ޙާލަތާއި މީސްތަކުންގެ ޢާދަކާދަ އަށް އަންނަ ބަދަލުތަކާ އެކު ބަދަލުވެގެންދާ އެއްޗެކެވެ.

ވަކި ފިޤުހީ މައްސަލައެއްގައި އެއްޒަމާނެއްގެ ޖުމުހޫރުންގެ ރައުޔު އަނެއް ޒަމާނުގެ ޖުމުހޫރުންގެ ރައުޔާ ތަފާތުވާ ފަހަރު ވެސް އާދެއެވެ. އިޖުމާޢެއް ނެތް ކޮންމެ މައްސަލައެއްގައި އިޖުތިހާދުކުރެވޭނެއެވެ. މިޒަމާނުގައި ހުރި ގިނަ ކަންކަމަށް އިސްލާމީ ފިޤުހުގެ ތެރެއިން ޙައްލު ހޯދޭނީ ފިޤުހީ ގޮތުން ބަހުޘްކޮށް ރިސާރޗްކުރެވޭނެ ނިޒާމެއް ޤާއިމުކޮށްގެންނެވެ. އެތަނުގައި މެމްބަރުންގެ ގޮތުގައި ތިބެންވީ އިސްލާމީ އެކި އެކި ތަޚައްޞުތަކުގެ ދާއިރާއިން އެންމެ މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ މީހުންނެވެ. ފިޤުހާއި އުޞޫލު ފިޤުހާއި މަޤާޞިދާއި ޤަޟާއު، ހަދީޘް، ތަފްސީރު ފަދަ ދާއިރާތަކުގެ މީހުން ތިބެންވާނެއެވެ. އަދި އެމެމްބަރުންނަށް އެކި އެކި ދާއިރާތަކުން އެހީތެރިވުމަށް މެންބަރުން ނޫންގޮތަށް އެހީތެރިން ތިބެންވާނެއެވެ.

މިސާލަކަށް ދަރިއެއް އެބޯޓް ކުރުމުގެ ފިޤުހީ ފަތުވާ އެއް ބިނާވާނީ މެޑިކަލް ޑޮކްޓަރގެ ރައުޔަކަށް ބުރަވެއެވެ. އެހެންކަމުން މެޑިކަލް ދާއިރާގެ އެހީތެރިން ތިބެންވާނެއެވެ. މިގޮތައް އެކި ދާއިރާތަކުގެ މީހުންގެ އެހީތެރިކަން ހޯދަންވާނެއެވެ. އެކަޑަމީގެ މެމްބަރުންގެ ގޮތުގައި ތިބެންވާނީ ތަފާތު ފިކުރީ މަދުރަސާތަކުން އެންމެ މައްޗަށް ކިޔަވާފައި ތިބި މީހުންނެވެ. އަލްއަޒްހަރު ޔުނިވަރސިޓީއާއި މަދީނާގެ އިސްލާމީ ޔުނިވަރސިޓީއާއި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއާއި އިސްލާމްއާބާދުގެ އިންޓަރނޭޝަންއިސްލާމިކް ޔުނިވަރސިޓީއާއި މި ފަދަ މި ނޫންވެސް ތަޢުލީމީ މުއައްސަސާތަކުން އެންމެ މައްޗަށް އިސްލާމީ ދާއިރާތަކުން ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތައް ހިމެނެންވާނެއެވެ. ހަމަ އެކަނި މަދީނާގައި ކިޔެވި މީހުން، ނުވަތަ މިޞްރުގައި ކިޔެވި މީހުން ވީމަ ވެސް ކަމަކު ނުދާނެއެވެ. އެންމެން ތިބެ ބަހުޘްކޮށް، ޢިލްމީ ގޮތުން ދިރާސާކުރުމަށް ފަހު، ކުރަންޖެހޭ ޒުވާބެއް ކޮށްފަ ދެން ޤަރާރު ނެރުނީމަ އޭގެ ސަބަބުން ދީނީ އެއްބައިވަންތަކަން ޤާއިމުވެގެންދާނެއެވެ. ފަތުވާތަކާއި ޤަރާރުތަކާއި ޢިލްމީ ދިރާސާތައް ޕަބްލިޝްކުރެވޭނެ ހަރުދަނާ ނިޒާމެއް ވެސް އޮންނަންވާނެ އެވެ.

ޢިލްމުވެރިންގެ ޔޫނިއަން އުފެދުން

އެއްވެސް ސިޔާސީ ޙަރަކާތްތަކެއްގައި ނޫޅޭ ޢިލްމުވެރިންގެ ޔޫނިއަން އެއް އޮތުމަކީ ވެސް ބޭނުންތެރި ކަމެކެވެ. މިޒަމާނުގައި މި ފެންނަ ސިޔާސީ ޙަރަކާތްތަކާއި ޝަރުޢީ ސިޔާސަތާ މިއީ ދެކަމެކެވެ. ޝަރުޢީ ސިޔާސަތުގެ ނަޒަރުން އަބަދުވެސް ބަލާނީ އިސްލާމްދީނުގެ މަޞްލަޙަތު އޮތް ގޮތެވެ. ޙަޤީޤީ އިސްލާމީ ޙަރަކާތެއް ކިތައްމެ ބޮޑު ގެއްލުމެއް ލިބުނަސް އެއްވެސް ސިޔާސީ މަޞްލަޙަތަކަށްޓަކައި ދީނީ މަޞްލަޙަތު ހުރި ކަންކަމުން ތަނާޒުލްނުވާނެއެވެ.

ދީނަށް ކުރިމަތިވާ ގޮންޖެހުންތަކުން ދީން ރައްކާތެރިކޮށް ދީނާ މެދު އުފެދޭ ސުވާލުތަކަށް ޖަވާބުދޭނެ ޕާޓީ ސިޔާސީ ޙަރަކާތްތަކުން އެއްކިބާވެފައިވާ ސާފު އަދި ތަފާތު ފިކުރީ މަދުރަސާ އަކަށް ނިސްބަތްވާ ޢިލްމުވެރިންގެ ޔޫނިއަންއެއް އޮތުމަކީ ޤައުމީ ސަލާމަތަށްޓަކައި ނުހަނު ބޭނުންތެރިކަމެއްކަމުގައި ވެސް ދެކެމެވެ.

މި ފަދަ ޔޫނިއަންއެއް ޤާއިމު ކުރަންވާނީ އަމިއްލަ ބަޔެކެވެ. އެއީ ސަރުކާރު ނުވަތަ ސިޔާސީ އެއްވެސް ބައެއްގެ ނުފޫޒު އެބައެއްގެ މައްޗަށް އޮތް ބަޔަކަށް ވެގެން ނުވާނެއެވެ. އަދި އިންތިޚާބު ތަކުގައި ވެސް ވަކި ބަޔަކަށް ކެންޕޭންކޮށްދޭ ބަޔަކަށް ވެސް ވެގެންނުވާނެއެވެ. ޢިލްމީ ދިރާސާކުރުމާއި ސުވާލުތަކަށް ޖަވާބު ދިނުމާއި ފޯރަމްތައް ބޭއްވުން ފަދަ ކަންކަން މި ފަދަ ޔޫނިއަންއަކުން ކުރިއަށް ގެންދެވިދާނެއެވެ. މިފަދަ ޔޫނިއަން އެއް ހިންގުމަށް އިސްލާމިކް ސޯޝަލް ފަންޑެއް ޤާއިމު ކުރެވިދާނެއެވެ.

ހަރުކަށި ޚިޔާލު ގެންގުޅޭ ފަރާތްތައް އިޞްލާޙު ކުރުން

ހަރުކަށި ޚިޔާލު ގެންގުޅޭ ފަރާތްތައް އިޞްލާޙުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަރުކަށިވުމަކީ ފިކުރީ މައްސަލައެއް ކަމުން އެކަމެއް އަދަބުދީގެން ނުވަތަ ހަމަ އެކަނި ޤާނޫނަކުން ޙައްލެއްނުވާނެއެވެ. ރާއްޖޭގައި މީގެ ކުރިން ދީނީ ގޮތުން ޚިޔާލުތަފާތުވި ފަރާތްތަކަށް ޖަލުތަކުގައި ލާއިންސާނީ އެތައް އަދަބެއް ދީފައިވެއެވެ. ވަކި ގޮތަކަށް ހެދުން އަޅައިގެން އުޅުނު މީހުން މަގުމަތިން ހޮވައިގެން ގެންގޮސްގެން ވެސް ޖަލަށް ލިއެވެ. ޗިލި ސޯސް ޖަހައި ތުބުޅިތައް ބޭލިއެވެ. ނަމާދަށް ތިއްބާ ވެސް ވަދެ ނަގައިގެން ގޮސް ޖަލަށް ލިއެވެ. އެތައް އަނިޔާއެއް ދިނެވެ.

ނަތީޖާއަކަށްވީ އެކަންކަން ވަރުގަދަވެ ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރަން ފެށުމާއި ވެރިންނަކީ ޠާޣޫތުންކަމަށް ދެކެން ފެށުމެވެ. ރާއްޖޭގައި (ޑޮޓް ފިކުރު) އުފެދިގެން އައީ އެއިގެތެރެއިންނެވެ. ވަކިން ޖަމާޢަތް ހެދުމުގެ ޙަރަކާތްތައް ހުއްޓުވުނީ ޑރ ޢަބްދުލްމަޖީދުގެ މިނިސްޓަރކަމާއި އަޅުގަނޑުގެ ވަޒީރުކަމުގައި ގެންދިޔަ ދީނީ ކައުންސިލިންނާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ސަބަބުންނެވެ. އެއިރުގައި ހިމަންދޫ މީހުން ޖަލުގައި ބަންދުކޮށްފައި ތިބި އިރު ކިޔަވާދޭން އަޅުގަނޑުވެސް ދަމެވެ. އަދި ވަކިން ޖަމާޢަތް ހެދުން ހުއްޓުވުމަށް އެރަށަށް ވެސް އެކި ފަރަހަރު މަތުމަތިން ދެވުނެވެ.

އަދި ފަހުން އެފަދަ ފަރާތްތަކަށް ޚާއްޞަކޮށްގެން އިމާމް ޕްރޮގްރާމެއް ފަރުމާކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަށުން ޤުރުއާނާބެހޭ މަރުކަޒު މެދުވެރިކޮށް އެ ޕްރޮގްރާމް ހިންގައި އެއިގެތެރެއިން އެތައް ބަޔަކު އިޞްލާޙުވެ މިސްކިތްތަކަށް ޖަމާޢަތަށް ނަމާދަށް އަރަންފެށިއެވެ. އަޅުގަނޑު ދެކޭ ގޮތުގައި ފިކުރީ މައްސަލަ ޙައްލުކުރެވޭނީ ނަސޭހަތާއި ޢިލްމު ދީގެންނެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ކައުންސެލިން ދެވޭނޭ ހަރުދަނާ ނިޒާމެއް ދައުލަތުގައި އޮންނަންޖެހެއެވެ. މިކަމަށް ޚާއްޞަ ޕްރޮގްރާމެއް އެކުލަވާލެވިދާނެއެވެ. މިކަންކުރުމުގައި އިސްލާމީ ޤައުމުތަކުގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަތުން މުހިންމު ކަމުގައި ދެކެމެވެ.

ފިކުރީ އަމާންކަން ޤާއިމު ކުރުމުގައި މީޑިޔާގެ ދައުރު ފުޅާކުރުން

މީޑިޔާއަކީ ފިކުރީ އަމާންކަން ޤާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ އެއް ވަސީލަތެވެ. އެންމެ މުހިންމު އެއް ވަސީލަތަކީ އެއީއެވެ. އެކަމަކު މިކަންކުރުމުގައި ޕްލޭނެއް އޮންނަންޖެހެއެވެ. ދިވެހި މުޖްތަމަޢުގައި ހުރި މައްސަލަތައް ދެނެގަނެވެން ޖެހެއެވެ. އެއަށް ފަހު އެކަންކަމަށް އަމާޒުކޮށް ޑިސްކަޝަންތައް ބޭއްވުން މުހިންމެވެ. ޒުވާނުންގެ ހިތްތަކުގައި އުފެދިފައި ހުރި ސުވާލުތަކަށް ޖަވާބު ދެވެންޖެއެވެ. ފިކުރީ އަމާންކަން ޤާއިމު ކުރުމުގައި ޢިލްމީ ޖަވާބަކީ އެންމެ މުހިންމު ދޮރެވެ. މިޒަމާނުގެ ޒުވާން ޖީލަށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތާއި އެކަލޭގެފާނުގެ ޙަޔާތްޕުޅުން ފެނިގެންދިޔަ ޙަޟާރީ އަޚުލާޤީ ސަމާޙަތްތެރި ރީތި ދީން އުނގަންނައި ދިނުމަށް މީޑިޔާ މެދުވެރިކޮށް އުފައްދައި ފޮނުވި ދިވެހި ބަހުން އޮތް ދިވެހިންގެ އަމިއްލަ ޕްރޮގްރާމަކީ " ރަޙުމަތުގެ ނަބިއްޔާ" ސިޔަރަތު ޕްރޮގްރާމެވެ.

މިއީ ސިޔަރަތާ ގުޅުވައިގެން ދިރިއުޅުމުގެ ގިނަ ދާއިރާއަކަށް އަމާޒުކޮށް ދިވެހިބަހުން ތައްޔާރުކޮށްފައިވާ އެންމެ ބޮޑު ސިލްސިލާ ޕްރޮގްރާމެވެ. އެ ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ރަސޫލާގެ ޙަޔާތްޕުޅުގެތެރެއިން ދީނުގެ ހުރިހާ ދާއިރާއެއް ޝާމިލްވެފައިވާނެއެވެ. ނަމަވެސް މުހިންމު ކަން އަދިވެސް ދެވެނީ ޖުއްބާއާއި، ފޮށާއާއި ޖަމަލާއި ޙިމާރާއި މީހުން މަރާ ތަންތަނާއި އެފަދަ ލައިފް ސްޓައިލް ދައްކައިދޭ ސިޔަރަތު ޕްރޮގްރާމްތަކަށެވެ. އަޅުގަނޑު ދެކެކޭ ގޮތުގައި ބައެއް ސިޔަރަތު ޕްރޮގްރާމްތަކުގެ ލަވަ ކިތައްމެ ރީއްޗަކަށް އެ ޕްރޮގްރާމްތަކަކީ މިޒަމާނުގެ ކުޑަ ކުދިންނާއި ޒުވާން ޖީލަށް އެންމެ އެކަށީގެންވާ ޕްރޮގްރާމްތަކެއްނޫނެވެ. ފެންނަ މަންޒަރުތަކާއި ލައިފް ސްޓައިލުން ފިލާވަޅު ލިބެނީ އެހެންގޮތަކަށެވެ. ވީމާ މީޑިޔާގެ ޕްރޮގްރާމްތައް ވެސް ޙާލަތާއި ޒަމާނަށް ފެތެންޖެހެއެވެ.

މި ދެންނެވީ ހަރުކަށި ވިސްނުންމާއި ޓެރަރިޒަމް ނައްތާލުމަށާއި ފިކުރީ އަމާންކަން ޤާއިމު ކުރުމުގައި ކުރުން މުހިންމު ކަމަށް ފެންނަ ކަންކަމެވެ. މިކަންކަމަކީ ތަޖުރިބާތަކުގެ އަލީގައި ދަންނަވާ ވާހަކަތަކެވެ. މިކަންކަމާމެދު ޚިޔާލު ތަފާތުވާ ބަޔަކު އުޅެވެސް ދާނެއެވެ. އެކަމަކު ޢިލްމީ ބިނާކުރަނިވި ޚިޔާލުތަކަށް އަބަދުވެސް މަރުޙަބާއެވެ.